ހަބަރު

ޖޭޕީއިން އަދި ރަނިންމޭޓަކު ކަނޑައެއް ނާާޅަން: ޑރ. ހުސެއިން

ޖުމްހޫރީ ޕާޓީން އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓެއްގެ ގޮތުގައި އަދި ބޭފުޅަކު ކަނޑައަޅާފައިނުވާ ކަމަށް އެ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންދާ ޑރ. ހުސެއިން ރަޝީދު ހަސަން މިރޭ ވިދާޅުވެއްޖެ އެވެ.

ހުސެއިން ރަޝީދު މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި ޖުމްހޫރީ ޕާޓީން ރަނިންމޭޓެއްގެ ގޮތުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އިހްތިޔާރުކޮށްފައިވާ ކަމަށް ދޭހަވާ ގޮތަކަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދަނިކޮށެވެ.

ހުސެއިން ރަޝީދު އަވަސްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކައުންސިލުން މިހާތަނަށް ރަނިންމޭޓެއް ކަނޑައަޅާފައިނުވާނެ ކަމަށެވެ. އަދި ނުރަސްމީ ގޮތެއްގައި ވެސް ރަނިންމޭޓަކާ ގުޅޭ ގޮތުން ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

"އެހެން ނަމަވެސް އެ ޕްރޮސެސް ދަނީ ކުރިއަށް، ވަރަށް އަވަހަށް ރައްޔިތުން އެދޭ ގޮތަށް ރަނިންމޭޓެއް އަޅުގަނޑުމެން ކަނޑައަޅާނަން،" ހުސެއިން ރަޝީދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން މީގެކުރިން ބުނެފައިވާ ގޮތުގައި އެ ޕާޓީން ރަނިންމޭޓެއް ކަނޑައަޅާނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

ޖުމްހޫރީ ޕާޓީގެ ރަނިންމޭޓްގެ ރޭހުގައި ޕާޓީގެ ނައިބު ލީޑަރުން ކަމަށްވާ އަބްދުﷲ އަމީނާއި ހުސެއިން ރަޝީދު ހަސަނާއި ކައުންސިލް މެންބަރު އަދި ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ އަދި މަޖިލިސް މެންބަރުން ކަމަށްވާ އަލީ ހުސެއިނާއި ފައިސަލް ނަސީމް ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ.

ސޯޝަލް މީޑިއާގައި ރަނިންމޭޓްގެ ރޭހުގެ އެންމެ ކުރީގައި އުޅުއްވަނީ އަލީ ހުސެއިނެވެ. އޭނާއަށް ގިނަ ބަޔަކު ތާއިދު ކުރައްވަމުންދާއިރު މިނިވަން ބޭފުޅުން ވެސް އެ ބޭފުޅުންގެ ތާއިދު އަލީ ހުސެއިނަށް ދަނީ ދައްކަވަމުންނެވެ. ދެން އެންމެ ކުރީގައި އުޅުއްވަނީ ގާސިމްގެ އަނބިކަނބަލުން އައިޝާ އެވެ.