ހަބަރު

ޖޭޕީގެ ރަނިންމޭޓް ކަމަށް އަލީ ހުސެއިން ކުރިމަތިލައްވައިފި

ޖުމްހޫރީ ޕާޓީން އިދިކޮޅު ކޯލިޝަނަށް ނެރޭ ރަނިންމޭޓް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން މިއަދު ކުރިމަތިލައްވައިފި އެވެ.

އަލީ ހުސެއިނަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވަޑައިގެންނެވި ބޭފުޅެކެވެ. ޕާޓީގައި ވަރަށް އިސްކޮށް މެންބަރުން އިތުރުކުރުމަށް ވެސް އަލީ ހުސެއިން މަސައްކަތްތައް ކުރައްވަ އެވެ.

އަލީ ހުސެއިން މިއަދު ރަނިންމޭޓް ކަމަށް ކުރިމަތިލައްވަން ފޯމް ހުށަހެޅުއްވިއިރު އޭނާއަށް ސަޕޯޓްކުރާ މީހުން ވެސް އެކުގައި ތިއްބެވެ.

ރަނިންމޭޓް ކަމަށް ކުރިމަތިލާން ޖުމްހޫރީ ޕާޓީން ހުޅުވާލާފައިވާއިރު އެ މަގާމަށް އަލީ ހުސެއިންގެ އިތުރުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީނާއި ޑރ. ހުސެއިން ރަޝީދު ހަސަން އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވަނީ ކުރިމަތިލައްވާފަ އެވެ.

ރަނިންމޭޓް ކަމަށް ކުރިމަތިލެއްވުމަށްފަހު އަލީ ހުސެއިން ވިދާޅުވީ، ސިޔާސީ މައިދާނުގައި އޭނާ އަބަދުވެސް އިސްކަން ދެނީ ރައްޔިތުންގެ މަސްލަހަތަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ކުރައްވާފައިވަނީ އެ މަސައްކަތް ކަމަށެވެ. އެންމެ އިސްކަން ދެއްވަނީ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށެވެ.