ހަބަރު

ފޮޓޯތައް ނަގަން އެންގީ ސަރުކާރުން ބަލި ގަބޫލުކުރީމަ: އަލީ ހުސެއިން

އިދިކޮޅު ލީޑަރުންގެ ފޮޓޯތައް ހަރުނުކުރަން ފުލުހުން އެންގުމަކީ ސަރުކާރުން ބަލި ގަބޫލުކޮށްފައިވާކަން ހާމަވާ ކަމެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފުލުހުން ވަނީ ކުށްވެރިން ޕްރޮމޯޓްވާ ގޮތަށް އެމީހުންގެ ފޮޓޯތައް ބޭނުންކޮށްގެން ހަރަކާތްތައް ނުހިންގުމަށް ޕާޓީތަކާއި މީޑިއާއަށް އަންގާފަ އެވެ.

އެހެން ފުލުހުން އެންގީ އިއްޔެ އިދިކޮޅު ކޯލިޝަނުން މާލޭގައި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ހިންގާފައިވަނިކޮށެވެ. އެ ހަރަކާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ފޮޓޯ ބޭނުންކޮށްފައިވެ އެވެ. އެ ފޮޓޯތައް ބޭނުންކޮށްފައިވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ކެމްޕެއިނަށް ތާއިދު ހޯދުމުގެ ގޮތުންނެވެ.

އެކަމާ ގުޅިގެން އަލީ ހުސެއިން މިއަދު ވިދާޅުވީ، އިދިކޮޅު ހަތަރު ލީޑަރުންގެ ފޮޓޯތައް ވަރަށް ގިނަ ވާނެ ކަމަށާއި އެ ފޮޓޯތައް ނަގަން ފުލުހުން ދިމާކޮށްފިނަމަ އޭގެ މާނައަކީ ސަރުކާރުން ބަލި ގަބޫލުކުރުން ކަމަށެވެ.

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ފޮޓޯއާއި މައުލޫމާތު ބޭނުންކޮށްގެން އެފަރާތްތައް ކުރިއަށްނެރެ ޝަހުސު އޮޅޭގޮތަށް ހިންގަމުންދާ ހަރަކާތްތަކާއި އަމަލުތަކަކީ ގާނޫނުތަކާ ގަވާއިދާ ހިލާފު ހަރަކާތްތަކެއް ކަމަށެވެ. ހެދިފައިވާ ގާނޫނުތަކާ ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން އެފަދަ ހަރަކާތްތައް ނުހިންގުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ އަމަލުތަކާ ހަރަކާތްތައް ހިންގާ ފަރާތްތައް ހޯދައި، އެފަރާތްތަކުގެ މައްސަލަތައް ބަލައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.