ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެއްބުރުން ހޯވައިދިނުމަށް އެންމެން އެއްބައިވަންތަވުމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.
ޑރ. ޝަހީމް މިގޮތަށް ގޮވާލެއްވީ ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސެވިތާ އިރުކޮޅެއް ފަހުން ކުރެއްވި ޓްވީޓެއްގަ އެވެ.
ރަނިންމޭޓެއްގެ ގޮތުގައި ޑރ. ޝަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައީސް ޔާމީންގެ ފަހަތްޕުޅުގައި ދިވެހި އެންމެހާ ރައްޔިތުން އެއްބައިވަންތަވެ އިލްމްވެރިންނާއި ޒަމާނުންނާއި ގައުމުގެ އެންމެހާ ކަނބަލުން އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިރޭ ޝަހީމް ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސެވިކަން ރައީސް ޔާމީން އިއުލާން ކުރައްވާފައިވަނީ މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގަ އެވެ. ޑރ. ޝަހީމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ.
އިސްލާމިކް މިނިސްޓަރު ކަމުން ޑރ. ޝަހީމް އިސްތިއުފާ ދެއްވީ އަދާލަތު ޕާޓީ ސަރުކާރާ ހިޔާލު ތަފާތުވެ ކޯލިޝަނުން ވަކިވުމުންނެވެ. ކެބިނެޓަށް ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ. ފަހުން ޑރ. ޝަހީމް ވަނީ އަދާލަތު ޕާޓީން
ވަކިވެވަޑައިގެންފަ އެވެ.
ޑރ. ޝަހީމަށް ރައީސް ޔާމީންގެ ރަނިންމޭޓްކަން ދެއްވާފައިވާއިރު އޭނާއަކީ ސައުދި އަރަބިއްޔާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ރައީސް ޔާމީނަކީ ސައުދި އަރަބިއްޔާއާއެކު އޮންނަ ގުޅުމަށް އިސްކަން ދެއްވާ ބޭފުޅެކެވެ.
އޭނާއަކީ ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ވަރަށް އިލްމީ ބޭފުޅެކެވެ. އުސޫލުލް ފިގްހުން ޕީއެޗްޑީ ނަންގަވާފައިވާ ޝަހީމް ވަނީ އިސްލާމިކް މިނިސްޓަރުކަމުގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި އިސްލާމިކް ފިގްހް އެކަޑެމީގެ މެންބަރުކަން ކުރައްވާފަ އެވެ.