ޖުމްހޫރީ ޕާޓީގެ ރަނިންމޭޓަކަށް ކުރިމަތިލާން މިއަދު ހުޅުވާލަން އެ ޕާޓީން ނިންމައިފި އެވެ. މިއަދު ހަވީރު ޕާޓީގެ ކައުންސިލް ބައްދަލުވުމެއް އޮންނާނެ އެވެ.
ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްޕާސަން އަލީ ސޯލިހު މިއަދު ވިދާޅުވީ، ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް ބައްދަލުވުމުގައި ރަނިންމޭޓަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އެ ފުރުސަތުގައި ނަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ރަނިންމޭޓަކު އިހްތިޔާރު ކުރާނީ އަންގާރަ ދުވަހު ބާއްވާ ކައުންސިލް ބައްދަލުވުމުގަ ކަމަށެވެ.
އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓެއް ހޮވުމަށް ޖުމްހޫރީ ޕާޓީއަށް ދީފައިވާއިރު އެ މަގާމަށް ގިނަ ބޭފުޅުންތަކެއް ޝައުގުވެރިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ޖުމްހޫރީ ޕާޓީގެ ރަނިންމޭޓްގެ ރޭހުގައި ޕާޓީގެ ނައިބު ލީޑަރުން ކަމަށްވާ އަބްދުﷲ އަމީނާއި ހުސެއިން ރަޝީދު ހަސަނާއި ކައުންސިލް މެންބަރު އަދި ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ އަދި މަޖިލިސް މެންބަރުން ކަމަށްވާ އަލީ ހުސެއިނާއި ފައިސަލް ނަސީމް ވާދަ ކުރައްވާނެ ކަމަށް މީގެކުރިން ބެލެވުނެވެ.
ސޯޝަލް މީޑިއާގައި ރަނިންމޭޓްގެ ރޭހުގެ އެންމެ ކުރީގައި އުޅުއްވަނީ އަލީ ހުސެއިނެވެ. އޭނާއަށް ގިނަ ބަޔަކު ތާއިދު ކުރައްވަމުންދާއިރު މިނިވަން ބޭފުޅުން ވެސް އެ ބޭފުޅުންގެ ތާއިދު އަލީ ހުސެއިނަށް ދަނީ ދައްކަވަމުންނެވެ. އޭނާއަށް ރަނިންމޭޓްކަން ކަށަވަރުވެފައިވާ ކަމަށް ދޭހަވާ ގޮތަށް ވެސް ބައެއް ފަރާތްތަކުން ދަނީ ޓްވީޓްތައް ކުރަމުންނެވެ.
ދެން އެންމެ ކުރީގައި އުޅުއްވަނީ ގާސިމްގެ އަނބިކަނބަލުން އައިޝާ އެވެ. ނަމަވެސް ގާސިމް އިބްރާހިމް ވަނީ އައިޝާ ރަނިންމޭޓެއްގެ ގޮތުގައި ނުނެރެން ނިންމާފަ ކަމަށްވެ އެވެ. އަދާލަތު ޕާޓީން ވަނީ އަންހެން ރަނިންމޭޓަކު ގަބޫލުކުރަން އުނދަގޫވާނެ ކަމަށް ބުނެފަ އެވެ.
މިއަދު އިދިކޮޅުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާފަ އެވެ. ރަނިންމޭޓަކަށް ކުރިމަތިލާން އެ ޕާޓީން ހުޅުވާލީ އޭގެ ފަހުންނެވެ. އޭގެ ކުރިން އިބޫ ވަނީ މިއަދު އެކަމުގައި ގޮތެއް ކަނޑައެޅިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.