ހަބަރު

ރިލްވާންގެ ބޭބެ، މޫސާ ރިލްވާންގެ ހެކި ބަސް ސްކައިޕް މެދުވެރިކޮށް ނަގަން ނިންމައިފި

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ އެއް ބަނޑު ބޭބެ މޫސާ ރިލްވާންގެ ހެކި ބަސް ނެގުމަށް ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

ރިލްވާންގެ މައްސަލާގައި ދައުވާ ލިބޭ ގ. ހިލްޓަން، އާލިފް ރައޫފްގެ ރަތް ކުލައިގެ ކާރުން ފެނުނު ޑީއޭންއޭ ރިލްވާންގެ މަންމަ އައިޝަތު އީސާގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މައްސަލާގައި ދެން ދައުވާކުރަނީ އެ ކާރު ހުޅުމާލޭގައި ދުއްވި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.

ދައުލަތުން ބުނަނީ ރިލްވާން ގެއްލުވާލާފައިވަނީ އެ ކާރަށްލުމަށްފަހު ކަމަށެވެ. ރިލްވާންގެ މަންމަގެ ޑީއެންއޭ ކާރުން ފެނުނު އިސްތަށިން ނެގި ޑީއެންއޭއާ ދިމާވެފައިވާއިރު އެ ޑީއެންއޭ ރިލްވާންއާ ގުޅުވުމަށް ދައުލަތުން ވަނީ އެ ކާރަށް ރިލްވާންގެ މަންމަ އަދި އެއް ބަނޑު އެއްވެސް މީހަކު ނާރާކަން ސާބިތުކުރުމަށް އެ އެންމެން ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.

ރިލްވާންގެ މަންމަ އާއި އެއްބަނޑު ހަތަރު ދައްތައިން ކަމަށްވާ މަރިޔަމް ޝިފާޒާ އާއި މަރިޔަމް ފަޒުނާ އާއި ނަސްރީނާ މޫސާ އާއި ފާތިމަތު ޝެހެނާޒް އަދި ރިލްވާންއާ އެއްބަނޑު ތިން ބޭބެއިން ކަމަށްވާ އާދަމް ސަލީމާއި އަލީ ރަޝީދާއި އަބްދުﷲ އަލިއްޔު ވަނީ ހެކި ބަސް މީގެކުރިން ދީފަ އެވެ. އެ އެންމެން ވެސް ވަނީ އެ ކާރަށް ދުވަހަކު ވެސް ނާރާ ކަމަށް ބުނެފަ އެވެ. އެ އެންމެންގެ ހެކި ބަހުން ރިލްވާންގެ އެއް ބަނޑު އިތުރު ބޭބެއެއް ހުންނަކަން ހާމަވި އެވެ. އެއީ މޫސާ ރިލްވާން އެވެ. އޭނާ މިހާރު ދިރިއުޅެނީ މެލޭޝިއާގަ އެވެ.

އޭނާގެ ހެކި ބަސް ނެގުމަށް ދައުލަތުން އެ ދުވަހު އެދުނެވެ. ނަމަވެސް ހެކި ހުށަހެޅި މޫސާ ރިލްވާންގެ ނަން ހުށަހަޅާފައެއް ނުވެ އެވެ. އެހެންވެ ދައުވާ ލިބޭ ދެ މީހުންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ މޫސާ ރިލްވާންގެ ހެކި ބަސް ނެގުމާމެދު އިއުތިރާޒު ފާޅުކުރައްވާފަ އެވެ. މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް އެ ދުވަހު ނިންމެވީ މޫސާ ރިލްވާންގެ ހެކި ބަސް ނެގުމާމެދު އެހެން ހުރިހާ ހެކިންގެ ހެކި ބަސް ނަގާ ނިމުމުން ގޮތެއް ނިންމުމަށެވެ.

މިއަދު މެންދުރުފަހު ބޭއްވި އަޑުއެހުމުގައި ގާޒީ އާރިފް ނިންމެވީ މޫސާ ރިލްވާންގެ ހެކި ބަސް ނެގުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، މުޅި އެ މައްސަލަ ބިނާވެފައިވަނީ ޑީއެންއޭގެ މައްޗަށް ކަމަށްވާތީ އެވެ. މޫސާ ރިލްވާންގެ ހެކި ބަސް ނުނަގައިފިނަމަ އެ މައްސަލާގައި އުފެދިގެން އަންނާނީ ބޮޑު ޝައްކެއް ކަމަށާއި އެ ޝައްކު އުފެދުނު ނުދިނުމަށާއި އިންސާފަށް ވާސިލްވުމަށްޓަކައި އޭނާގެ ހެކި ބަސް ނެގުން މުހިންމު ކަމަށް ގާޒީ ވިދާޅުވި އެވެ.

މެލޭޝިއާގައި ދިރިއުޅޭ މޫސާ ރިލްވާން އެ ގައުމުގެ ރާއްޖޭގެ އެމްބަސީއަށް އަންނަ ބުރާސްފަތި ދުވަހު ހާޒިރުކޮށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދައިން އެމްބަސީގެ ފަސްޓް ސެކެޓްރީއެއްގެ ހާޒިރުގައި ހެކި ބަސް ނެގޭނެ އިންތިޒާމް ހަމަޖައްސަން ގާޒީ އެންގެވި އެވެ. އޭނާގެ ހެކި ބަސް ނެގުމަށް ހަމަޖެހިފައިވަނީ ސްކައިޕް މެދުވެރިކޮށެވެ. މިއީ ރާއްޖޭގައި ސްކައިޕް މެދުވެރިކޮށް ނަގާ ފުރަތަމަ ހެކި ބަހަށް ވާނެ އެވެ.

ދައުލަތުން ވަނީ ބުރާސްފަތި ދުވަހަށް މޫސާ ރިލްވާން އެމްބަސީއަށް ހާޒިރު ނުކުރެވިއްޖެނަމަ އިތުރު ފުރުސަތެއް ދެއްވުމަށް އެދިފަ އެވެ. ގާޒީ ވިދާޅުވީ އެފަދަ ހާލަތެއްގައި މަގުބޫލް އުޒުރެއް އޮންނަން ޖެހޭނެ ކަމަށެވެ.

މައްސަލާގައި ދައުލަތުން ހުށަހެޅި އިތުރު ސިއްރު ހެއްކެއްގެ ހެކި ބަސް ނުނަގަން ވެސް މިއަދު ގާޒީ އާރިފް ނިންމެވި އެވެ. އެއީ އޭނާ ކޯޓަށް ހާޒިރުކުރުމަށް ދައުލަތުން މަސައްކަތްކޮށްގެން އެކަން ނުވެ، ކޯޓުން ކުރި މަސައްކަތުން ވެސް އޭނާ ހާޒިރު ކުރެވިފައިނުވާތީ އެވެ.

އެ ހެކިވެރިޔާ ދިރިއުޅޭ ގެއަށް އެތައް ފަހަރަކު ޗިޓް ފޮނުވުމުން ވެސް އެ ޗިޓް ހަވާލުކުރެވިފައިނުވާ ކަމަށާއި ކޯޓުން އޭނާއަށް ގުޅުމުން ވެސް އެ މައްސަލާގައި ހެކި ބަސް ދޭން ހާޒިރު ނުވާނެ ކަމަށް ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އޭނާ ހާޒިރުކުރުމަށް އެކަށީގެންވާ މަސައްކަތް ކުރެވިފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އޭނާގެ ހެކި ބަސް ނުނެގި ނަމަވެސް އޭނާ ދީފައިވާ ތަހުގީގު ބަޔާނަށް ރިއާޔަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ގާޒީ އާރިފް ވިދާޅުވީ، ހެކިން ހާޒިރުކުރުމުގައި ކޯޓަށް އޮންނަ ޒިންމާއަކީ ހާޒިރުވާން އެންގުން ކަމަށާއި އެމީހަކު ހައްޔަރުކޮށްގެން ގެނައުމުގެ ބާރެއް ނޯންނަ ކަމަށެވެ. ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތް ގޮތުން ދައުވާ ލިބޭ މީހުން އެކަނި ކަމަށް ވިދާޅުވި އެވެ.

މި މައްސަލާގައި މޫސާ ރިލްވާންގެ ހެކި ބަސް ނެގުމުން ދައުލަތުގެ ހުރިހާ ހެކިންގެ ހެކި ބަސް ނަގާ ނިމުނީ އެވެ. ދެން މައްސަލާގައި އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. އެއަށްފަހު އޮންނާނީ ހުކުމެވެ.