ހަބަރު

ޗާންސެލަރު ކަމުން އިސްތިއުފާ ނުދޭން ޝަހީމް ނިންމަވައިފި

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމުން ޑ. މުހަމައްދު ޝަހީމް އަލީ ސައީދު އިސްތިއުފާ ނުދެއްވަން ނިންމަވައިފި އެވެ. އެގޮތަށް ޝަހީމް ނިންމެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްތިއުފާ ނުދެއްވަން އެންގެވުމުންނެވެ.

ޑރ. ޝަހީމް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމަށް ވަޑައިގެންނެވީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މަގާމުގެ ކުރިން ހުންނެވީ ޔުނިވާސިޓީގެ ވައިސް ޗާންސެލާގެ މަގާމުގަ އެވެ. ވައިސް ޗާންސެލާގެ މަގާމަށް ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު އެވެ.

ރައީސް ޔާމީންގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ކަމުން ޑރ. ޝަހީމް އިސްތިއުފާ ދެއްވީ އަދާލަތު ޕާޓީ ސަރުކާރާ ހިޔާލު ތަފާތުވެ ކޯލިޝަނުން ވަކިވުމުންނެވެ. ކެބިނެޓަށް ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ. ފަހުން ޑރ. ޝަހީމް ވަނީ އަދާލަތު ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

ޑރ. ޝަހީމް ޗާންސެލާގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަން އިއުލާން ކުރެއްވީ ޕީޕީއެމް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ޝަހީމް ވިދާޅުވީ ރައީސް އެގޮތަށް އެންގެވުމުން ބަންޑާރަ ނައިބުގެ ލަފާއެއް ވެސް ހޯދާފައިވާ ކަމަށާއި އެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ގާނޫނީ ހަމައެއް ނެތް ކަމަށް އެ އޮފީހުން ލަފާ ދެއްވާފައިވާ ކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީއަށް މިއަދު ވައިސް ޗާންސެލާއެއް ހަމަޖެހިގެންދާނެ ކަމަށާއި ޔުނިވާސިޓީ ހިންގުމުގެ ހުރިހާ ކަމެއް ކުރައްވާނީ ވައިސް ޗާންސެލާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އޭނާގެ ދައުރަކަށް ވާނީ އެޑްވައިޒަރެއްގެ ދައުރު ކަމަށާއި ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިނަށް އެ މަގާމުގެ ސަބަބުން އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.

ޝަހީމް ވިދާޅުވީ، އިސްލާމިކް ޔުނިވާސިޓީއަކީ ރައީސް ޔާމީންގެ ވަރަށް ބޮޑު މަޝްރޫއެއް ކަމަށާއި އެ މަޝްރޫއު ހިންގުވެމުގައި ޝަހީމް ހުންނެވުމަށް ރައީސް ޔާމީން ބޭނުންފުޅުވާ ކަމަށެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ކުރިން ނިންމަވައި އިއްޔެ ވަނީ އިސްލާމިކް ޔުނިވާސިޓީގެ މުވައްޒަފުންނާއި ވެރިންނާ ބައްދަލު ކުރައްވާފަ އެވެ.

ޑރ. ޝަހީމަށް ރައީސް ޔާމީންގެ ރަނިންމޭޓްކަން ދެއްވާފައިވާއިރު އޭނާއަކީ ސައުދި އަރަބިއްޔާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ރައީސް ޔާމީނަކީ ސައުދި އަރަބިއްޔާއާއެކު އޮންނަ ގުޅުމަށް އިސްކަން ދެއްވާ ބޭފުޅެކެވެ.

އޭނާއަކީ ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ވަރަށް އިލްމީ ބޭފުޅެކެވެ. އުސޫލުލް ފިގްހުން ޕީއެޗްޑީ ނަންގަވާފައިވާ ޝަހީމް ވަނީ އިސްލާމިކް މިނިސްޓަރުކަމުގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި އިސްލާމިކް ފިގްހް އެކަޑެމީގެ މެންބަރުކަން ކުރައްވާފަ އެވެ.