ހަބަރު

އޭލެވެލްގެ ދުނިޔޭގެ ގަދަ 10 ގައި ދިވެހި 47 ދަރިވަރުން

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި އޭ ލެވެލް އިމްތިހާނުގައި ދުނިޔޭގެ ނިސްބަތުން އެންމެ މަތީ ނަތީޖާ ހޯދައިގެން ދުނިޔޭގެ ޓޮޕް ޓެންގައި ރާއްޖޭގެ 45 ދަރިވަރަކު ހިމެނިއްޖެ އެވެ.

މިދިޔަ އަހަރު ބޭއްވި އޭ ލެވެލް އިމްތިހާނުން އެންމެ މަތީ ވަނަ ހޯދި ދަރިވަރުންގެ ނަތީޖާ ފާޅުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ރޭ ވަނީ ދަރުބާރު ގޭގައި ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި މަތީ ވަނަ ހާސިލްކުރި ދަރިވަރުންގެ ތެރޭގައި މިދިޔަ އަހަރު ރާއްޖޭގެ ނިސްބަތުން އޭ ލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު 205 ދަރިވަރަކު ހިމެނެ އެވެ. އަދި އޭ ލެވެލްގެ ފަސް މާއްދާއިން "އޭ" ފާސް ހޯދި 47 ދަރިވަރުންނާއި ދުނިޔޭގެ ގަދަ 10 އެއްގައި ހިމެނުނު 45 ދަރިވަރުންގެ އިތުރުން މުޅި ދުނިޔެއިން އެއްވަނަ ހޯދި 6 ދަރިވަރަކަށް ވަނީ ރޭ އިނާމާއި ހަނދާނީ ލިޔުން ދީފަ އެވެ.

ރޭ މަތީ ވަނަ ހޯދި ދަރިވަރުންނަށް މަރުހަބާ ދަންނަވަމުން މިނިސްޓަރު ޑރ އައިޝަތު ޝިހާމް ވިދާޅުވީ މިދިޔަ އަހަރަކީ އެންމެ ގިނަ އަދަދެއްގެ ދަރިވަރުން އޭ ލެވެލްގައި އޭ ފާސް ހޯދި އަހަރު ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުން ގަދަ ދިހައެއްގައި އެންމެ ގިނަ ދަރިވަރުން ހިމެނިފައިވަނީ ވެސް މިދިޔަ އަހަރު ކަމަށާއި، މި ނަތީޖާތަކުން ޔަގީންކުރެވޭ ކަމަކީ ރާއްޖޭގައި ދޭ ތައުލީމުގެ ފެންވަރު އަހަރެއް އަހަރަކަށް ފާހަގަކޮށްލެވޭ މިންވަރަށް ކުރިއަރަމުންދާކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަދި އެއީ ދަރިވަރުންގެ ނަތީޖާ ރަގަޅުކުރުމަށްޓަކައި އެކި ފެންވަރުގައި އަޅުގަނޑުމެންކުރާ މަސައްކަތްތަކުގެ ނަތީޖާ. މިއަދު ސްކޫލުގެ ތައުލީމީ މަރުހަލާ ނިންމާ ދަރިވަރުންނަށްވެސް އެކުދިންގެ މުސްތަގުބަލަށްޓަކައި އެތައް ފުރުސަތުތަކެއް މިވަނީ ހުޅުވާދެވިފައި. ސްކޮލަޝިޕާއި ލޯނުގެ ޒަރިއްޔާއިން ސްކޫލު މަރުހަލާ ނިންމާ ކުދިންނަށް މަތީތައުލީމާއި ތަމްރީނުތައް ހޯދުމުގެ ފުރުސަތު ސަރުކާރުންވަނީ ކަށަވަރުކޮށްދެއްވާފައި،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ކިޔަވައި ނިމިގެން ގައުމަށް ހިދުމަތްކުރުމަށް ރޭ ވަނަ ހާސިލްކުރި ދަރިވަރުންނަށް ގޮވާލައްވާފަ އެވެ.