ރިޕޯޓް

ބިޔަ މަޝްރޫއުތަކުގެ ބިރާއި އިގްތިސޯދަށް އޮތް ފައިދާ!

ބޮޑެތި ބިޔަ މަޝްރޫއު ތަކެއް ރާއްޖޭގައި އެބަ ހިނގަ އެވެ. އެއީ ދޮގެކޭ ނުބުނެވޭނެ ހަގީގަތެކެވެ. ޓޫރިޒަމް ތަރައްގީ ކުރަން ގިނަ ފަޅު ތަކެއް ދަނީ ހިއްކަމުންނެވެ. އަދި މީގެ އިތުރަށް ސީދާ ސަރުކާރުން ވެސް ބޮޑެތި މަޝްރޫއު ތަކެއް އެބަ ކުރިއަށް ގެންދެ އެވެ. މި މަޝްރޫއުތަކުގެ މަސައްކަތް ކުރަނީ ބޭރުގެ ކުންފުނިތަކުންނެވެ. އެހެންވެ މި މަޝްރޫއު ތަކުން ދިވެހިންނަށް ލިބެނީ ކޮން ފައިދާއެއްތޯ އާންމުން ސުވާލު ކުރެ އެވެ. މިއިން ރާއްޖޭގެ އިގްތިސާދަށް ވިޔަފާރިއަށް ފައިދާއެއްވޭ ހެއްޔެވެ؟ މީގެ ސަބަބުން ކުރިއަށް އޮތް މުސްތަގުބަލުގައި ރާއްޖޭގެ އިގްތިސޯދުން ފޭދި ބޭރުވާ ފައިސާގެ އަދަދު އިތުރުވެ، ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ހެއްޔެވެ؟

ރާއްޖެއަށް ގިނަ ފޮރިން އިންވެސްޓްތަކެއް ގެނެސް، ބޭރުގެ އިންވެސްޓަރުންނާއެކު ރާއްޖޭގައި މަޝްރޫއުތައް ހިންގާ، ހޮޓެލް އެންޑް ރިސޯޓްސް (އެޗްއާރުސީ) ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވި ގޮތުގައި މި މަޝްރޫއުތަކުން މުޅި ގައުމަށް ފައިދާކުރެ އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ބަލަން ޖެހޭނީ ވަކި ކުންފުނި ތަކަށް ލިބޭ މަންފާ އަކަށް ނޫނެވެ. މުޅި އިކޮނޮމީ އަށް ލިބޭނެ ފައިދާއަށެވެ.

"ވަރަށް މުހިންމު ކަމެއް ކޮންމެ ގައުމަކަށް ވެސް އެކަށީގެންވާ މިންވަރެއްގައި ބިޔަ މަޝްރޫއުތައް ކުރިއަށް ދިއުމަކީ، އެކަން ރާއްޖޭގައި އަލަށް މިހިނގަނީ،" ޖަނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ހިންގާ ބޮޑެތި ބިޔަ މަޝްރޫއުތަކަށް ބަލާއިރު އެއް މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމެވެ.

ޗައިނާގެ ބީޔޫސީޖީ އިން ބޮޑު ބައިގެ މަސައްކަތް ކުރާ މަޝްރޫއުގެ އަގު އެއް ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި އަނެއް މަޝްރޫއަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ. ޗައިނާ އެގްޒިމް ބޭންކްގެ ލޯނެއްގެ އެހީގައި ކުރިއަށް ގެންދާ، މި މަޝްރޫއުގެ އަގު 200 މިލިއަން ޑޮލަރަށް އަރަ އެވެ. އަދި ދެން އޮތީ ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތެވެ. މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 2.1 ބިލިޔަން ރުފިޔާއަށް އަރަ އެވެ. މީގެ އިތުރުން މާލެ އަތޮޅުން އެކަނިވެސް 25 ފަޅެއް ވަނީ ޓޫރިޒަމް ފައްކާ ކުރަން ދޫކޮށްފަ އެވެ. އަދި މި ފަޅުގެ ތަކުގެ ތެރެއިން ބައެއް ތަންތަން ދަނީ ނިމެމުންނެވެ. އެ ފަޅުތަކުގެ ތެރޭގައި ބިލިއަނެއްހާ ޑޮލަރު އިންވެސްޓްކޮށްގެން ހަދާ އެނބޫދޫ ފަޅު، އިންޓަގްރޭޓެޑް ރިސޯޓު މަޝްރޫ އާއި އިތާފުށި އަދި ރަށްފަޅު ފަދަ ގިނަ ފަޅުތަކެއް ހިމެނެ އެވެ.

މަޝްރޫއުތައް ނުނިމުނަސް ފައިދާ ލިބޭ

އިގްތިސޯދަށް ލިބޭނެ ފައިދާ އާންމު ގިނަ ބަޔަކަށް ތަސައްވުރު ކުރަން އުނދަގޫވެދާނެ އެވެ. ނަމަވެސް އެނގެން ޖެހޭ ކަމަކީ މިފަދަ މަޝްރޫއުތަކުން ސީދާ ރައްޔިތުންނަށް ފައިދާއެއް ލިބޭތޯ ނުލިބޭތޯ އެވެ. އަދި އެހެން ވެއްޖިއްޔާ އެ ކުރާ ފައިދާއެއް ކުރަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟

މިހާރު ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން ބްރިޖު މަޝްރޫއުގައި އެކަނި ވެސް 2،000 އެއްހާ މީހުން މަސައްކަތް ކުރެ އެވެ. އަދި އެއާޕޯޓް މަޝްރޫއުގައި ވެސް ހާހަކަށް ވުރެ ގިނަ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އެނބޫދޫ ފަޅު މަޝްރޫއުގައި ވެސް 2000 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރެ އެވެ. އަދި އިތާފުއްޓާއި މި ނޫން ވެސް މަޝްރޫއުތަކުގައި ގިނަ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ ބޮޑެތި ބައެއް މަޝްރޫއު ތަކެވެ.

ބަލަން ޖެހޭނީ ވަކި ކުންފުނި ތަކަށް ލިބޭ މަންފާ އަކަށް ނޫން. މުޅި އިކޮނޮމީ އަށް ލިބޭނެ ފައިދާ އަށް. އެގޮތަށް ބަލާއިރު ވަރަށް މުހިންމު ކަމެއް ކޮންމެ ގައުމަކަށް ވެސް އެކަށީގެންވާ މިންވަރެއްގައި ބިޔަ މަޝްރޫއުތައް ހިންގުމަކީ
އެޗްއާރުސީގެ ޗެއާމަން | މުހައްމަދު އަލީ ޖަނާހު

ރާއްޖޭގެ ރިސޯޓު ދާއިރާގެ އެއް ބާނީ ޗަމްޕާ ހުސައިން އަފީފް ވިދާޅުވި ގޮތުގައި މި ފަދަ މަޝްރޫއުތަކުގެ ޓްރާންސްޕޯޓާއި
މުދާ އުފުލުން ފަދަ މަސައްކަތް ތަކުން ދިވެހިންނަށް ބޮޑު އާމްދަނީއެއް ލިބޭނެ އެވެ. އަދި އިގްތިސޯދީ މި މަސައްކަތްތަގެ ސަބަބުން އިގްތިސޯދުގައި ހިމެނޭ އެކި ފަންތިތަކަށް ހެޔޮ އަސަރުކޮށް ވަޅުޖެހިފައިވާ ވިޔަފާރިތަކަށް ދިރުން ލިބޭނެ އެވެ.

ހާއްސަގޮތެއްގައި ދަތުރުފަތުރު ކުރުމުގެ ދާއިރާ އަދި އިމާރާތް ކުރުމުގެ ދާއިރާ މިސާލަކަށް އަފީފު ނަންގަވަ އެވެ. އޭނާ ވިދާޅުވި ގޮތަށް، އިމާރާތް ކުރުމުގެ ދާއިރާގެ "ބޫމް" އެއް ރާއްޖޭގައި އެބަ އޮތެވެ. އެ ދާއިރާއަށް ބޭންކްތަކުން ދޫކުރާ ލޯނު މިއިން ދުވަހަކު މައްޗަށް ނުދާވަރަށް މިހާރު ވަނީ މައްޗަށް ގޮސްފަ އެވެ. އެހެން ވީމާ، މި މަޝްރޫއުތަކުން ގައުމަށާއި އިގްތިސޯދަށް ކުރިއެރުން ލިބެ އެވެ.

"އެނބޫދޫ ފަޅުގައި މަސައްކަތް ކުރާ މީހުންގެ ޓްރާންސްޕޯޓާއި މުދާ އުފުލުން ހަމަ ޖައްސަނީ ދިވެހިން. ބޮޑު ބައެއް ގަންނަނީ ރާއްޖޭގެ ބާޒާރުން. މި ހުރީ ސީދާ ރާއްޖޭގެ އިކޮނޮމީއަށް ލިބޭ ފައިދާ. މި ފައިސާ މުޅި އިގްތިސޯދުގައި ދައުރުވެ، ދައުރުވެ ހުރޭ،" އޭނާ ވިދާޅުވި އެވެ.

އެހެން ސީނިއާ ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި ބްރިޖު މަޝްރޫއުގައި މަސައްކަތް ކުރާ ޗައިނާ މީހުން ކެއުމަށް ބޭނުންވާ ބާވްތަކުގެ ބޮޑު ބައެއް ބޭރުން ގެނައި ނަމަވެސް ރާއްޖެއިން ގަންނަ މިންވަރު ވެސް މަދެއް ނޫނެވެ.

"ގާތްގަނޑަކަށް 40 ޕަސެންޓުގެ މި ހޯދަނީ ލޯކަލް ބާޒާރުން. ތިޔަ ބޭފުޅުން ކިތަންމެ ދުވަހަކު ފެންނާނެ ބާޒާރު ކުރަން އެމީހުން ގޮސް އުޅޭތަން. މިއީ ވަކިވަކި މީހުން. އަދި ސަޕްލައި ކޮށްދޭ ދިވެހި ކުންފުނިތަކެއް ވެސް ތިބޭ. މިއީ ހައްތާ ވެސް ރާއްޖެ އަށް ލިބޭ ފައިދާ،" އިތުރަށް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެ އިން ނ. އަތޮޅު މާފަރުގައި އަޅާ އެއާޕޯޓުގެ މަޝްރޫއަކީ ފާހަގަ ކޮށްލެވޭ ބޮޑު މަސައްކަތެކެވެ. ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެހީއެއްގެ ދަށުން އަޅާ މި އެއާޕޯޓުގެ އަގަކީ 60 މިލިއަން ޑޮލަރެވެ. އޭގެ ސަބަބުން އެ އަތޮޅަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް މި ވަނީ ލަފާކުރެވިފަ އެވެ.

މި އަތޮޅުގައި މީހުން ދިރިއުޅެނީ 13 ރަށުގަ އެވެ. އަދި މުޅި އަތޮޅުގެ އާބާދީއަކީ ގާތްގަނޑަކަށް 25،000 މީހުންނެވެ. މި މަޝްރޫއާއެކު އެއާޕޯޓު އަޅާ މާފަރަށް ދަނީ ބޮޑެތި ފައިދާ ތަކެއް މިހާރުވެސް ކުރަމުންނެވެ. މި މަޝްރޫއުގެ ސަބަބުން ރަށުތެރެ މުޅީން ބަދަލުވެ އިގްތިސޯދު ހިއްލާލައި ތަނަވަސްވެއްޖެ އެވެ.

މާފަރު ކައުންސިލްގެ ރައީސް އަބްދުލް މާޖިދު އަލީ ވިދާޅުވި ގޮތުގައި މި މަޝްރޫއު ފެށުމާއެކު އެރަށަށް ފައިދާ ތަކެއް ލިބެން ފަށާފައިވެ އެވެ. އޭނާ ފާހަގަ ކުރެއްވި އެއް ފައިދާއަކީ ރަށުގައި ފައިސާ ދައުރުވާ މިންވަރު އިތުރު ވެގެންދިއުމެވެ. އެއް ސަބަބަކީ ރަށުގެ ގެތައް ކުއްޔަށް ހިފުމާއި ރަށުގެ ވިޔަފާރި ތަރައްގީ ވެގެން ދިއުމެވެ.

ބޭރު ފައިސާގެ ތާށިކަން ކުޑަ ކުރެވޭނެ

ރާއްޖެއަކީ ބޭރު ފައިސާ އަށް ބަރޯސާވެފައިވާ ގައުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ ބޮޑު ބައެއް ކޮންމެ މަހަކު ބޭރު ކުރުމެވެ. ކޮންމެ މަހަކު އެތައް މިލިއަން ޑޮލަރެއް ރެމިޓެންސްގެ ގޮތުގައި ބިދޭސީން ބޭރަށް ފޮނުވަ އެވެ. އަދި ރާއްޖެއަށް ބޭނުންވާ މުދަލުގެ ބޮޑު ބައެއް އެތެރެ ކުރަން ކޮންމެ އަހަރު އެތައް ސަތޭކަ މިލިއަން ޑޮލަރެއް ބޭރު ކުރެ އެވެ. އެހެންވެ، ރާއްޖެ ފަދަ ކުޑަ އިގްތިސޯދަކަށް ބިޔަ މަޝްރޫއުތައް މުހިންމުވެ އެވެ. އިގްތިސާދުގެ ބެލެންސް ހިފަހައްޓަން ބޭނުންނަމަ ބޮޑެތި މަޝްރޫއުތައް މުހިންމު ވަނީ މިހެންވެ އެވެ.

ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ބޭރު ފައިސާ ވަންނަ އަދަދު އިތުރުވެގެންދެ އެވެ.

"އަޅުގަނޑުމެން އެބަ ހިންގާ އިތާފުށި މަޝްރޫގައި އެކަނިވެސް މުދާ އުފުލުމާއި ޓްރާންސްޕޯޓުގައި މި އުޅެނީ ދިވެހި ކުންފުނިތައް. މި މަސައްކަތުގައި އުޅޭ މީހުންގެ އެކޮމޮޑޭޝަންއަށް އެކަނި މާލެ އާއި ހުޅުމާލެ އިން 40 އެޕާޓްމަންޓް ނަގާފައިވޭ. މި ތަންތަނުގެ ރެންޓު އެކަނި 170000 ޑޮލަރަށް އަރާ. އެހެންވެ މި ހުރީ ހައްތަހާ އިގްތިސާދަށް ލިބެން ހުރި ފައިދާތައް،" ޖަނާހު ވިދާޅުވި އެވެ.

ކަންބޮޑުވުމެއް ވެސް އެބަ އޮތެވެ. ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތައް ނިމި، އެ މަޝްރޫއުތައް ހިންގަން ނެގި ދަރަނި ބޭރު ފައިސާއިން ދައްކަން ރާއްޖެއަށްޖެހޭ ހިސާބުން ދެން އިގްތިސާދަށް ވާނެ ގޮތެވެ. ބޭރު ފައިސާއިން ޖީއެމްއާރަށް ބޮޑު ބަދަލެއް ދޭން ޖެހުމާއެކު ރާއްޖޭގެ އިގްތިސޯދަށް ދަތިތައް ކުރިމަތިވާތަން ފެނުނެވެ. ރިޒާވް ދަށްވި އެވެ. އިންފްލޭޝަނަށް ނުބައި އަސަރު ކުރި އެވެ. އެކަން ހަމަޖައްސަން އާންމު މާކެޓަށާއި ބޭރު ގައުމުތަކަށް ރާއްޖެއިން ބޮޑެތި އަދަދުތަކުން ބޮންޑް ވިއްކަން ޖެހުނެވެ. އެއީ އަދިވެސް އަނބުރާ ދައްކަން ޖެހޭ އެއްޗިއްސެވެ.

ހަމަ އެގޮތަށް ބްރިޖާއި އެއާޕޯޓް އަދި ހޮސްޕިޓަލް މަޝްރޫއަށް ހުރީ އެކި ސިފަސިފައިގައި އެތައް ބިލިއަން ރުފިޔާއެއްގެ ލޯނު ނަގައިފަ އެވެ. އެއާޕޯޓް މަޝްރޫއު ފިޔަވާ ދެން ހުރި ހޮސްޕިޓަލާއި ބްރިޖްގެ މަޝްރޫއަކީ މާބޮޑެތި އާމްދަނީ ތަކެއް ލިބޭނެ މަޝްރޫއުތަކެއް ނޫނެވެ. އަދި ރާއްޖެއަށް އެންމެ ބޮޑު އާމްދަނީ ލިބޭ ޓޫރިޒަމް ސިނާއަތުން ވެސް އާމްދަނީ އިތުރުވުމުގެ ޓްރެންޑެއް އަދިއެއް ނުފެނެ އެވެ. އެހެންކަމުން، ސަރުކާރުގެ މަޝްރޫއުތަކަށް ނެގި ލޯނު އަނބުރާ ދައްކަން ޖެހޭ ހިސާބުން ތުރުތުރެއްލާނެ އެވެ. އޭގައި ވާނީ ކިހިނެއް ހެއްޔެވެ؟

ޔަގީނުން ވެސް ބޭރު ފައިސާތަކެއް ރާއްޖެއިން ބޭރު ވެގެން ދާނެ އެވެ. ރިޒާވަށް އަސަރު ކުރާނެ އެވެ. އެއާ ގުޅިފައިވާ އިގްތިސޯދީ ހިރާސްތަކަށް ނުބައި އަސަރެއް ކުރާނެ އެވެ. މިއީ އަދި ގިނަ ބަޔަކަށް ލަފާކުރެވިފައި ނެތް ކަމަކަށް ވުން ގާތެވެ.

ބައެއް މަޝްރޫއުތަކުގައި ދިވެހިން ގިނަ

މަޝްރޫއުތަކުގައި ދިވެހި ކުންފުނިތަކުގެ "އިންވޯލްމަންޓެއް" ނެތް ކަމަށް ބުނި ނަމަވެސް ބައެއް ކުންފުނިތަކުން އެކަން ދޮގު ކުރެ އެވެ. އެނބޫދޫ ފަޅު ފަދަ މަޝްރޫއުތަކުގެ ބަނދަރު ހެދުމާއި ޓްރާންސްޕޯޓް ފަދަ މަޝްރޫއުތަކުގައި އުޅެނީ ހުސް ދިވެހި ކުންފުނިތަކެވެ.

އެނބޫދޫ ފަޅާއި އިތާފުށި މަޝްރޫއުގެ ލޮޖިސްޓިކް މަސައްކަތް ކުރާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ބައެއް މަޝްރޫއު ތަކުން ދިވެހިންނަށް ބޮޑު ފައިދާއެއް ކުރެ އެވެ. އެކަން ބޭރަށް ފެންނާނެ ގޮތެއް ނެތީ އެވެ.

"އިންޑިޔާ އާއި ޗައިނާގެ މަޝްރޫއު ތަކުން ދިވެހިންނަށް ލިބޭ ފައިދާ ކުޑަ. އެކަމަކު ތައިލެންޑު ފަދަ ގައުމުތަކުގެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ ބޮޑު ބައެއް މި އޮތީ ދިވެހިނަށް. އެނބޫދޫ މަޝްރޫއުގައި އެބައުޅޭ އައިމާ އާއި އަމީން އަދި އެލިއާ ފަދަ ކުންފުނިިން ފެށިގެން ޖުމްލަކޮށް ބޮޑެތި ހުރިހާ ކުންފުނިތަކެއް. ގާތްގަނޑަކަށް މަސައްކަތުގެ 80 ޕަސެންޓުގައި މި އުޅެނީ ދިވެހިން،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

އެނބޫދޫ ފަޅާއި އިތާފުށި ފަދަ މަޝްރޫއުތަކުގައި ދިވެހި ގިނަ ކުންފުނިތަކެއް މަސައްކަތް ކުރާއިރު، ކުދިކުދި އަމިއްލަ މީހުންވެސް މަސައްކަތް ކުރެ އެވެ.

ޖަނާހު ވިދާޅުވީ އިތާފުށި މަޝްރޫއުގައި އެކަނިވެސް ސަބް- ކޮންޓްރެކްޓަރުންގެ ގޮތުގައި ދިވެހި 30 ކުންފުނި މަސައްކަތް ކުރެ އެވެ.

"ވައިރު ކުރުމާއި ގަސް އިންދުން އަދި ކޮޓަރިތައް ހެދުން ފަދަ ކަންކަމުގައި ވެސް ދިވެހިން ގިނައިން އުޅޭ. އަޅުގަނޑު އދ. އަތޮޅުގައި ހަދާ ރިސޯޓެއްގައި ހުއްޓާ ފެނުނީ ރަށުގެ ފަޅު ތެރެއަށް ސްޕީޑް ލޯންޗެއްގައި ހުދު ފޮށިގަނޑުތަކެއް ލައިގެން އަންނަނިކޮށް. އަޅުގަނޑު ސުވާލުކޮށްފިން މިއީ ކޮން ކަމެއްހޭ؟ އެތަނުގައި ތިބި މީހުން މިބުނަނީ އެއީ އެ ރިސޯޓު މަޝްރޫއުގައި މަސައްކަތް ކުރާ ލޭބަރުން ކާން މަސް ސަޕްލައިކުރާ މީހުންނޭ. މިއީ މިފަދަ މަޝްރޫއުތަކުން ލިބޭ ފައިދާ. މިފަދަ އެތަށް ފައިދާތަކެއް އިގްތިސާދަށް ކުރޭ،" ޖަނާ ވިދާޅުވި އެވެ.

ބޮޑެތި މަޝްރޫއުތައް ދަނީ ކުރި އަށެވެ. އަދި ފަށަން ވެސް ދަނީ ތައްޔާރު ވަމުންނެވެ. މި މަޝްރޫއުތަކުގެ އަގު ބިލިއަން ޑޮލަރަށްވުރެ ބޮޑުވާނެ އެވެ. މަޝްރޫއުތަކުން ރާއްޖޭގެ އިގްތިސާދަށް އުފާވެރިކަން ވެސް އެބަ ގެނެސްދެ އެވެ. އެހެން ނަމަވެސް ސަރުކާރުން ހިންގާ ބޮޑެތި ބައެއް މަޝްރޫއުތަކާ ހެދި ބޯމަތީ އެޅިފައިވާ ބޮޑު ދަރަނީގެ ކަންބޮޑުވުމާއި ބުރަ ވެސް އަދި އޮތީ އެވެ.