ހަބަރު

އިބޫއަށް ހަމަލާ ދޭން ބަޔަކު އުޅެފި

ހުޅުމާލެއަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވަޑައިގެންނެވުމުން އޭނާއަށް ހަމަލާދީ ހަމަނުޖެހުން ހިންގަން ބަޔަކު މަސައްކަތް ކޮށްފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން އިބޫ ހިންގަވާފައި ދަނިކޮށް ސައިކަލްގައި ދެ މީހަކު އައިސް އެ ސަރަހައްދުގައި ހަމަނުޖެހުން ވަނީ ހިންގާފަ އެވެ. އަދި އިބޫއަށް ހަމަލާދޭން މަސައްކަތް ކޮށްފައިވެ އެވެ.

އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުންނާއި އިބޫގެ ސެކިއުރިޓީން ވަނީ އިބޫ ވަށާލައި އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ކާރަކަށް އަރުވައިގެން އެ ސަރަހައްދުން އިބޫ މިހާރު ވަނީ ގެންގޮސްފަ އެވެ.

އިބޫއަށް ހަމަލާދީ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރީ ކޮން ބައެއް ކަމެއް ސާފެއް ނުވެ އެވެ. އަދި އެއީ ކޮންކަމާ ގުޅިގެން ހިންގި ކަމެއް ކަމެއް ސާފެއް ނުވެ އެވެ.

އިބޫގެ ދޮރުން ދޮރަށް ހަރަކާތަށް ބަޔަކު ހުރަސް އެޅި ނަމަވެސް އިބޫ ވަނީ ހުއްޓާނުލައްވައި އެ ހަރަކާތް ކުރިއަށް ގެންދަވާފަ އެވެ. އަދި ހުޅުމާލޭގެ ގެތަކަށް މިހާރު ވެސް ދަނީ ވަޑައިގަންނަވަމުންނެވެ. އިބޫގެ ހަށިފާރަވެރިންގެ ގޮތުގައި ކުރީގައި ސިފައިންގޭގައި މަސައްކަތް ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.

ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުން އިބޫ މިހާރު ވަނީ މާލޭގަ އާއި ވިލިމާލޭގައި ދޮރުން ދޮރަށް ހިންގަވާފަ އެވެ. އެ ދެ ހަރަކާތް ވެސް ކުރިއަށް ދިޔައީ ވަރަށް އަމާންކަމާއެކު އެވެ.