ކުރިމަތިވާ ކަމަކުން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށާއި އަބަދުވެސް ވަޑައިގަންނަވާނީ ކުރިއަށް ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވީ، މިއަދު ދޮރުން ދޮރަށް ކެމްޕެއިންގައި ހުޅުމާލެއަށް ވަޑައިގެންނެވުމުން ބަޔަކު ދިމާކޮށް ހަމަނުޖެހުން ހިންގައި އިބޫއަށް ހަމަލާ ދޭން މަސައްކަތް ކޮށްފައިވަނިކޮށެވެ.
އެ ހާދިސާއަށްފަހު ހުޅުމާލޭގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ފެށި މަސައްކަތުގައި ކުރިއަށް ދާން ތިބީ ތައްޔާރަށް ކަމަށާއި ދިމާވާ ކަމަކުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
އިދިކޮޅު ޕާޓީތަކުން ނުކުތީ ރާއްޖެއިން އަނިޔާވެރިކަމާއި ކޮރަޕްޝަން ނައްތާލައި އިންސާފު ގާއިމުކޮށްދިނުމަށް ކަމަށާއި އެކަން ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ހުޅުމާލެއިން ކުރިމަތިވި ހަމަލާއިން އެނގިގެން ދަނީ ރައީސް އަބްދުﷲ ޔާމީން އިންތިހާބުން ބަލިވެފައިވާ މަންޒަރު ކަމަަށެވެ. އެފަދަ ހަމަނުޖެހުންތައް ހިންގަނީ އިންތިހާބެއްގައި ވޯޓުލައިގެން ބަލިވާނެކަން ޔަގީންވާތީ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން އިބޫ ހިންގަވާފައި ދަނިކޮށް ސައިކަލްގައި ދެ މީހަކު އައިސް އެ ސަރަހައްދުގައި ހަމަނުޖެހުން ވަނީ ހިންގާފަ އެވެ. އަދި އިބޫއަށް ހަމަލާދޭން މަސައްކަތް ކޮށްފައިވެ އެވެ.
އިބޫއަށް ހަމަލާދީ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރީ ކޮން ބައެއް ކަމެއް ސާފެއް ނުވެ އެވެ. އަދި އެއީ ކޮންކަމާ ގުޅިގެން ހިންގި ކަމެއް ކަމެއް ސާފެއް ނުވެ އެވެ.
އިބޫގެ ދޮރުން ދޮރަށް ހަރަކާތަށް ބަޔަކު ހުރަސް އެޅި ނަމަވެސް އިބޫ ވަނީ ހުއްޓާނުލައްވައި އެ ހަރަކާތް ކުރިއަށް ގެންދަވާފަ އެވެ. އަދި ހުޅުމާލޭގެ ގެތަކަށް މިހާރު ވެސް ދަނީ ވަޑައިގަންނަވަމުންނެވެ. އިބޫގެ ހަށިފާރަވެރިންގެ ގޮތުގައި ކުރީގައި ސިފައިންގޭގައި މަސައްކަތް ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.