ހަބަރު

ޖޭޕީގެ ރަނިންމޭޓް ކަމަށް ފައިސަލާއި ޑރ. ހުސެއިން ކުރިމަތިލައްވައިފި

ޖުމްހޫރީ ޕާޓީން އިދިކޮޅު ކޯލިޝަނަށް ނެރޭ ރަނިންމޭޓް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ކުރިމަތިލައްވައިފި އެވެ.

ފައިސަލް ނަސީމަކީ ޕާޓީގެ އިސް މަގާމެއް އަދާކުރައްވާ ބޭފުޅެއް ނޫނެވެ. ނަމަވެސް މަޖިލިސް މެންބަރެއްގެ ގޮތުގައި ޕާޓީއަށް ތާއިދު ހޯދުމަށް ފައިސަލް ނަސީމް މަސައްކަތް ކުރައްވަ އެވެ.

ޑރ. ހުސެއިން ރަޝީދަކީ އެ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ބޭފުޅާ އެވެ. އެ މަސްއޫލިއްޔަތު އޭނާއާ ހަވާލު ކުރެއްވީ ކައުންސިލު ބައްދަލުވުމެއްގައި ނެގި ވޯޓަކުން ތާއިދު ލިބިގެންނެވެ.

ރަނިންމޭޓް ކަމަށް ކުރިމަތިލާން ޖުމްހޫރީ ޕާޓީން ހުޅުވާލާފައިވާއިރު އެ މަގާމަށް ފައިސަލާއި ޑރ. ހުސެއިންގެ އިތުރުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ވެސް ވަނީ ކުރިމަތިލައްވާފަ އެވެ.

ޖުމްހޫރީ ޕާޓީން ރަނިންމޭޓެއް ކަނޑައަޅާނީ މި މަހުގެ 13 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނަގާ ސިއްރު ވޯޓަކުންނެވެ.