މާލެ ހިޔާ އަދި ސިނަމާލެ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ހައުސިން މިނިސްޓްރީއާއެކު ފުލުހުންގެ އިދާރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒުއާއި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ސަރަހައްދެއްގައި 46 ކެމެރާ ހަރުކުރާނެ އެވެ.
ނަވާޒް މިއަދު ވިދާޅުވީ، ފްލެޓްތައް ހުރި ސަރަހައްދުގައި ސީސީޓީވީ ކެމެރާތައް ހަރުކޮށް ނިމޭއިރު ފްލެޓްތަކުގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ހަމަޖެހުން ލިބޭ މިންވަރަށް އެ ސަރަހައްދުގެ ސެކިއުރިޓީ ކަންކަން ހަމަޖެހިގެންދާނެ ކަމަށެވެ.
"މި ހަރުކުރާ ކެމެރާތައް ވަގުތުން ބަލައިލެވޭ ގޮތަށް ފުލުހުންގެ ކޮމާންޑް ސެންޓަރާ ހުންނާނީ ގުޅާލެވިފަ. މިއީ އެތަނުގައި ހިނގާ ކުދި ކުއްތައް ހުއްޓުވުމަށް ވެސް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅަކަށް ވާނެ،" ނަވާޒް ވިދާޅިވި އެވެ.
ފްލެޓްތައް ސިޓީ މާލޭ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރިއިރު ފްލެޓްތަކާ ގުޅޭ ކުދި ކުދި ކަންކަމަށްވެސް ކައުންސިލުން އިހުމާލުވެފައިވާކަން މިއަދުވެސް މިނިސްޓަރު މުއިޒް ފާހަގަކުރެއްވި އެވެ. އެގޮތުން މިނިސްޓްރީގެ ދަށަށް ފްލެޓްތައް ގެނެސް ރައްޔިތުންނާ ބައްދަލު ކުރުމުން، ފްލެޓްތަކުގެ ތަންތަން ހަލާކުވެފައި ހުރެ ގިނަ ދުވަސްވުމުގެ އިތުރަށް ފްލެޓްތަކުގެ އެތެރެއާއި ބޭރު ވަރަށް ބޮޑަށް ގޮނޑު ވެފައިވާކަން ފާހަގަކުރެވުނުކަމަށް މުއިޒް ވިދާޅުވި އެވެ. އެހެންވެ، އެތަންތަން ނަގައި ބޭރު ފާރުތަކާއި އެތެރޭގެ ފާރުތަކުގައި ވެސް ކުލަ ލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފްލެޓްތަކުގެ ކުނި ނެގުމުގެ ކަންކަން ވެސް ދެން ކުރިއަށްދާނީ ވެމްކޯއާ ހަވާލުކޮށްގެން ވަރަށް ފަސޭހަ ނިޒާމެއްގެ ތެރެއިން ކަމަށް ވެސް ވިދާޅުވި އެވެ.
ފްލެޓް ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން މިއަދު އެކުލަވާލި އެއްބަސްވުމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ކެމެރާ ހަރުކުރުމުން ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށެވެ.
"އެންމެ ގިނައިން އައި އެއް ޝަކުވާއަކީ ފްލެޓަަކުގެ ރައްޔިތުންނަށް ރައްކާތެރިކަން ނެތް ކަމުގެ ޝަކުވާ. މި މަސައްކަތާއެކު އެކަމަށް ހައްލެއް އަންނާނެ ކަމަށް އުންމީދުކުރަން. ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް،" މުއިޒް ވިދާޅުވި އެވެ.
ސިނަމާލެ މާލެހިޔާ ފްލެޓްތަކުގެ ޒިންމާ ކުރިން އޮތް ސިޓީކައުންސިލަށް އެ ފްލެޓްތައް ނުބެލެހެއްޓޭކަމަށް ބުނެ ހައުސިން މިނިސްޓްރީގެ ދަށަށް އެ ފްލެޓްތައް ބަދަލުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.