ހަބަރު

ފައިސަލަށް ވޯޓު ދޭން ވިދާޅުވުމަށްފަހު ގާސިމް ތާއިދު އަނބުރާ ގެންގޮސްފި

ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ރަނިންމޭޓެއްގެ ގޮތުގައި ނެރެން ތާއިދު ކުރައްވަނީ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމަށް ކަމަށް ވިދާޅުވެ ކައުންސިލް މެންބަރުންނަށް ފޯނު ކުރެއްވުމަށްފަހު ފައިސަލް ނަސީމަށް ތާއިދު ނުކުރައްވާކަން ދާދިދެންމެ ހާމަކުރައްވައިފި އެވެ.

ނަން ހާމަނުކޮށް ވާހަކަ ދެއްކި ބައެއް ކައުންސިލް މެންބަރުން ބުނި ގޮތުގައި ގާސިމް އިބްރާހިމް ވަނީ އެ މެންބަރުންނަށް ގުޅުއްވައި ފައިސަލަށް ތާއިދު ކުރައްވާކަން ހާމަކުރައްވައި ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އޭގެ ސަބަބެއް ކަމަށް ގާސިމް ވިދާޅުވަނީ، ކައުންސިލް މެންބަރުން ބުނި ގޮތުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

"ގާސިމް ވިދާޅުވީ، ރައީސް ނަޝީދު ރަނިންމޭޓެއްގެ ގޮތުގައި ބޭނުންފުޅު ވަނީ ދެކުނު ބޭފުޅެއް ކަމަށް، އެހެންވެ އޮތް އެންމެ ރަނގަޅު ގޮތަކީ ފުވައްމުލަކަށް ނިސްބަތްވާ ފައިސަލް ނަސީމް ހޮވުން ކަމަށް،" މެންބަރަކު ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް ނަޝީދު ވެސް މިއަދު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ކަނޑައަޅާ ރަނިންމޭޓަކު ނިންމުމަށް ޖޭޕީގެ ކައުންސިލްގައި ނަގާ ވޯޓުން ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ނަމަވެސް އެ ނަތީޖާ އެމްޑީޕީއިން ވެސް އަދި އެމަނިކުފާނު އަމިއްލަ ގޮތުން ވެސް ބަލައިގަންނާނެ ކަމަށެވެ.

ވޯޓުގައި ފައިސަލް ނަސީމާ އެންމެ ގާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ކެންޑިޑޭޓް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވަނީ ރައީސް ނަޝީދު އެގޮތަށް ޓްވީޓް ކުރެއްވުމުން ޝަުކުރު އަދާކުރައްވާފަ އެވެ.

"އުފެދިފައިވާ ޝައްކު ދިވެހި ރައްޔިތުންނަށާއި ގާސިމް އިބްރާހިމަށް އަދި ޖޭޕީގެ ކައުންސިލްގެ މެންބަރުންނަށް އޮޅުންފިލުވައިދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ،" އަލީ ހުސެއިން ވިދާޅުވެފައިވެ އެވެ.

ކައުންސިލްގެ ބައެއް މެންބަރުން ދެކޭ ގޮތުގައި ހަތަރު ކެންޑިޑޭޓެއް ކުރިމަތިލައްވާފައިވަނިކޮށް ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވުމަކީ ޕާޓީގެ ޑިމޮކްރަޓިކް ކަމަށް އެޅޭނެ ހުރަހެކެވެ. ކައުންސިލްގައި ދޭ ސިއްރު ވޯޓު ވާންޖެހޭނީ އެ މެންބަރަކު އަމިއްލަ އިހްތިޔާރުގައި ދޭ ވޯޓަކަށް ކަމަށެވެ.

ޕާޓީގެ ތެރޭގައި ނުތަނަވަސްކަން އުފެދިވަނިކޮށް ގާސިމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފައިސަލް ނަސީމަށް ކުރެއްވި ތާއިދު އަނބުރާ ގެންދަވާފައިވާ ކަމަށެވެ. ރަނިންމޭޓް ވޯޓުގައި ރައްޔިތުންގެ ވިންދު ހުރި ގޮތަށް ބަލައި، ކައުންސިލް މެންބަރުން އަމިއްލަ އިހްތިޔާރުގައި ވޯޓު ދެއްވުމަށް ގާސިމް އެދިވަޑައިގަތެވެ.