ހަބަރު

ފައިސަލަށް މަރުހަބާ ވިދާޅާވެ، ޝައިނީ އަނެއްކާވެސް މަޝްވަރާއަށް ގޮވާލައްވައިފި

އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމަށް ސަރުކާރުގެ ފަރާތުން މަރުހަބާ ކިޔައިފި އެވެ. އަދި ސަރުކާރާއެކު މަޝްވަރާއަށް ވަނީ ގޮވާލާފަ އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ސަރުކާރުގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބު، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓެއްގެ ގޮތުގައި ފައިސަލް އިންތިހާބުވުމުން މަރުހަބާ ދަންނަވާ ކަމަށެވެ.

"އޯލް ޕާޓީ ޓޯކްސްގެ ޗެއާގެ ހައިސިއްޔަތުން ފައިސަލް ނަސީމާއި އިދިކޮޅުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް މަޝްވަރާއަށް ދައުވަތު ދެން، އެއީ ސިޔާސީ ހިޔާލު ތަފާތުވުންތައް ދުރުކޮށް މިނިވަން އިންސާފުވެރި ދެފުށް ފެންނަ އިންތިހާބަކަށް މުހިންމު ކަމެއް،" ޝައިނީ ވިދާޅުވި އެވެ.

ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ އެމްޑީޕީގެ ކޮންގްރެސްގައި ހޮވުމާއެކު ވެސް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި ސަރުކާރުގެ ބޭފުޅަކީ ޝައިނީ އެވެ.

"އޯލް ޕާޓީ ޓޯކްސްއަށް ސަރުކާރުން ދިން ދައުވަތު އަދިވެސް ވަނީ ހުޅުވިފައި. އަދި ހާއްސަކޮށް އިންތިހާބާ ގުޅޭ މައްސަލަތަކާއި ކަންބޮޑުވުންތަކުން އަރައިގަނެ މިނިވަން އިންސާފުވެރި އަމާން އިންތިހާބަށް މަގުފަހިކުރުމަަށް ހުރިހާ ޕާޓީތަކާ އެކު މަޝްވަރާކުރިއަށްގެންދިއުމަކީ މި ދަނޑިވަޅުގައި މުހިންމު ކަމެއް ކަމުގައި ދެކެމެވެ،" އޭރު ޝައިނީ ނެރުއްވި ބަޔާނުގައިވެ އެވެ.

އެ ދައުވަތަށް ޖަވާބު ދެއްވަމުން އިބޫ އަދި އެމްޑީޕީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވެފައިވަނީ، ކޮންގްރެސްގައި އިބޫ ކެންޑިޑޭޓެއްގެ ގޮތުގައި ދެއްކުމުން މަރުހަބާ ކިޔައި މަޝްވަރާއަށް ގޮވާލުމަކީ ވެސް ހެޔޮ ނިޔަތެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށެވެ. މާރިޔާ ވިދާޅުވީ، މަޝްވަރާތަކަށް ދާނެ ގޮތް ޕާޓީތަކުން މީގެކުރިން ވެސް އޮންނާނީ ސަރުކާރަށް އަންގާފަ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ރަސްމީ ރިޔާސީ ކެމްޕެއިން މިއަދު ވަނީ ފަށާފަ އެވެ. އިބޫ އާއި ފައިސަލް ވެސް މިހާރު ތިއްބެވީ އައްޑޫ ސިޓީގަ އެވެ. ސަރުކާރުން ވެސް ގެންދަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރަމުންނެވެ.