ހަބަރު

ވެރިކަމުގެ ފުރަތަމަ ދުވަހު ސިޔާސީ ބޭފުޅުން ދޫކޮށްލާނަން: އިބޫ

އިދިކޮޅު ކޯލިޝަންގެ ސަރުކާރުގެ ފުރަތަމަ ދުވަހު ނުހައްގުން ޖަލަށްލާފައިވާ ހުރިހާ ސިޔާސީ ބޭފުޅުން ދޫކޮށްލައްވާނެ ކަމަށް އެ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ، މަރަދޫއަށް ވަޑައިގެން އެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ސިޔާސީ ސަބަބުތަކެއް ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ ކަމަށެވެ. އެހެން އޮވެ ބާއްވާ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ނުބުނެވޭނެ ކަމަށެވެ.

"މިއަދު ވެސް އަޅުގަނޑު ރައީސް ޔާމީނަށް މި ގޮވާލަނީ އަޅުގަނޑުމެންގެ ލީޑަރުން ދޫކޮށްލުމަށް، ރައީސް މައުމޫން ޖަލުގައި ،އިންނަވަންޖެހޭ ސަބަބެއް ނެތް، ރައީސް ނަޝީދާއި ގާސިމް އިބްރާހިމަށް ރާއްޖެ ނާދެވެންޖެހޭ ސަބަބެއް ނެތް، ޝެއިހް އިމްރާން ޖަލުގައި އިންނަންވީ ސަބަބެއް ނެތް، އެއީ ކުށްވެރިންނެއް ނޫން، އަދި އޭގެ އިތުރުން ވެސް މި އިސްލާހީ މަސައްކަތުގައި އިސްވެ އުޅުނު ފަރާތްތައް މިވަނީ ނުހައްގުން ޖަލަށްލެވިފަ، އެއީއަކީ އަޅުގަނޑުމެން ގަބޫލު ކުރާނެ ކަމެއް ނޫން،" އިބޫ ވިދާޅުވި އެވެ.

ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވާލާ ސަރުކާރުގެ ފުރަތަމަ ދުވަހު މާތް ރަސްކަލާނގެ ރަހުމަތްފުޅުން އެ ހުރިހާ ބޭފުޅުން މިނިވަންވާނެ
އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ

އިބޫ ވިދާޅުވީ، ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ގިނަ ބަޔަކު އުޅެމުން ދަނީ ބިރުވެރިކަމެއްގެ ތެރޭގަ ކަމަށާއި ސަރުކާރުގެ ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގެ މުވައްޒަފަކަށް އެ މުވައްޒަފަކު ލޯބިކުރާ ޕާޓީއަށް ތާއިދުކުރުމުގެ ހައްގު ވެސް މިހާރު ނެތް ކަމަށެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމެއް ވެސް ނެތް ކަމަށެވެ. ނަމަވެސް އޭނާގެ ވެރިކަމުގައި އެކަންކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ކަންބޮޑުވެވަޑައިނުގަންނަވާ، ބިރުފުޅުވެވަޑައިނުގަންނަވާ، ނުކުންނަވާ، އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވާލާ ސަރުކާރުން އިރާދަކުރެއްވިއްޔާ މިއަދު ސިޔާސީ ހަރަކާތަށް ނުކުމެގެން ވަޒީފާ ގެއްލޭ މީހުންނަށް އަނބުރާ އެ ވަޒީފާ ދޭނަން، އަދި ވަޒީފާއިން ވަކިކޮށް ލިބޭ ގެއްލުންތަކުގެ ބަދަލު އެ ހުރިހާ މީހުންނަށް ދޭނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އެ ބޭފުޅުން ކުރައްވަމުން ދަނީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި އެއީ ގައުމީ މަސައްކަތެއް ކަމަށެވެ. ސިޔާސީ މަސައްކަތެއްނަމަ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫން އަދި އަދާލަތު ޕާޓީ ވެސް އެކުގައި ނޯންނާނެ ކަމަށެވެ. އެއީ މުޅިން ސިޔާސީ ފިކުރު ތަފާތު ހަތަރު ޕާޓީ ކަމަށެވެ.

"އެހެންނަމަވެސް މިއަދު އަޅުގަނޑުމެން އެކުގައި ނުކުންނަން މަޖުބޫރު، ގައުމު މިއަދު މި ގައުމުގައި އަދަލު އިންސާފެއް ނެތް، ވައްކަމާއި ފަސާދަ މިވަނީ އިތުރުވެފަ، އަޅުގަނޑުމެން ނުކުމެ މިތިބީ އެކަންކަން ބަދަލުކުރަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކުލަވާލާ ސަރުކާރުން ތިޔަބޭފުޅުންގެ ބޭނުންފުޅުތައް ފުއްދައިދޭނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރައްޔިތުން ހަވާލުކުރާ މަސައްކަތް ތެދުވެރިކަމާއެކު ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ރައްޔިތުންގެ އުއްމީދުތައް ވެސް ހާސިލުކޮށްދެއްވާނެ ކަމަށެވެ.