ރާއްޖޭގައި މޫދު ކޮޓަރިތައް ގިނަ އެވެ. ވޯޓާ ވިލާތައް ބައިވަރެވެ. ނަމަވެސް މި "ވޯޓާ ވިލާ" ވަރަށް ތަފާތުވެފައި ޔުނީކެވެ. އެއް ކަމަކީ މި ވިލާތައް ބޭނުންތަނަކަށް ފަސޭހަކަމާއެކު ގެންދެވުމެވެ. ފައިބަރު ކަނދުތަކެއްގެ މަތީގައިވާ މި ފުރިހަމަ ފްލޯޓިން ވިލާ ހަދާފައިވަނީ ހުޅުމާލޭގެ ފަޅު ތެރޭގަ އެވެ. ހުޅުމާލޭގައި ގެސްޓް ހައުސް ހިންގަމުން ގެންދާ ޔޫއައި ހޮޓެލްގެ، "ޔޫއައި ފްލޯޓިން ވިލާ" އިން ދިވެހިންނަށް އަގު ހެޔޮކޮށް، މޫދު ކޮޓަރިއެއްގެ އުފާ، ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބެ އެވެ. އަދި މިތަން ވެގެން ދަނީ ގެސްޓް ހައުސްތަކުގައި ތިބޭ ޓޫރިސްޓުން "މޮޔަވާނެ" ތަނަކަށެވެ.
އޭސީ ކޮށްފައިވާ ހިތްގައިމު ދެ ކޮޓަރި ހުންނަ މި ފްލޯޓިން ވިލާއަކީ ރާއްޖޭގައި މިފަދަ ގޮތަކަށް ހެދި ފުރަތަމަ ވިލާ އެވެ. މި ފުރިހަމަ ފްލޯޓިން ވިލާ ހަދާފައިވަނީ ހުސެއިން އާޝިރު އެވެ. މިތަން ފަރުމާކުރީ އޭނަގެ ތަނަވަސް ސިކުނޑިންނެވެ. މިތަނުގެ ކޮޓަރިތައް ރިސޯޓުތަކުގައި ހުންނަ މި ބާވަތުގެ "ކޮޓަރިތަކަށް" ދުލެއް ނުކުރެ އެވެ. ދެ މީހަކަށް އަރާމުކޮށް ނިދާލެވޭ ސައިޒުގެ އަރާމު އެނދެއެއް މި ފްލޯޓިން ވިލާގެ ދެ ކޮޓަރީގައި ވެސް ހުރެ އެވެ. މި ކޮޓަރިތަކުގައި ޓީވީ އާއި އޭސީ ހުރެ އެވެ. ކޮޓަރީގެ ކުޑަ ދޮރުތައް ހުޅުވާލުމުން މޫދުން އަރައިގެން އަންނަ ވައި، ތާޒާކަމާއެކު ލިބޭ ހިސާބުގައި ކުޑަ އޮނދޯއްޔެއް އެލުވާފައި ވެ އެވެ.
ނާސިހު ވިދާޅުވީ ފްލޯޓިން ވިލާ ހަދާފައިވަނީ ބޭރު ގައުމުތަކުގައި ހުންނަ މިފަދަ "މޫވަބަލް" ވިލާތައް ބެލުމަށް ފަހު ކަމަށެވެ.
"މި ހަދަން ވަރަށް ގިނަ ރިސާޗްތައް ހެދި. ފިޖީ އާއި ތައިލެންޑުގެ ޕަޓާޔާ ފަދަ ތަންތަނުގައި ވެސް މިފަދަ ތަންތަން ހަދާފައި ހުންނަ ގޮތް ބެލި. މިތަން ހަދާފައިވަނީ ވަނީ ހުސެން އާޝިރު. އޭނާގެ ހިޔާލުން،" ހުޅުމާލޭގައި ދެ ހޮޓަލެއް ހިންގަމުން ގެންދާ ޔޫއައި ހޮޓެލްގެ އެމްޑީ ވިދާޅުވި އެވެ.
ޔޫއައި ފްލޯޓިން ވިލާ ފަރުމާކޮށް، ހަދާފައިވަނީ ދިވެހިންނެވެ. ދިވެހި މަސައްކަތް ތެރިންނެވެ. މި ތަން ހެދުމަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވެ އެވެ.
މި ފްލޯޓިން ވިލާ ވެގެން ދަނީ ރާއްޖޭގެ ޓޫރިޒަމަށް އިތުރު ވެގެންދާ އާ ރަހަ އަކަށެވެ. ހާއްސަކޮށް ހުޅުމާލެއަށް އަންނަ ޓޫރިސްޓުންގެ "ހިތް އަތުލާނެ" ކަމަށެވެ. ސަބަބަކީ މި ތަނުގައި މޫދު ކުޅިވަރުގެ ގިނަ ހިދުމަތްތައް ލިބުމެވެ. މި ފްލޯޓިން ވިލާގައި ތިބޭއިރު "އަތް ޖެހޭ ހިސާބުން" ދަތުރުކުރާ ސީ ފްލޭންތަކާއި މަތިންދާ ބޯޓުތައް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ޖައްސާ، ނަގާ މަންޒަރު ފެނެ އެވެ. އަދި މި ފްލޯޓިން ވިލާ ބާއްވާފައި އޮތް ސަރަހައްދަކީ ހިތްއިމު ސަރަހައްދަކަށް ވުމުން މިއީ ޓޫރިސްޓުން މޫދަށް އެރިލާ އުޅެން އެންމެ ރަނގަޅު އެއް ތަނެވެ.
ނާސިހު ވިދާޅުވި ގޮތުގައި ފްލޯޓިން ވިލާ ފަރުމާކޮށްފައިވަނީ ޓޫރިސްޓުންނަށް ސަން ޓޭން ކޮށްލެވޭނެ ސަން ޑެގަކާއެކުގައި ކަމަށެވެ.
"އަޅުގަނޑުމެން ވޯޓާ ސްޕޯޓްސްގެ ހުރިހާ އެއްޗެއް. މިތަން ހެދުމުގެ އެއް ބޭނުމެއް ހުޅުމާލެއަށް އަންނަ ޓޫރިސްޓުން ޕްރައިވެޓްކޮށް މޫދަށް އެރިލާ އުޅެން ފުރުސަތު ދިނުން. މިތަނުގައި އެ މީހުންނަށް ޕްރައިވެސީ ލިބޭނެ. މީގައި ބާބެ ކިޔު ހަދާލެވޭނެ. އިރު އޮއްސޭ ތަނާއި، އިރު އަރާ މަންޒަރު ވަރަށް ރީތިކޮށް ފެންނާނެ،" ނާސިހު ވިދާޅުވި އެވެ.
ޔޫއައި ފްލޯޓިން ވިލާ ފަރުމާކޮށްފައިވަނީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށެވެ.
"މީގެ ގިނަ އެއްޗިހި މި ޖައްސަނީ ސޯލާ އެނާޖީން. ރޭގަނޑުވެސް ގިނައިރު ސޯލާއިން ހިންގޭނެ. އޭސީ ޖައްސަން ޖެހިއްޖެނަމަ ޖަނަރޭޓަރު ހިންގާލަން ޖެހޭނީ،" ނާސިހު ވިދާޅުވި އެވެ.
މި ވިލާގައި ހަމަޖެހިލައިގެން 15 ވަރަކަށް މެންބަރުންގެ އާއިލާއަކަށް މަޖާކޮށްލެވޭނެ އެވެ. ވިލާ ފަރުމާކޮށްފައި ވަނީ ގިނަ ބަޔަކަށް ހިދުމަތް ދެވޭނެ ގޮތަކަށެވެ. ހާއްސަކޮށް މޫދު ކޮޓަރިއެއް ތަޖުރިބާކޮށްލަން ބޭނުންވާ ދިވެހިންނަށް މިތަނުން "ހާއްސަ އަގެއް" ވެސް ލިބޭނެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ރޯދަ މަހު މިތަނުގައި ތިބެގެން ރޯދަ ވިއްލުމުގެ ހިދުމަތް ދޭން ވެސް ޔޫއައި ހޮޓަލުން ދަނީ ތައްޔާރުވަމުންނެވެ.
" ދިވެހިން މިހާރު ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރޭ މި ތަނަށް. ހާއްސަކޮށް ކުޑަ ބަނޑޮސް ބަންދު ކުރީމަ އާއިލާ އެއްކޮށް، އައިސް ޗުއްޓީ ހޭދަ ކޮށްލެވޭނެ ތަންތަން މިހާރު މަދު. ބަނޑޮސް ފަދަ ތަންތަނަށް ދިއުމުން ވަރަށް ކުރައުޑެޑް ވާނެ. އެހެންނަމަވެސް މީގައި ތިބޭއިރު އިތުރު ބަޔަކު ނޫޅޭނެ،" ނާސިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ތަނުގައި މި އަހަރުގެ ރޯދަ މަހު ރޯދަ ވިއްލުމުގެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ.