ހަބަރު

އަދާލަތުން އީސީގެ ޓުވިޓާ އެކައުންޓް ރިޕޯޓުކޮށްފި

އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީއަށް ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ އިލެކްޝަންގެ ޓުވިޓާ އެކައުންޓް އަދާލަތު ޕާޓީން ރިޕޯޓުކޮށްފި އެވެ.

އީސީގެ އެކައުންޓް ޓުވިޓާގައި ރިޕޯޓުކޮށްފައިވާކަން ހާމަކޮށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، އިލެކްޝަންސްގެ ރަސްމީ ޓުވިޓާ އެކައުންޓުން އަދާލަތު ޕާޓީ ހިންގާ އެޑްރެސް ނޭނގޭ ކަމަށް ބުނެ ކޮށްފައިވާ ޓުވީޓަކީ ހަގީގަތާ ހިލާފަށް ލިޔެފައިވާ ޓުވީޓެއް ކަމަށެވެ. އަދި އެ ޓުވީޓުކޮށްފައިވަނީ ވަކި ފަރާތަކަށް މަލާމާތް ލިބޭގޮތަށް ކަމަށް ވާތީ އެ އެކައުންޓް ޓުވިޓާގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަލީ ޒާހިރު ކޮށްފައިވާ ޓުވީޓް --

އީސީން މިއަދު ކުރި ޓުވީޓުގައި ބުނެފައިވަނީ، އަދާލަތު ޕާޓީގެ އޮފީސް ބަންދުކޮށްފައި ހުންނަ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބޭތީ އެ ޕާޓީ ހުންނަ ތަނާއި ހުޅުވާފައި ހުންނަ ވަގުތުތައް އިލެކްޝަން ކޮމިޝަނަށް އޮޅުންފިލުވައިދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ޕާޓީގެ އެޑްރެސް އާންމުކޮށް އިއުލާންކުރުމަށް ވެސް އެ ޓުވީޓުގައި އަދާލަތަށް އީސީން ވަނީ އަންގާފަ އެވެ.