އިދިކޮޅު ޕާޓީ އެމްޑީޕީގެ މައި އޮފީހުގެ ބިއްލޫރި ގަނޑު ބަޔަކު ރޭ ތަޅާލައިފި އެވެ.
ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ރޭ ބަޔަކު ބަޔަކު ތަޅާލީ ދަންވަރު ވަގުތުގަ އެވެ. އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ބިއްލޫރީގަނޑު ތަޅާލީ ގާބުރިއެއް އެއްލައިގެން ކަމަށެވެ. އެ މައްސަލަ އެ ޕާޓީ އިން މިހާރު ވަނީ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފަ އެވެ.
އެ މައްސަލަ ތަހުގީގު ކުރަން ދެ ފުލުހަކު ރޭ އެމްޑީޕީ އޮފީސް ސަރަހައްދަށް އައިސް ހެކިތައް ނަގައިގެން ގޮސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެ މައްސަލައިގައި ފުލުހުން ބޭނުންވާ އެއްބާރުލުން އެ ޕާޓީ އިން ދީފައި ވާނެ ކަމަށެވެ. އެގޮތުން އެމްޑީޕީ އޮފީހުގެ ސީސީޓީވީ ފްޓޭޖްގެ ރެކޯޑިން ވެސް ފުލުހުންނަށް ފޯރުކޮށްދީފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައި މި ވަނީ އެ ޕާޓީއިން ރިޔާސީ އިންތިހާބުގެ ކެމްޕޭން ފޯރީގައި ކުރިއަށް ގެންދަން ފަށާފައިވާ ދުވަސްވަރެއްގަ އެވެ.
އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ހުޅުމާލެއަށް ވަޑައިގަތުމުން އެމަނިކުފާނާ މާރާމާރީ ހިންގަން ބަޔަކު ވަނީ މަސައްކަތް ކޮށްފަ އެވެ. ފުލުހުން އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި ރޭ އެމްޑީޕީ އޮފީހުގެ ބިއްލޫރިތައް ތަޅާލި މައްސަލައިގައި ވެސް އަދި ފުލުހުން އެއްޗެއް ނުބުނެ އެވެ.