ހަބަރު

ރިސޯޓް މުވައްޒަފުންނާއި އެހީ ބޭނުންވާ މީހުންގެ ހައްގުގައި ސުއޫދު ކޯޓަށް

ރިސޯޓްތަކުގެ މުވައްޒަފުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުގައި ސުޕްރީމް ކޯޓަށް ވަޑައިގެންނެވުމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ނިންމަވައިފި އެވެ.

ސުއޫދު މިގޮތަށް ނިންމެވީ، ރިސޯޓް މުވައްޒަފުންނާއި އެހީއަށް ބޭނުންވާ މީހުންގެ ވޯޓުލުމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް އިލެކްޝަން ކޮމިޝަނުން އަމަލުކުރަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރައްވަމުންދާތީ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ އެންމެ ހަތް ރިސޯޓެއްގަ އެވެ. މީގެކުރިން 40 އަށްވުރެ ގިނަ ރިސޯޓްގައި ވޯޓު ފޮށި ބެހެއްޓި އެވެ. ހަތް ރިސޯޓްގައި ވެސް ވޯޓު ފޮށި ބަހައްޓަނީ 250 މީހުންނަށްވުރެ ގިނައިން ރީރަޖިސްޓްރީކޮށްފިނަމަ އެވެ. މީގެ ސަބަބުން ވޯޓުލާ މީހުންގެ 10 ޕަސެންޓް މީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލޭނެ ކަމަށް ދަނީ ބުނަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަމިއްލައަށް ވޯޓް ނުލެވޭ ވަރުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވޯޓް ކަރުދާހުގައި ފާހަގަ ޖަހައި ވޯޓް ލައިދޭނީ ވޯޓްލާ މަރުކަޒުގައި ވެރިޔާ ކަނޑައަޅާ އިލެކްޝަންސް ކޮމިޝަންގެ އޮފިސަލެއް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ މިހާރު ކަނޑައަޅާފަ އެވެ. މި ބަދަލު އިލެކްޝަން ކޮމިޝަނުން ގެނައީ ރިޔާސީ އިންތިހާބުގެ ގަވާއިދަށެވެ. ނަމަވެސް އެ އިސްލާހު އަދި ގެޒެޓެއް ނުކުރެ އެވެ.

ސުއޫދު އަވަސްއަށް ވިދާޅުވި ގޮތުގައި އެ ދެ މައްސަލާގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވަން އޭނާ ނިންމެވީ އިލެކްޝަން ކޮމިޝަންގެ އެ ދެ ނިންމުމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލިގެން ގޮސްދާނެތީ އެވެ. މައްސަލަ ކޯޓަށް ވައްދާނީ އިލެކްޝަން ކޮމިޝަންގެ ނިންމުންތައް އާންމުކޮށް އިއުލާންކޮށް ގެޒެޓްކުރުމުންނެވެ.