ތެލެސީމިއާ ނުވަތަ ލޭ އަޅާ ބައްޔާއެކު އުފަންވާ ކުދިން ރާއްޖޭގައި އިތުރުވާ މިންވަރު ކޮންޓްރޯލް ކުރުމަށާއި، ލޭ އަޅާ މީހުން އެޑްވޮކޭޓްކޮށް ދުޅަހެޔޮ ބަޔަކަށް ހެދުމަށް ކުރަންޖެހޭ ކަންތައްތަކާ މެދު މަޝްވަރާކުރުމަށް ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ބައިވެރިވާ ސެމިނާރެއް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަށައިފި އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ސެމިނާ ފައްޓަވައިދެއްވައި، ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމް އިބްރާހިމް މިއަދު ވިދާޅުވީ، ތެލެސީމިއާ ބަލީގައި އުފަންވާ ކުދިން ރާއްޖޭގައި އިތުރުވަމުންދާ ދިއުމަކީ އެކަމަށް ހައްލެއް ހޯދަން ޖެހިފައި އޮތް ކަންބޮޑުވުމެއް ކަމަށެވެ. ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ފާއިތުވެދިޔަ އަހަރުތަކުގައި މަސައްކަތްތަކެއް ކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ތެލެސީމިއާ ކުދިންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ގޮތުން ބޯންމެރޯ ޓްރާންސްޕްލާންޓަށް ވެސް ގިނަ އަދަދެއްގެ ކުދިން ވަނީ ފޮނުވާފައި. އޭގެ ތެރެއިން ސާޅީސް ކުދިންގެ ބޯންމެރޯ ކާމިޔާބުވެފައިވާއިރު އިތުރު ފަސް ކުއްޖަކު މިހާރު ވަނީ އޮޕަރޭޝަނަށް ފޮނުވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް ސައިޕްރަސްއާ އެކު ފެށި މަޝްވަރާތަކާ ގުޅިގެން އަމަލީ މަސައްކަތްތަކެއް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
ތެލެސީމިއާ އަކީ ވަކި ބައްޔަކަށް ސަރުކާރުގެ ބަޖެޓުން އެންމެ ގިނަ ހަރަދު ކުރާ ބައްޔެވެ. ލޭ އަޅާ 600 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ތިބި އިރު، އެމީހުންނަށް ބޭނުންވާ ބޭހާއި އިންޖެކްޝަން، އަދި އެނޫން ވެސް ފަރުވާއަށް ބޭނުންވާ ސާމާނު ރާއްޖޭގައި ހިލޭ ފޯރުކޮށްދެ އެވެ. ނަމަވެސް މި ސަރަހައްދަށް ބަލާއިރު ވެސް، ރާއްޖޭގައި ލޭ އަޅާ ބަލި ހުންނަ މީހުން މަރުވާ އުމުރުފުރާ އުޅެނީ ވަރަށް ދަށުގަ އެވެ.
"ރާއްޖޭގައި މި އުޅެނީ ވަރަށް ތަފާތު މައްސަލައެއް. ހޭލުންތެރިކަން ނެތުން ވެސް ނޫން ހަގީގަތުގައި މައްސަލައަކީ. ރާއްޖޭގެ ތެލެސީމިއާ ހާލަތަށް ބަލާއިރު މި އޮތީ މައިގަނޑު ދެ ކަންބޮޑުވުމެއް. އެއީ ލޭ އަޅާ ކުދިން އުފަންވާ މިންވަރު މަދުނުވުމާއި ލޭ އަޅާ ކުދިން ހަނގު އުމުުގައި މަރުވާ މައްސަލަ. ހަނގު އުމުރުގައި ކުދިން މަރުވަނީ ގިނައިން ފަރުވާއާއި ބޭހަށް ފަރުވާ ކުޑަކުރެވޭތީ. ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި އިންޖެކްޝަން ވަރަށް ބޮޑު ހަރަދެއް ކޮށްގެންވެސް ހިލޭ އެބަ ފޯރުކޮށްދެވޭ. އެހެންވީމަ ބެލެނިވެރިންނާއި ލޭ އަޅާ މީހުންނާއި ކުދިންނަށް އަމިއްލައަށް މަސައްކަތްކޮށްގެން ކޮންޓްރޯލްކުރެވިދާނެ މައްސަލައެއް މި ކަމަކީ،" އައިޖީއެމްއެޗްގެ ފެމިލީ ޑޮކްޓަރު ޑރ ނިޔާޝާ އިބްރާހިމް ވިދާޅުވި އެވެ.
ޑރ ނިޔާޝާ ވިދާޅުވީ މިއަދު ކުރިއަށްދާ ފޯރަމްގައި ތެލެސީމިއާ ކުދިން އެޑްވޮކޭޓްކުރުމަށް ޑޮކްޓަރުން އަދާކުރާ ދައުރު މިހާރަށްވުރެ ފުޅާކުރުމަށް މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ތެލެސީމިއާ ހުންނަ މީހުންނަށް ދިމާވާ އެކި ސިއްހީ މައްސަލަތަކާ ގުޅޭ ގޮތުން ތަފާތު ދާއިރާތަކުގެ ޑޮކްޓަރުންނަށް މައުލޫމާތުދިނުން ވެސް މިއަދުގެ ސެމިނާގައި ކުރިއަށްދާނެ ކަމަށެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލާއި މާލޭގައި މަސައްކަތްކުރައްވާ ގިނަ އަދަދެއްގެ ޑޮކްޓަރުން ބައިވެރިވާ މި ސެމިނާ އިންތިޒާމްކޮށްފައިވަނީ މީލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އިންނެވެ. މި ފޯރަމަށްފަހު ތެލެސީމިއާ ޕޭޝަންޓުން ހޭލުންތެރިކުރުމަށް ވެސް ހާއްސަ ކޮންފަރެނެސެއް ބާއްވަން އެ ސޮސައިޓީން ވަނީ ނިންމާފަ އެވެ.