ހަބަރު

އިންސާފު ގާއިމުކޮށްދޭނަން، ތަފާތެއް ނުކުރާނަން: ފައިސަލް

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އިންސާފު ގާއިމުކޮށްދޭނެ ކަމަށާއި އެއްވެސް މީހަކާމެދު ތަފާތެއް ނުކުރާނެ ކަމަށް ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ޖަލުގައި ހުންނަވާތާ އެއް އަހަރުވުމާ ގުޅިގެން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ސަރުކާރަކުން ރައްޔިތުންނަށް ލިބިގެންދާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ އިންސާފު ގާއިމުވުން ކަމަށެވެ.

"އިންސާފަކީ އެއީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަން ޖެހޭނެ އެއްޗެއް، އެއީ ކޮންމެ ރައްޔިތަކަށް ލިބެން ޖެހޭނެ އެއްޗެއް، އެހެންވީމަ އަޅުގަނޑުމެންގެ ސަރުކާރަކުން ދުވަހަކު ވެސް ނުފޫޒު ފޯރުވާ ވަކި މީހަކާމެދު ތަފާތުކުރުން އޮންނަ ފަދަ އަމަލެއް ނުކުރާނެ،" ފައިސަލް ނަސީމް ވިދާޅުވި އެވެ.

ފައިސަލް ނަސީމް ވިދާޅުވީ، މިހާރު ރާއްޖެ މިއޮތް ހާލަތަށް ވެއްޓުނީ ވެސް އިންސާފު ނެތީމަ ކަމަށެވެ. ރައްޔިތުންނާމެދު ތަފާތުކުރުންތައް ގެންގުޅޭތީ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ހަމަހަމަކަން ގާއިމުވެގެން ދާނެ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ގައުމު ހަމަ މަގަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރަން ޖެހެނީ ވަކި ވަގުތެއްގަ ނޫން ކަމަށާއި ކަންކަން ހަމަ މަގަމަށް މިހާރުން މިހާރަށް އެޅުވުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ. އަދި ޖަލުގައި އަނިޔާ ލިބެމުންދާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ވެސް ގޮވާލައްވާ ކަމަށެވެ.