ހަބަރު

ހުޅުމާލޭގައި އަނެއްކާވެސް ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ހުޅުމާލޭގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި، މިއަދު ވެސް ޒަހަމްކޮށްލައިފި އެވެ. މި މާރާމާރީ ހިނގާފައިވަނީ މިއަދު ހަވީރު 4:10 ހާއިރު އެވެ.

މިއަދުގެ މާރާމާރީގައި އަނިޔާވެފައިވަނީ 29 އަހަރުގެ ޒުވާނަކަށެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު ވިދާޅުވި ގޮތުގައި 29 އަހަރުގެ ޒުވާނާގެ ބުރަކަށީގެ ފަސް ތަނަކަށް ވަޅިން ވަނީ ހަމަލާދީފަ އެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. ހޮސްޕިޓަލަށް އައީ ވެސް ހިނގާފަ ކަމަށް އާޝިޔާ ވިދާޅުވި އެވެ.

އެ ޒުވާނާގެ އެކްސްރޭއެއް ނަގައި، ލިބިފައިވާ ޒަހަމްތަކަށް މިހާރު ފަރުވާދެމުންދާ ކަމަށް އާޝިޔާ ވިދާޅުވި އެވެ.

ހުޅުމާލޭގައި މިއަދު 29 އަހަރުގެ ޒުވާނެއް ޒަހަމްކޮށްލާފައިވާއިރު ރޭ ވެސް ޒުވާނެއްގެ ހަތް ތަނަކަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވެ އެވެ. އެ ޒުވާނާގެ ހާލު މިހާރު ރަނގަޅެވެ.

ހަތް ތަނަކަށް ވަޅި ޖަހައި ރޭ ޒުވާނަކު ޒަހަމްކޮށްލިއިރު އޭގެ ކުރީ ރޭ ވެސް ޒުވާނެއްގެ ބުރަކައްޓަށް ވަޅި ހަރައި ޒަހަމްކޮށްލި އެވެ. މި ހާދިސާތަކާ ގުޅޭ ގޮތުން ފުލުހުން އެއްޗެއް ނުބުނެ އެވެ.