ހަބަރު

ބްރިޖަކީ އަޅުގަނޑުގެ މަސައްކަތެއް، ނިމޭތީ އުފާވޭ: އަދީބު

މިހާރު ނިމެން ގާތްވެފައިވާ ހުޅުލެ، މާލެ ގުޅުވައިދޭ ބްރިޖަކީ އޭނާ އިސްވެ ހުންނަވާ ރާއްޖެ ގެނައި މަޝްރޫއެއް ކަމަށާއި މިއަދު ޖަލުގައި ހުންނަވަން ޖެހުނަސް އެ މަޝްރޫއު ނިމި އޭގެ ފައިދާ ރައްޔިތުންނަށް ލިބޭ ދުވަސް ގާތްވެފައިވާތީ އުފާ ކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު މިއަދު ވިދާޅުވެއްޖެ އެވެ.

އަދީބު މިހެން ވިދާޅުވީ، އޭނާގެ މައްޗަށް އުފުލާފައިވާ 10 ދައުވާއަކަށް ޖަވާބުދާރީވަމުން މިއަދު ޝަރީއަތުގެ މަޖިލީހުގަ އެވެ. އަދީބު ވިދާޅުވީ، ގައުމު ހިންގެވުމުގެ މަސައްކަތް 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އޭނާ ހަވާލުކުރެއްވި ކަމަށެވެ. އޭގެ ކުރިން ވެސް އަދި ފަހުން ވެސް އަޑި އަޅާލާފައިވާ ރާއްޖޭގެ އިގްތިސޯދު ފުޅާކުރަން އޭނާ ގިނަ އިހްލާސްތެރި މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ.

"2014 އަދި 2015 ވަނަ އަހަރު އިގްތިސޯދު ހިންގަން ހަވާލުކުރީ އަޅުގަނޑާ، ގައުމު ހިންގީ އަޅުގަނޑު، އިކޮނޮމިކް ކައުންސިލްގައި ވެސް ގިނަ މަސައްކަތްތަކެއް ކުރިން، ބްރިޖާއި ހުޅުމާލެ ދެވަނަ ފިޔަވައްސަކީ އަޅުގަނޑު މަސައްކަތް، މިއަދު އަޅުގަނޑު ޖަލުގެ ކުޑަ ގޮޅިއަށް ލާފައި އޮތް ނަމަވެސް ބްރިޖް ނިމިގެން ދާތީ އުފާވޭ، އަޅުގަނޑު ގައުމަށް ކޮށް ދިނީ އިހްލާސްތެރި މަސައްކަތްތަކެއް،" އަދީބު ވިދާޅުވި އެވެ.

ސިނަމާލެ ނަމުން ނަން ދީފައިވާ ބްރިޖްގެ މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ނިންމާލާފަ އެވެ. އަންނަ މަހުގެ ތެރޭގައި ބްރިޖް ހުޅުވާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރަނީ ބްރިޖެވެ. ބްރިޖްގެ އެއްބަސްވުމުގައި ޗައިނާއާއެކު ސޮއި ކުރައްވާފައިވަނީ ވެސް އަދީބެވެ.

އަދީބު ވިދާޅުވީ، އޭނާ ޓޫރިޒަމް މިނިސްޓަރުގެ ކަމުގެ މަގާމަށް ވަޑައިގެންނެވިއިރު ރާއްޖެ އޮތީ ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގަ ކަމަށާއި އޭނާގެ މަސައްކަތަކަށްވީ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ނެގުން ކަމަށެވެ. އޭނާ މަގާމާ ހަވާލުވިއިރު ރާއްޖޭގައި 100 ރިސޯޓް އޮތް ނަމަވެސް އޭނާ ދޫކުރި ރަށްތަކުގެ ތެރެއިން މިހާތަނަށް 35 ރިސޯޓެއް ހުޅުވައި އިތުރު ރިސޯޓްތަކެއް ވެސް ހުޅުވުމުގެ މަގުމަތީގައި ހުރިކަން ފާހަގަކުރެއްވި އެވެ.

"2102 އަދި 2013 ގައި އަޅުގަނޑު ޓޫރިޒަމް މިނިސްޓްރީން ދޫކުރާ ރަށްތަކަށް ދައްކާ ކުލި ޖަމާކުރަމުން ދިޔައީ މީރާއަށް، އެކަމަކު އެކަން 2014 ވަނަ އަހަރުގެ ތެރޭގައި ބަދަލު ކުރެއްވީ ރައީސް، ރައީސް ނިންމެވީ ހުރިހާ ފައިސާއެއް އެމްއެމްޕީއާރްސީއަށް ޖަމާކުރާ ގޮތަށް، އޭގެ ފަހުން އަމަލުކުރަމުން ދިޔައީ އެގޮތަށް،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ، ރާއްޖެ އާއި ރާއްޖެއިން އެތައް އިންވެސްޓަރުންނެއް އޭނާ ހޯއްދެވި ކަމަށާއި ރިސޯޓްތައް ހަދަން ހަވާލުކުރީ އެކަން ކުރެވޭވަރުގެ މީހުންނަށް ކަމަށެވެ. އެކަން ސާބިތުވާ ކަމަކީ މިހާރު ވެސް އެ ރިސޯޓްތަކުގެ މަސައްކަތް ކުރިއަށްދާތީ އާއި އެ އެއްބަސްވުންތައް ބާތިލު ވެސް ސަރުކާރުން ކޮށްފައިނުވާތީ ކަމަށެވެ.