ހަބަރު

ޖޭއެސްސީގެ ރައީސްގެ މެންބަރު ހައިކޯޓް ފަނޑިޔާރުކަމަށް އައްޔަންކޮށްފި

ހުސްވެފައިވާ ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް ޖުޑީޝަލް ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފައިސަލް އާއި ކްރިމިނަލް ކޯޓަށް ދާދިފަހުން ހަމަޖެއްސި، ހުސައިން ޝަހީދު އައްޔަން ކުރައްވައިފި އެވެ. އެ ދެ ބޭފުޅުންނަށް އެ މަގާމު ދޭން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައި އިއުލާންކޮށްފައިވަނީ މިއަދު އެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ ކޯޓުގައި ތިއްބަވާ 11 ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަންކުރުމާ ގުޅިގެންނެވެ. މަގާމަށް ފައިސަލް އާއި ޝަހީދު އައްޔަންކުރުމަށް ޖޭއެސްސީން މިއަދު ނިންމާފައިވާއިރު، އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ފައިސަލް އަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފަރާތުން ޖޭއެސްސީއަށް އައްޔަންކޮށްފައިވާ މެންބަރެވެ. އޭނާ ފަހުން ވަނީ ޖޭއެސްސީގެ ނައިބު ރައީސްކަމަށް އައްޔަންކޮށްފަ އެވެ.

އަލަށް އައްޔަންކުރި ދެ ފަނޑިޔާރުންގެ ތެރެއިން ފައިސަލަކީ ޖޭއެސްސީއަށް ރައިސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކުރައްވާފައިވާ މެންބަރެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވާއިރު ޖޭއެސްސީއަކީ ކޯޓުތަކަށް ފަނޑިޔާރުން ހޮވުމުގެ ޒިންމާ އަދާކުރާ މުއައްސަސާ އެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަހުން ފައިސަލް ޖޭއެެސްސީގެ މަސައްކަތްތަކުގައި ބައިވެރިވަޑައިނުގަންނަވަ އެވެ.