ހަބަރު

ރަންގަލި ރިސޯޓުން ހިޔާގެ ކުދިންނަށް އާ އިންޓާންޝިޕް ފުރުސަތުތަކެއް

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އިންޓާންޝިޕް ފުރުސަތު ހޯދުމުގެ ގޮތުން ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓާއެކު ޖެންޑާ މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޖެންޑަ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުޑަކުދިންގެ ހިޔާގައި ތިބި 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ރަންގަލިއާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ސްލޮޓްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.

މިއީ ކުޑަކުދިންގެ ހިޔާގައި ގިނަ އަދަދެއްގެ ކުދިން ދިރިއުޅޭއިރު އެކުދިންނަށް ކެރިއާ ފުރުސަތުތަކާއި މުސްތަގްބަލު ބިނާކުރެވިދާނެ ފުރުސަތު ދައްކައިދިނުމުގެ ގޮތުން ފަށާފައިވާ މަސައްކަތްތަކެއްކަން މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޒެނީޝާ ޝަހީދު ފާހަގަކުރެއްވި އެވެ.

ރަންގަލިން މީގެ ކުރިން ވެސް ވަނީ ހިޔާގެ ދެ ކުއްޖަކަށް އިންޓާންޝިޕް ފުރުސަތު ދީފަ އެވެ. އެ ދެކުދިން މިހާރު ވެސް އަންނަނީ އެ ރިސޯޓުގައި މަސައްކަތްކުރަމުންނެވެ.