އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓަކު ހޮވުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓު ބާތިލުކުރަން ސިވިލް ކޯޓަށް މައްސަލައެއް މިއަދު ވައްދައިފި އެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުގައި ކުރިން ވަރަށް އިސްކޮށް އުޅުނު އަދި މިހާރު އިނގިރޭސިވިލާތުގެ ހިމާޔަތް ހޯދައިގެން އެ ގައުމު ދިރިއުޅޭ މޫސާ އަންވަރެވެ.
މޫސާ އަންވަރު ހުށަހެޅި މައްސަލާގައި އެދިފައިވަނީ ޖުމްހޫރީ ޕާޓީ ކައުންސިލްގައި ނެގި ވޯޓުގެ ތެރެއިން ބާތިލް ވޯޓެއްގެ ގޮތުގައި ކަނޑައެޅި ވޯޓަކީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިނަށް ލިބިފައިވާ ވޯޓެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އަލީ ހުސައިނާއި ފައިސަލް ނަސީމްގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމަށް ޖުމްހޫރީ ޕާޓީގެ މައްޗަށް އަމުރުކުރުމަށެވެ.
ފައިސަލް ނަސީމަށް ރަނިންމޭޓްކަން ލިބިވަޑައިގަތީ 15 ވޯޓުންނެވެ. އެންމެ ގާތުން ވާދަ ކުރެއްވި އަލީ ހުސެއިނަށް ލިބިވަޑައިގަތީ 14 ވޯޓެވެ. ކައުންސިލްގައި ނެގި ވޯޓުގެ ތެރެއިން އެއް ވޯޓަކީ ބާތިލް ވޯޓެއް ކަމަށް ކަނޑައެޅި އެވެ. އެ ވޯޓުގައި އަލީ ހުސެއިނާ ދިމާލުގައި އެއްވެސް ފާހަގައެއް ޖަހާފައިނުވާއިރު އެހެން ކެންޑިޑޭޓުންނާ ދިމާގައި ވަނީ ރަސްގެލާފަ އެވެ.
އެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށް އަލީ ހުސެއިން ވަނީ ވިދާޅުވެފަ އެވެ. އަދި ފައިސަލް ނަސީމްއާއެކު ކެމްޕެއިން ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.