ހަބަރު

އުމަރު ނަސީރުގެ ޕާސްޕޯޓް ހިފަހައްޓަން ކޯޓުން އަމުރުކޮށްފި

އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން ހާމަ ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޕާސްޕޯޓް ހިފަހައްޓަން އިއްޔެ ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.

އުމަރު ނަސީރުގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރެއް ނެރުނީ އުމަރުގެ ހިއްސާ އޮންނަ ޓޫރިސްޓް ވޭލް ސަބްމެރިން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސާބިތުވި 1.8 މިލިއަން ރުފިޔާގެ އަދާކުރަމުން ނުދާތީ އެވެ. އެ ދައުވާ އުމަރުގެ ކުންފުންޏާ ދެކޮޅަށް ކުރީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ފަރާތުންނެވެ.

އެ އޮފީހުން ޓޫރިސްޓް ވޭލް ސަބްމެރިން ޕްރައިވެޓް ލިމިޓެޑްއާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެން މުވައްޒަފުންގެ ރިޓަޔާމަންޓް ޕެންޝަން ފައިސާގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކުރި އެވެ. އެ ހުކުމް ކުރީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އެ ހުކުމާ އެއްގޮތަށް ދަރަނި ދައްކާފައިނުވާތީ ޕެޝަން އޮފީހުން ވަނީ އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި އިތުރު މައްސަލައެއް ސިވިލް ކޯޓަށް ވައްދާފަ އެވެ. އެ މައްސަލަ މިހާރު ސިވިލް ކޯޓުގައި ކުރިއަށްދާއިރު އިއްޔެ އުމަރު ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަންޏާ ބެހޭ ގަވައިދުގެ ދަށުންނެވެ.

އެ ގަވައިދުގައިވާ ގޮތުން ކުންފުންޏެއްގެ މައްޗަށް ސާބިތު ދަރަންޏެއް ސާބިތުވާނަމަ އެ ދަރަންޏެއް ދައްކާ ނިމެންދެން އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ޕާސްޕޯޓް ހިފެހެއްޓިދާނެ އެވެ.

މިކަމާ ގުޅިގެން އުމަރު ނަސީރު ވިދާޅުވީ، އޭނާގެ ޕާސްޕޯޓް ހިފެހެއްޓި ވާހަކައަކީ ދޮގެއް ކަމަށާއި އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏެއް މިހާރު ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް އުމަރުގެ ޕާސްޕޯޓް ހިފަހައްޓައި އެކަން ލިޔުމުން އިމިގްރޭޝަނަށް އަންގަން ސިވިލް ކޯޓުން ނިންމާފައިވާކަން ވަނީ ޔަގީން ކުރެވިފަ އެވެ.

އަންނަ ރިޔާސީ އިންތިހާބަށް އުމަރު ކުރިމަތިލައްވަން ނިންމަވާފައިވާއިރު ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މީހަކަށް ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތި ނުލެއްވޭނެ އެވެ.