ހަބަރު

ތިން ހާދިސާއެއްގައި 8 ކިލޯގެ ޑްރަގު އަތުލައިފި

Jul 24, 2018
3

ރާއްޖެ އަންނަ ފަސިންޖަރުންގެ ފޮށިތަންމަތި ފާސް ކުރުމުގެ ތިން ހާދިސާއެއްގެ ތެރެއިން 8.28 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ. އޭގެ ތެރެއިން އެއް ހާދިސާއެއްގައި ދިވެއްސަކު ހިމެނެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ ފުރަތަމަ ކޭސްގައި މި މަހުގެ 18 ވަނަ ދުވަހު ބަންގްލަދޭޝްގެ ޑާކާއިން ރާއްޖެ އައި އުމުރުން 30 އަހަރުގެ ބަނގުލަދޭސް މީހެއްގެ އަމަލުތައް ހުރި ގޮތުން އޭނާއަށް ޝައްކު ވެގެން ބަލައި ފާސް ކުރި އިރު އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުރި ހަތަރު ޕާރުސަލް ފެނުނު ކަމަށެވެ. އަދި އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވި އިރު، އެތަކެތީގެ ބަރުދަނުގައި 5.46 ކިލޯ ހުރި ކަމަށެވެ.

ދެވަނަ ހާދިސާއަކީ ދޯހާ މަގުން ޓެންޒޭނިއާއިން ރާއްޖެ އައި ޓެންޒޭނިޔާގެ 23 އަހަރުގެ އަންހެނެއްގެ އަތުން މަސްތުވާތަކެތި ފެނުނު ހާދިސާއެކެވެ. އެއީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އޭނާއާމެދު ޝައްކު ވެގެން ބަލައި ފާސް ކުރި އިރު ލަގެޖުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައި ހުއްޓާ ފެނުނެވެ. އެ ތަކެތި ތަހުލީލު ކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައެވެ.

އޭނާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.05 ކިލޯ ހުއްޓެވެ.

މިމަހުގެ 15 ވަނަ ދުވަހު އިންޑިޔާއިން ރާއްޖެއައި އުމުރުން 31 އަހަރުގެ ދިވެއްސެއްގެ ފޮށި ބަލައި ފާސް ކުރި އިރު ފޮށީގެ ތެރެއިން މަސްތުވާތަކެތި ފެނިފައި ވެ އެވެ. އޭނާ ގެނައީ ބަރުދަނުގައި 771 ގްރާމް ހުރި ހެރޮއިންނެވެ.

މިކޭސްތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މިމައްސަލައިގައި ޝާމިލްވާ މީހުން ވަނީ ފުލުހާ ހަވާލުކޮށްފަ އެވެ.

ތިން ހާދިސާއެއްގައި ތިން ގައުމަކަށް ނިސްބަތްވާ ތިން މީހަކު އަތުލައި ގަތް އިރު ކަސްޓަމްސް އިން ބުނެފައި ވަނީ މިދިއަ މަހެއްހާ ދުވަހުގެ ތެރޭގައި ބަންގުލަދޭޝް އިން ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން އަންނަ އެ ގައުމުގެ މީހުންގެ އާދަޔާހިލާފަށް އިތުރުވެފައިވާ ކަމަށާއި އެހެންވެ ބަންގުލާދޭޝް ޕާސްޕޯޓް ހިމެނޭ އެންމެން ބަލައި ފާސް ކުރަން ފަށާފައިވާ ކަމަށެވެ.