ހަބަރު

ޖަޒްލާން އެކްސިޑެންޓްވީ ބާރަށް ދުއްވަައިގެން، ލައިސަންސެއް ނެތް: ފުލުހުން

Jul 24, 2018
7

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި އެކްސިޑެންޓް ވެގެން މަރުވި ޒުވާނާ އެކްސިޑެންޓުވީ ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާފައި ގޮސް ބަމްޕަރަކުން އަރަން އުޅުމުގެ ތެރޭގައި ކަމަށާއި އޭނާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ޑީވޯޓާ ހޮޅި މަގު ހުރަސްކޮށް ގެންދަން ހަދާފައިވާ ބަމްޕަރެއްގެ މަތިން ސައިކަލް ކަހާލައިގެން ވެއްޓި ލިބުނު އަނިޔާތަކާ ގުޅިގެން އުމުރުން 18 އަހަރުގެ މުހައްމަދު ޖަޒްލާން މަރުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށެވެ.

ޖަޒްލާން މަރުވީ ސައިކަލުން ކަހާލައިގެން ނޫން ކަމަށާއި އެކަން ތަހުގީގު ކުރަން ޖެހޭ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަޑު އުފުލަމުން ދަނިކޮށް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ހާދިސާ ހިނގި ސަރަހައްދުން ތަހުގީގަށް ހޯދި މައުލޫމާތާއި ސީސީޓީވީ ފުޓޭޖްތަކަށް ބަލާއިރު އެ ހާދިސާ ހިނގީ ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާފައި ގޮސް ބަންޕަރުން އަރަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލް ނުވެގެން ކަހާލައި ވެއްޓިގެން ކަމަށެވެ. ސައިކަލު ދުއްވަން އިނީ ޖަޒްލާން އެކަނި ކަމަށާއި ހާދިސާ ހިނގީ އިތުރު އުޅަނދަކުން ސައިކަލުގައި ޖައްސައިގެން ނޫން ކަމަށެވެ.

ޖަޒްލާން އެކްސިޑެންޓުވި ތަން ފެންނަ ވީޑިއޯއެއް

އޭގެ އިތުރުން ޖަޒްލާން އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސްއެއް ނޯންނަ ކަމަށާއި ލައިސެންސް ނެތި ދުއްވައިގެން ހަ ފަހަރެއްގެ މަތިން އޭނާއަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންކަމުން ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް ފުލުހުން އިލްތިމާސް ކުރި އެވެ.

ޖަޒްލާން އަކީ އެއާޕޯޓްގެ ޑިއުޓީފްރީގައި ވަޒީފާ އަދާކުރަމުން އައި ޒުވާނެކެވެ. އޭނާ އަކީ ސައިކަލް ރޭސް ޖެހުމުގައި ވެސް އުޅޭ ޒުވާނެކެވެ.