ހަބަރު

ހައި އެޗީވާސް ސްކޮލާޝިޕަށް އަލުން ހުޅުވާލައިފި

އޭ ލެވެލް އިމްތިހާނުގެ ފަސް މާއްދާއިން އޭ ފާސް ހޯދާ ދަރިވަރުންނަށް ސަރުކާރުން ދޭ ހައި އެޗީވާސް ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ދެވަނަ ފަހަރަށް އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ހައި އެޗީވާށް ސްކޮލާޝިޕަށް މެއި މަހުގެ ތެރޭގައި ވެސް ހުޅުވާލި އެވެ. ނަމަވެސް އެ ފުރުސަތުގައި ސްކޮލާޝިޕަށް އެދި ފޯމް ހުށަހެޅީ 36 ކުދިންނެވެ.

އެޑިއުޚޭޝަންގެ މަތީ ތައުލީމާބެހޭ ކަންކަން އިންތިޒާމްކުރާ، ހަޔާ އެޑިއުކޭޝަން ޑިޕާޓްމަންޓްގެ އިސް ވެރިޔާ، އަދި ސްޓޭޓް މިނިސްޓަރު ޑރ އަބްދުﷲ ނަޒީރު ވިދާޅުވީ، އެންމެ މަތިން އޭ ލެވެލްގައި މާކްސް ހޯދައިގެން ކްރައިޓީރިއާއަށް ޝަރުތު ހަމަވާ ދަރިވަރުންގެ ގޮތުގައި 46 ކުދިން ހިމެނޭ އިރު، ވަގުތު ހަމަވިއިރު ސްކޮލާޝިޕަށް ކުރިމަތި ލާފައިވަނީ 36 ކުދިން ކަމަށެވެ. ބާކީ ތިބި 10 ކުދިންނަށް އެ މުއްދަތުގެ ތެރޭގައި ސްކޮލާޝިޕަށް ނުލެވުނީ، ރާއްޖެއިން ބޭރުގައި ތިބުމާއެކު ސްކޮލާޝިޕަށް ހުޅުވާލިކަމުގެ މައުލޫމާތު އެނގިފައި ނެތުމުން ކަމަށް އެ ދަރިވަރުން މިނިސްޓްރީއަށް މިހާރު އަންގާފައިވާތީ، އަލުން އެ ފުރުސަތު ހުޅުވާލަނީ އެ ކުދިންނަށް ވެސް ސްކޮލާޝިޕަށް ލެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ޑރ ނަޒީރް ވިދާޅުވި އެވެ.

އޭ ލެވެލްގައި މަތީ މާކްސް ހޯދި ދަރިވަރުންނަށް އިނާމް ދިނުމަށް ބާއްވާ ހައި އެޗީވާސް އެވޯޑު ވެސް އެޑިއުކޭޝަން މިިސްޓްރީން ވަނީ ވަރަށް ފަހުން ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި އޭ ލެވެލްގެ ފަސް މާއްދާއިން "އޭ" ފާސް ހޯދި 47 ދަރިވަރުންނާއި ދުނިޔޭގެ ގަދަ 10 އެއްގައި ހިމެނުނު 45 ދަރިވަރުންގެ އިތުރުން މުޅި ދުނިޔެއިން އެއްވަނަ ހޯދި 6 ދަރިވަރަކަށް ވަނީ އިނާމް ދީފަ އެވެ.