ހަބަރު

ފައިސަލާއި ޝަހީދު ހައިކޯޓު ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފި

ހައިކޯޓަށް އަލަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ކަމަށްވާ މުހައްމަދު ފައިސަލާއި ހުސެއިން ޝަހީދު މިރޭ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފި އެވެ.

ފަނޑިޔާރު ކަމަށް ފައިސަލް އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ނިންމިއިރު އޭނާ ހުންނެވީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގަ އެވެ. ފައިސަލް އެ ކޮމިޝަންގައި ހުންނަވަނީ ރައީސް އަބްދުﷲ ޔާމީން ކަނޑައަޅުއްވާ މެންބަރުގެ މަގާމުގަ އެވެ. އެ މަގާމުން ފައިސަލް ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ހުސެއިން ޝަހީދަކީ މި އަހަރުގެ ޖެނުއަރީ މަހު ކުރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރެކެވެ. ކުރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ޝަހީދު ބެއްލެވި އެންމެ ބޮޑު މައްސަލައަކީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ދަށު ކޯޓުތަކަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރި ދައުވާގެ މައްސަލަ އެވެ. އެ މައްސަލާގައި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވި އެވެ.

ދެ ފަނޑިޔާރުން ހުވާ ކުރެއްވުމަށް މިރޭ ސުޕްރީމް ކޯޓުގައި ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނާއި ޖޭއެސްސީގެ ބައެއް މެންބަރުން ބައިވެރިވަޑައިގަތެވެ. އަދި ދަށު ކޯޓުތަކުގެ އިސް ގާޒީން ވެސް ބައިވެރިވަޑައިގަތެވެ.

ފައިސަލާއި ޝަހީދަށް ފަނޑިޔާރު ކަމުގެ ހުވާލައި ދެއްވީ ސުޕްރީމް ކޯޓަށް ދާދި ފަހުން އައްޔަން ކުރެއްވި ފަނޑިޔާރު އަބްދުލް ގަނީ މުހައްމަދެވެ. ފަނޑިޔާރު ކަމުގެ ފަތްކޮޅު ހަވާލު ކުރެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރުގެ މަގާމު ހުސްވީ އެ ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލް ގަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.

ދެ ފަނޑިޔާރު މިރޭ ހައިކޯޓަށް އައްޔަންކޮށްފައިވީ ނަމަވެސް އަދިވެސް ހައިކޯޓަށް ގާނޫނު ބުނާ އަދަދަށް ފަނޑިޔާރުން ހަމައެއް ނުވެ އެވެ. ގާނޫނުގައިވާ ގޮތުން 11 ފަނޑިޔާރުން ތިއްބަވަން ޖެހެ އެވެ. މިހާރު ތިއްބެވީ ނުވަ ފަނޑިޔާރުންނެވެ. ހައިކޯޓުގެ ހުރިހާ ފަނޑިޔާރުން ވެސް މިހާރު މަސައްކަތް ކުރައްވަން ޖެހެނީ ސީދާ ހައިކޯޓުގަ އެވެ. ގޮފިތަކުގައި ދާއިމީ ގޮތެއްގައި ފަނޑިޔާރުން ތިއްބެވުމުގެ ބަދަލުގައި ގޮފިތަކަށް ދޭތެރެ ދޭތެރެއިން ފަނޑިޔާރުން ވަޑައިގެން މައްސަލަތައް ބައްލަވަން ސުޕްރީމް ކޯޓުން ވަނީ އަންގާފަ އެވެ.

މިރޭ އައްޔަން ކުރެއްވި ފަނޑިޔާރު ފައިސަލާއި ޝަހީދުގެ އިތުރުން ދެން ހައިކޯޓުގައި ތިއްބަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހަސަން އަލީ އެވެ. މިހާރު އެ ކޯޓުގައި އިސް ފަނޑިޔާރަކު ނެތެވެ.