ރިޕޯޓް

ބިދޭސީން "ސާފުކުރުން" ކުންފުނިތަކުގެ ދަށަށް! ނަތީޖާ ފެންނާނެބާ؟

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް ގައުމީ ފެންވަރުގެ ބޮޑެތި އޮޕަރޭޝަންތައް ހިންގާފައިވެ އެވެ. އެ މަސައްކަތުގައި އެތައް ބަޔަކު ރާއްޖޭން ފޮނުވާ ވެސް ލެވިއްޖެ އެވެ. ނަމަވެސް މި ކަންކަމުން ބިދޭސީން މަދުކުރުމަށް "ރަނގަޅު ހައްލެއް" ނުފެނުނެވެ. މިފަދަ ކަމެއް، މިހާރުގެ ސަރުކާރުން ވެސް މިވަނީ ފަށާފަ އެވެ. މިފަހަރު ފެށި ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، "ސާފުކޮށް" ކުންފުނިތަކުގެ މަސައްކަތައް ނެރުމުގެ މަސައްކަތެވެ. ސުވާލަކީ މި މަސައްކަތުގެ ނަތީޖާ ފެންނާނެ ބާ އެވެ؟

"މި މުޅި އިޝޫއަށް އަޅުގަނޑުމެން އެޑްރެސް ކުރިން. އަޅުގަނޑުމެން މި މައްސަލަ ހައްލު ކުރުމަށްޓަކައި މި މަސައްކަތްކުރަނީ ތެދުވެރިކަމާއެކު. މި މައްސަލަ ހައްލު ކުރުމަށްޓަކައި ރޮކް ބޮޓަމް އަށް ފީނައިގެން މީގެ އެންމެ ބޮޑު މައްސަލަތަކުން ފެށިގެން ކުދި މައްސަލަތައް ވެސް އެނގިގެން ގުޅިގެން މިކުރިއަށް ދަނީ،" ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން މަދުކުރަން އިންޑަސްޓްރީތަކާ ގުޅިގެން އިއްޔެ ފެށި "ޝެއާޑް ރެސްޕޮންސިބިލިޓީ" ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި އެއްލައްކަ އަށްވުރެ ގިނަ ބިދޭސީން މަސައްކަތް ކުރާއިރު "ވަގު މަސައްކަތްތެރިން" ގެ ގޮތުގައި 30،000 މީހުން މަސައްކަތް ކުރެ އެވެ. ސަރުކާރާއި މަސައްކަތްތެރި އިންޑަސްޓްރީޒްތައް ގުޅިގެން އަލަށް ފެށި ޝެއާޑް ރެސްޕޮންސިބިލިޓީ ޕްރޮގްރާމުގެ ދަށުން ގަވާއިދާ ހިލާފަށް އުޅޭ މީހުން ހޯދައި، އެ މީހުންގެ ޑޮކިއުމެންޓްތައް ހަމަ ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި އެމީހުން ރާއްޖޭގެ ކުންފުނިތަކުގެ ދަށުން ބަލަހައްޓަން ފުރުސަތު ދެ އެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ފަށާ މަސައްކަތެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން ބިދޭސީ ބައެއް މަސައްކަތު މީހުން މަސައްކަތައް ނެރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

"ބައެއް މީހުން މަސައްކަތް ނެރި ޑޮކިއުމެންޓް ކުރެވޭނެ. މިގޮތަށް ޑޮކިއުމެންޓް ނުކުރެވޭ މީހުން ރާއްޖޭން ފޮނުވާލެވޭނެ،" އިމިގްރޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ސައީދު ވިދާޅުވި އެވެ.

ސަރުކާރުން މިފަހަރު ފެށި އާ ޕްރޮގްރާމުގެ ދަށުން މަސައްކަތްތެރި ބިދޭސީން ރާއްޖޭގެ ކުންފުނިތަކާ ހަވާލު ކުރެވޭނެ އެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އަމީން ކޮންސްޓްރަކްޝަން އާއި ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން އަދި އެންސިސް ފިޝަރީޒާއި ޗައިނާގެ މެޝިނަރީ ކޮންސްޓްރަކްޝަންއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކުންފުނިތަކާއެކު ސޮއިކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

މަސީގެ ރައީސް އަދި ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ލޭބަ މެނޭޖުމަންޓުގެ ވާހަކަ ދެކެވެމުން އަންނަތާ ލައްކަ ޒަމާންވެއްޖެ ކަމަށެވެ.

"މީގެ އަށެއްކަ އަހަރު ކުރިން މި ވާހަކަ ދައްކަން ފެށިއިރު އޭރުތިބީ އަށެއްކަ ހާސް މީހުން ވަގަށް ފިލައިގެން އުޅެނީ. ނަމަވެސް މިހާރު މި އަދަދު މިވަނީ އެތައް ގުނައެއް އިތުރުވެފަ. ނަމަވެސް މިފަހަރު މިއެޅޭ ފިޔަވަޅަކީ މިހާތަނަށް މިކަމުގައި އެޅޭ އެންމެ ހަރުދަނާ ފިޔަވަޅު،" ރާއްޖެ އާއި ރާއްޖޭން ބޭރުގައި ރިސޯޓު ކޮންސްޓްރަކްޝަންގެ މަސައްކަތްކުރާ ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އޮންނަނީ ޕެރެލަޕް ލޭބަ މާކެޓެއް ކަމަށާއި، މިފަދަ މާކެޓެއްގައި ގަވާއިދާ ހިލާފަށް އުޅޭ ލޭބަރުންގެ މައްސަލަ ހައްލު ކުރުން މުހިންމު ކަމަށެވެ.

"ލޭބަރުން ގެނެސް ކުންފުނިތަކުގެ ދަށުން ބެލެހެއްޓުމަކީ ކުޑަ ކަމެއް ނޫން. މިކަމުގައި ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވާނެ. މިހާރު ފިލައިގެން އުޅޭ މީހުންގެ އަމިއްލަ ވިޔަފާރިތައް ވެސް އެބަހުރި. ނަމަވެސް ޔަގީންކަން މިދެނީ ހަވާލުވާ މީހުން ގެންގުޅެ، ރާއްޖެއަށް އިމްޕޯޓްކުރާ މީހުން މަދުކޮށް ދޭނެކަން،" ޖަނާހު ވިދާޅުވި އެވެ.

ރާއްޖޭގެ އެހެން ކުންފުންޏެއް ކަމަށްވާ އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ބިދޭސީން ރާއްޖެ ގެނައުމުން ގިނަ މައްސަލަތަކެއް ނުކުންނަ ކަމަށާއި، ނަމަވެސް ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އޮތް ގޮތުން ބޭރުން މީހުން ގެންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އިނގިރޭސި މޮޅެތި ނަން ނަން ކިޔާފައި ގެންނަ މީހުންނަކީ މަސައްކަތައް ނެރޭއިރު އެއްވެސް ކަމެއް އެނގޭ ބައެއްނޫން. ސައިޓްތަކުގައި ހަތަރު ފަސް މަސް ވަންދެން މަސައްކަތް ކުރުމުން އެނގެނީ. އޭރުން އެމީހުންނަށް އެނގެނީ މި އުޅެނީ މާކުޑަ މުސާރައެއްގަ ކަން. އެހާ ހިސާބުން މި ފިލަނީ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ބޭރުން މީހުން ގެނަން ޖެހޭ ގެނައުން މަދު ވެގެންދާނެ ކަމަށެވެ.

"މި މަސައްކަތް ހުޅުވާލުމަކީ ލިބިގެން ދިޔަ ރަނގަޅު ފުރުސަތެއް،" އަބްދުﷲ ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަލަށް ފެށި މި މަސައްކަތާ މެދު ބޮޑެތި ކުންފުނިތަކުން ތިބީ އުންމީދުގަ އެވެ. ދެން އޮތީ މި މަސައްކަތް ކުރިއަށް ދާނެ ގޮތެއް ބަލަން ތިބުމެވެ.