ހަބަރު

ސުޕްރީމް ކޯޓަށް އެ ކޯޓުގެ ހުކުމްތައް ރިވިއު ކުރެވޭނެ: ހުކުމް

ސުޕްރީމް ކޯޓުގެ ނިހާއީ ނިންމުންތައް އެ ކޯޓުން އަލުން ރިވިއު ކުރުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް މިއަދު އެ ކޯޓުން ކަނޑައަޅައި ހުކުމްކޮށްފި އެވެ.

ސުޕްރީމް ކޯޓަށް އެ ކޯޓުގެ ނިންމުންތައް އަލުން ރިވިއު ނުކުރެވޭނެ ކަމަށް ބުނެ ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކުރީ ސުޕްރީމް ކޯޓުގެ އެކެއް ފެބުރުއަރީގެ އަމުރުގައި އެ ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ކުރިން ކޮށްފައިވާ ހުކުމެއް ބާތިލްކޮށްފައިވާތީ އެވެ. ބަންޑާރަ ނައިބުގެ އޮފީހުން ބުނަނީ ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމެއް އަލުން ރިވިއު ކުރެވޭނެ އުސޫލެއް ރާއްޖޭގައި ނެތް ކަމަށެވެ.

އެކެއް ފެބުރުއަރީ އަމުރުގެ ބައިތައް ބާތިލްކުރަން ބަންޑާރަ ނައިބުގެ އޮފީހުން ވެއްދި ދުސްތޫރީ މައްސަލާގައި މިއަދު އިއްވި ހުކުމް ބުނީ، ޝަރުއީ މަރުހަލާތައް އެތުރިފައިވާ ގޮތުން ދަށު ކޯޓެއްގެ ހުކުމް ރިވިއު ކުރެވޭނީ އެއަށްވުރެ މަތީ ކޯޓަކަށް ކަމަށެވެ. އެންމެ މަތީ ކޯޓަކީ ސުޕްރީމް ކޯޓު ކަމަށާއި އެ ކޯޓުގެ ނިންމުންތައް އެހެން ކޯޓަކަށް ރިވިއު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުމެއް އެ ކޯޓަށް ރިވިއު ނުކުރެވޭނެ ކަމަށް ބުނުމަކީ ސައްހަ ދުސްތޫރެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫން ކަމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި ހުކުމްގައި ފާހަގަކުރީ ސުޕްރީމް ކޯޓުގެ ހުކުމްތައް ރިވިއު ކުރުމުގެ އުސޫލު އެހެން ބައެއް ގައުމުތަކުގައި ވެސް ގެންގުޅޭ ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނުގައި ބުނާ ބުނުމަކީ އެއްވެސް އިސްތިސްނާއެއް ނެތި ތަރުތީބު ކުރެވޭ އުސޫލެއް ނޫން ކަމަށެވެ. ވަކި ހާލަތްތަކެއްގައި ސުޕްރީމް ކޯޓުގެ ނިންމުންތައް އެ ކޯޓަށް ރިވިއު ކުރެވިދާނެ ކަމަށެވެ.

އެގޮތުން މައްސަލައެއްގައި ހިމެނޭ ހަސްމަކު ދޮގު މައުލޫމާތެއް ދިންކަން ފަހުން އެނގޭ ހާލަތެއްގައި ނޫނީ މުހިންމު ލިޔުމެއް ފޮރުވިކަން އެނގޭ ހާލަތެއްގައި ފަދަ ހާލަތްތަކުގައި މައްސަލަ އަލުން ސުޕްރީމް ކޯޓުން ރިވިއު ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ހުކުމްގައިވެ އެވެ. އެހެންނޫންނަމަ އެއީ އަދުލު އިންސާފަށް އެޅޭ ހުރަހެއް ކަމަށެވެ.

އެފަދަ ހާލަތްތަކުގައި މައްސަލާގައި ހިމެނޭ ދެ ފަރާތުން ކުރި ފަރާތަކަށް މައްސަލަ ރިވިއު ކުރަން ހުށަހެޅޭނެ ކަމާއި ކޯޓަށް އަމިއްލައަށް އިސް ނަގައިގެން ވެސް އެފަދަ ހާލަތްތަކުގައި ހުކުމްތައް ރިވިއު ކުރެވޭނެ ކަމަށް ވެސް ހުކުމްގައި ބުންޏެވެ. އެއީ އެއްވެސް ދަޖަލެއް ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.

މީގެކުރިން އެ ކޯޓަށް ބައެއް މައްސަލަތައް ރިވިއު ކުރަން ހުށަހެޅި ކަމަށާއި އެ މައްސަލަތައް ރިވިއުނުކޮށް ބޭރުކުރީ އެއީ އަލުން ރިވިއު ކުރަން ޖެހޭ ފަދަ ސަބަބެއް ނެތް މައްސަލަތައް ކަމަށްވާތީ ކަމަށާއި ރިވިއު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ނެތިގެން ނޫން ކަމަށް ވެސް ހުކުމްގައި ބުންޏެވެ.

ވަރަށް ގިނަ ސިޔާސީ ބޭފުޅުން ވަނީ އެ ބޭފުޅުންގެ މައްޗަށް އިއްވާފައިވާ ހުކުމްތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް ރިވިއުކޮށްދޭން އެދިފަ އެވެ. ނަމަވެސް އެ މައްސަލަތައް އޭރު ބޭރުކޮށްލީ އެވެ. ހުކުމްތައް ރިވިއު ކުރަން ޖެހޭ ކަމަށް ކަނޑައަޅައި އެ ހުރިހާ ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އެންގީ އެކެއް ފެބުރުއަރީގެ އަމުރުގަ އެވެ. ފަހުން ވަނީ އަމުރުގެ އެ ބައި ބާތިލްކޮށްފަ އެވެ.