ސަރުކާރުން އެތައް ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވާ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު އެއްކޮށް ބާތިލްނުކުރުމަށް މިއަދު ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމަށްފަހު ސުޕްރީމް ކޯޓުން ވަނީ އެ އަމުރުގެ ބޮޑު ބައި ބާތިލްކޮށްފަ އެވެ. ނަމަވެސް ބާކީ އޮތް ތިން ބައި މިއަދާ ހަމައަށް އޮތީ ބާތިލްނުކޮށް ސަސްޕެންޑްކޮށްފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ވެއްދީ، އެކެއް ފެބުރުއަރީ އަމުރުގައި އޮތް އެ ތިން ބައެއް ބާތިލްކުރުމަށެވެ. އެއީ ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ހުކުމް ބާތިލްކުރި ބަޔާއި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ އެ 12 މެންބަރުންނާއެކު މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެންގި ބަޔާއި ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަން ކުރުމުގެ ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމުގެ ބަޔެވެ. އޭގެ ތެރެއިން ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރީ ފުރަތަމަ ދެ ބަޔެވެ. ފަހު ބައި ބާތިލެއް ނުކުރި އެވެ. މިހާރު ސުޕްރީމް ކޯޓުގެ އެކެއް ފެބުރުއަރީ އަމުރުގައި ބާތިލްނުކޮށް އޮތީ އެ ބައި އެކަންޏެވެ.
އިސް ފަނޑިޔާރުން ކޯޓުތަކަށް އައްޔަންކުރުމުގެ ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމަށް އެކެއް ފެބުރުއަރީ އަމުރުގައި އެންގި ބައި ބާތިލް ނުކުރީ ސުޕްރީމް ކޯޓަކީ އަދުލުއިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ފަރާތަށްވާއިރު އިންސާފު ގާއިމުކޮށްދިނުމަށް ބާރު އެޅުމަކީ އެ ކޯޓުގެ ޒިންމާއަކަށްވާތީ ކަމަށް ބުނެ އެވެ.
މިއަދުގެ ހުކުމްގައި ބުނީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު ޖޭއެސްސީއަށް އޮތް ނަމަވެސް އެކަން އެ ކޮމިޝަނުން ކުރަން ޖެހޭނީ އަދުލުއިންސާފުގެ ތެރެއިން ކަމަށެވެ. އެހެންވެ، އެކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓުގެ ލަފާ ހޯދުމަކީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ. ކޯޓުތަކަށް މިހާރު އިސް ފަނޑިޔާރުން އައްޔަން ކުރަނީ ޖުޑީޝަލް ކައުންސިލްގެ ލަފާ ހޯދައިގެން ކަމަށާއި އެ ކައުންސިލް ބަލަހައްޓަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށެވެ. އެހެން ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަންކުރުމުގައި ސުޕްރީމް ކޯޓުގެ ލަފާ ހޯދި ނަމަވެސް ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ ސުޕްރީމް ކޯޓުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ވެސް ހުކުމްގައި ފާހަގަކުރި އެވެ.
މިއަދުގެ ހުކުމްގައި ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ދުސްތުރީ މައްސަލާގައި ފާހަގަކުރި އިޖުރާއީ ނުކުތާ ވެސް ވަނީ ބޭރުކޮށްލާފަ އެވެ. ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާގައި ބުނީ، އެކެއް ފެބުރުއަރީގެ އަމުރަކީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖިނާއީ ނިޔަތެއް އޮވެގެން އެހެން ފަނޑިޔާރުންނަށް އޮޅުވާލައިގެން ނެރުނު އަމުރެއް ކަމުން އެ އަމުރަކީ ބާތިލް އަމުރަކަށް ވާނެ ކަމަށެވެ.