ހަބަރު

މީރާ އާއި އެސްޓީއޯއަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށް އިބޫ ވިދާޅުވެއްޖެ

މޯލްޑިވްސް އިންލެންޑް ރެވިނިއު އެތޯރިޓީ، މީރާ އާއި އެސްޓީއޯއަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅަށް އިބޫ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ވެރިކަންކުރާ ރަށް އޭދަފުއްޓަށް ވަޑައިގެން އިބޫ ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ތައާރަފްކުރި ޓެކްސް ނިޒާމް މި ސަރުކާރުން ގަޑުބަޑުކޮށްފައިވާ ކަމަށެވެ. އެތައް ޖޫރިމަނާތަކެއް ނަގައި ވިޔަފާރިވެރިން ބިރުގަންނަތަކަކަށް ހަދާފައިވާ ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ނެތިގެންދާ ކަމަށް އިބޫ ވިދާޅުވި އެވެ.

"ޓެކްސް ނިޒާމް ގަޑުބަޑުކޮށްފަ ވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދަނީ ރޫޅަމުން، ޓެކްސްގެ ނިޒާމް ނާޖައިޒުގެ ބޭނުން ހިފައި އެތައް ޖޫރިމަނާތަކެއް ދަނީ ކުރަމުން، ޓެކްސް ނިޒާމަށް ގެންނަ ބަދަލުން މީރާއަކީ ބިރު ގަންނަ ތަނެއްގެ ގޮތުގައި ނޯންނާނެ، ބޭނުންވާ ގަވައިދެއް ހަދައިގެން ޖޫރިމަނާތަކެއް ނުނެގޭނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، މީރާއިން ބޭނުންވާހާ ގަވައިދުތަކެއް ހަދައިދެން ރައްޔިތުންގެ އަތުން ޖޫރިމަނާތައް ނުނެގޭނެ ކަމަށެވެ. ރައްޔިތުންގެ އަތުން ފައިސާ ނެގޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށާއި ގާނޫނު އަސާސީގެ ރޫހަކީ އެއީ ކަމަށެވެ.

އޭނާގެ ވެރިކަމެއްގައި އިގްތިސޯދީ ސިޔާސަތު ބިނާ ކުރާނީ ސަރުކާރުން ވިޔަފާރިކުރާ ގޮތަށް ނޫން ކަމަށާއި ރައްޔިތުންނަށް ވިޔަފާރިކުރުމަށް ފަސޭހަވާ ގޮތަށް ކަމަށް އިބޫ ވިދާޅުވި އެވެ. އެގޮތުން އެސްޓީއޯއިން ކޮންމެހެން ރައްޔިތުންނަށް ހިދުމަތް ދޭން ކުރާ ވިޔަފާރިތައް ނޫނީ ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އިގްތިސޯދީ ސިޔާސަތަކީ އަޅުގަނޑުމެން ވިޔަފާރި ކުރާ ސިޔާސަތެއް ނޫން، އެސްޓީއޯއިން ކުރާ ގިނަ ވިޔަފާރިތައް އާންމުންނަށް ދޫކޮށްލާނަން، ކޮންމެހެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދޭން ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި ހަދާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ އޭދަފުށީގެ ގިނަ ކަންތައްތަކެއް މިހާރަށްވުރެ ރަނގަޅު ކުރައްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން އޭދަފުށީ ތައުލީމީ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އޭދަފުށިން ހިއްކާފައިވާ 27 ހެކްޓަރުގެ ބިމުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ކައުންސިލްތައް ބާރުވެރިކޮށް ރަށްތައް ތަރައްގީކުރާނަން: އިބޫ

މާޅޮހަށް ވަޑައިގެން އެ ރަށުގައި އިދިކޮޅު ޕާޓީތަކުގެ ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު އިބޫ ވިދާޅުވީ، އެމްޑީޕީގެ ފުލް މެޖޯރިޓީ އޮންނަ މާޅޮހު ކައުންސިލަކީ ނަމޫނާ ކައުންސިލެއް ކަމަށެވެ. ރަށަށް ހިދުމަތްތައް ކޮށް ދެމުންދާ ނަމޫނާ ކައުންސިލެއް ކަމަށެވެ.
އެގޮތުން ސަރުކާރުގެ އެއްވެސް އެހީއެއް ނެތި ކައުންސިލުން އިންޑޯ ސްޓޭޑިއަމެއް ހަދައި ބެޑްމިންޓަން ކުޅެވޭ ގޮތް ހަދާއިވާކަން އިބޫ ފާހަގަކުރެއްވި އެވެ. އޭގެއިތުރުން ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ކުނި މެނޭޖްކުރަމުންދާކަން ވެސް ފާހަގަކުރެއްވި އެވެ. ގަސް ކާނާ ހައްދައި ރަށަށް އާމްދަނީ ވައްދަ އެވެ.

"މިއީ އަޅުގަނޑުމެން ގެންނަން ބޭނުންވާ ޖަޒީރާވ ރާއްޖެއަކީ، ލާމަރުކަޒީ ނިޒާމުން، ރައްޔިތުންނާ ކައިރިން ރައްޔިތުންގެ ވާހަކަތައް އޮޅުންފިލާ ބަޔަކަށް ބާރުތައް ދީގެން، ކައުންސިލްތަކަށް މާލީ ގޮތުން ތަނަވަސްކަން ލިބޭނެ ގޮތް ހެދުން، ފަޅު ރައްތަކުގެ އާމްދަނީ ކައުންސިލަށް ލިބޭނެ ގޮތް ހަދާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އަނިޔާވެރިކަމާއި ބިރު ދެއްކުންތައް އެބަހުރި ކަމަށާއި ނަމަވެސް އެއްވެސް ރައްޔިތަކު ފަސްޖެހިގެން ނުވާނެ ކަމަށެވެ. ގާނޫނުން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ. ރައްޔިތުން ލާ ވޯޓުން ނަތީޖާ ނެރުމަށް ކުރެވުނު ކަމެއް ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.