ހަބަރު

ރީރަޖިސްޓްރޭޝަން ފޯމްގެ ސައްހަކަން ކަށަވަރުކުރަން ފުލުހުންގެ އެހީ ހޯދަނީ

ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާ މީހުންގެ ވޯޓު ރަޖިސްޓްރީކުރުމަށް އިލެކްޝަނަށް ފޮނުވާ ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުންގެ އެހީ ހޯދުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން، އީސީ އިން ފުލުހުންނާއި މަޝްވަރާކޮށްފައިވާކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފުލުހުންގެ ދައުރާ ގޮޅޭ ގޮތުން މަޝްވަރާކުރުމަށް އީސީން މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ. އަދި ރީ ރަޖިސްޓްރޭޝަން ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމާ ބެހޭގޮތުން ވެސް ފުލުހުންނާއި ވަނީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް މި ބައްދަލުވުންތަކުގެ ތަފްސީލު ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

އެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު އާއި އެހެން ވެސް އިސްބޭފުޅުން އެވެ. އަދި އީސީގެ ފަރާތުން އެ ކޮމިޝަންގެ ރައީސް މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތެވެ.

އިންތިހާބުގެ ރީރަޖިސްޓްރޭޝަންގެ މަސައްކަތްތައް ސިޔާސީ ޕާޓިތަކުން ވެސް ކުރަމުންގެންދާއިރު، މީގެ ކުރިން އީސީން ބުނެފައިވަނީ، ރީ
ރަޖިސްޓާކުރުމުގެ ނަމުގައި އޮޅުވާލައިގެން ފޯމްތަކެއް ފުރުމުގެ މަސައްކަތް ބަޔަކު ކުރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ފޯމް ހުށަހެޅުމުގައި އޮޅުވާލުންތަކެއް ހުރި ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުން އަންނާތީ، އީސީ އަށް ހުށަހެޅޭ ހުރިހާ ފޯމްތަކެއްގެ ސައްހަކަން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން ވަނީ އަރުވާފަ އެވެ.

ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ ރަޖިސްޓާ ކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ އޮގަސްޓް 11 އެވެ.