ހަބަރު

ވިލިމާލެ މަޝްރޫއުގެ ފްލެޓާއި ބިމަށް ކުރިމަތިލުމަށް ހުޅުވާލަނީ

ވިލިމާލެ ހިއްކައިގެން އުމުރުން 18 އަހަރުން މަތީ އެންމެނަށް ގޯތި ދޫކުރާ ގޮތަށް ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި މަޝްރޫއުގައި އަޅާނެ ފްލެޓުތަށާއި ދޫކުރާ ބިންތައް ހޯދުމުގެ ފުރުސަތު ހުޅުވާލަން ހައުސިން މިނިސްޓްރީ އިން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 300،000 މީހުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ ގޮތުން ރައީސް ޔާމީން އިއުލާން ކުރެއްވި މަޝްރޫއު ކުރިޔަށް ގެންދެވުމަށް އިދާރީ މަސައްކަތްތަކާއި އެހެނިހެން ތައްޔާރީތައްވާން ފަށާފައިވާ ކަމަށާއި އެ މަޝްރޫއުގައި އަޅާ ފްލެޓުތަކަށާއި ދޫކުރާ ބިންތަކަށް ކުރިމަަތިލުމަށް ހުޅުވާލަން ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެ ފްލެޓުތަކަށާއި ބިންތަކަށް ވަކިވަކިން ކުރިމަތިލުމަށް އަންނަ އަންގާރަ ދުވަހު ހުޅުވާލާ، ފޯމް ދޫކުރަން ފަށާނެ ކަމަށާއި މިމަހު 15 ވަނަ ދުވަހު ފޯމުތައް ބަލައިގަންނަން ފަށާނެ ކަމަށެވެ.

ފްލެޓާއި ބިން ހޯދުމަށް އޮންނާނީ އެންމެ ދެ ޝަރުތެއް ކަމަށާއި އެއީ 18 އަހަރު ފުރިފައި ހުރުމާއި އަމިއްލަ ނަމުގައި 1000 އަކަފޫޓުގެ ބިމެއް ނެތް މީހަކަށް ވާން ޖެހޭ ކަމަށެވެ.

އެ މަޝްރޫއާ ގުޅޭ ބައެއް ތަފްސީލުތައް ދެއްވަމުން މިނިސްޓަރު ވިދާޅުވީ "ހިޔާ އެކޮމްޕްލިޝްމަންޓް"ގެ ނަމުގައި ކުރިޔަށް ގެންދާ މަޝްރޫއުގެ ތެރެއިން 82،000 ފްލެޓު އަޅާނެ ކަމަށެވެ. އެގޮތުން ގުޅިފަޅުން 230 ހެކްޓަރުގެ ބިން ހިއްކާ އެތަނުގެ ކައިރީ އޮންނަ ފުށިފަރު ވެސް ހިއްކާނެ ކަމަށެވެ. މަޝްރޫއު ނިމޭއިރު 1000 ހެކްޓަރުގެ ބިން ހިއްކާފައިވަނެ ކަމަށާއި ކޮންމެ މީހަކަށް ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ލިބޭ ވަރަށް 1000 އަކަ ފޫޓުގެ ބިމެއް ލިބޭނެ ކަމަށެވެ.

ހަތް ވަނަ ދުވަހު ފޯމް ދޫކުރާއިރު، މި ބުރުގައި ފޯމްތައް ބަލައިގަންނަން ހުޅުވާލަނީ ހަތަރު މަސް ދުވަހަށެވެ. ނަމަވެސް އަދި ފަހުން ވެސް ފޯމްލުމަށް ހުޅުވައިލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ ފޯމް ހުށަހަޅަން ހުޅުވާލާ ފުރަތަމަ ދުވަހު ހުރިހާ ބޭފުޅުން ވަޑައިގަންނަވާކަށް ނުޖެހޭނެ. މިވަރުގެ ފުރުސަތެއް ވީމަ، އެންމެ ފަހު ދުވަހު ފޯމްލާން އަޔަސް ފުރުސަތަކަށް ބަދަލެއް ނާންނާނެ. އެއީ މިވަގުތު ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިތިބި އެންމެންނަށް ދީފަ، އަދި ކުރިއަށް އޮތް 12 އަހަރު ދުވަހުގެ ތެރޭގައި 18 އަހަރު ފުރޭ އެންމެންނަށް ދިނަސް ހުސް ނުވާ ވަރަށޭ ގޯތި މި އަޅަނީ. ފްލެޓް އަޅާފަ ގޯތީގެ ޖާގަ މި ދެނީ. އެހެންވީމަ ކަންބޮޑުވެގެން އަވަސްކޮށް ވަޑައިގަންނަވާކަށް ނުޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ވިލިމާލެ ދޭއް މަޝްރޫއުގެ ފްލެޓްތަކަށް ލެވޭނީ، މިހާރު އިއުލާންކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓަށް ފޯމްލާ ފަރާތެއްނަމަ އެ ފޯމް ކެންސަލް ކުރުމަށްފަހު ކަމަށެވެ.

ވިލިމާލެ ދޭއް މަޝްރޫއުގެ ފޯމްތަކުގެ މައުލޫމާތު ފުރުން ވަރަށް ފަސޭހަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސަބަބަކީ އެ ފޯމްގައި ހިމަނަންޖެހޭނީ ފްލެޓަށް އެދޭމީހާގެ އާންމު މައުލޫމާތު އެކަނި ކަމަށެވެ. ދިރިއުޅުމުގެ ހާލަތާއި އެނޫންވެސް މައުލޫމާތެއް އޭގައި ހިމަނަން ނުޖެހޭނެ ކަމަށާއި މަގްސަދަކީ ކަނޑައަޅާފައިވާ ދެ ޝަރުތު ހަމަވާ ކޮންމެ މީހަކަށް ފުރުސަތު ދިނުން ކަމަށް ވެސް ވިދާޅުވި އެވެ.