ހަބަރު

ރިލްވާން މައްސަލާގައި މާދަމާ ހުކުމް އިއްވަނީ

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލާގައި މާދަމާ ހުކުމް އިއްވުމަށް ކުރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ. ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. އެ މައްސަލާގެ އަޑުއެހުންތައް ނިންމާލީ ނިމިނު މަހުގެ 24 ވަނަ ދުވަހު އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން އަޑުއެހުންތައް ނިންމާލާތާ 10 ދުވަސް ތެރޭގައި ހުކުމް އިއްވަން ޖެހޭނެ އެވެ.

ދައުލަތުގެ ހުލާސާ ބަޔާން އިއްވަމުން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ، މައްސަލާގައި ހެކި ބަސް ދީފައިވާ ފަރާތްތަކުގެ ހެކި ބަހުން ރިލްވާން ގެއްލުނު ރޭ ގަދަކަމުން މީހަކު ކާރަކަށް އެރުވިކަން ސާބިތުވާ ކަމަށެވެ. އަދި އާލިފްގެ ރަތް ކާރު ހުޅުމާލެއަށް ގެންދިޔަކަން ވެސް ސާބިތުވާ ކަމަށެވެ.

މި މައްސަލާގައި އެންމެ މުހިންމު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ އާލިފްގެ ރަތް ކާރުން ފެނުނު އިސްތަށިން ފެނުނު ޑީއެންއޭ އެވެ. އެ އިސްތަށިން ފެނުނު މައިޓްރޯކޮންޑަލް ޑީއެންއޭ، ރިލްވާންގެ މަންމަ އައިޝަތު އީސާގެ ޑީއެންއޭއާ ދިމާވެ އެވެ. ޑީއެންއޭ ޓެސްޓްތައް ހަދާފައިވަނީ ތައިލޭންޑްގެ ލެބޯޓްރީއަކުންނާއި ވިއެޓްނާމުންނެވެ. އެ ރިޕޯޓްގެ އަސްލަކަށް ބަަލައިގެން ދިވެހި ފުލުހުންގެ އޮފިސަރެއް ވެސް ރިޕޯޓް ތައްޔާރުކުރި އެވެ. އޭނާ މައްސަލާގައި ހެކި ބަސް ވެސް ދިނެވެ.

އޭނާ ހެކި ބަސް ދެމުން ފާހަގަކުރި ކަމެއް ހުލާސާ ބަޔާން އިއްވަމުން އައިޝަތު މުހައްމަދު ފާހަގަކުރެއްވި އެވެ. އެގޮތުން މައިޓްރޯކޮންޑަލް ޑީއެންއޭއަކީ މަންމަގެ ފަރާތުން އަންނަ އެއްޗެއް ކަމަށާއި އެ ދިމާވާނީ އެއް ބަނޑު މީހުންނާއި އެއް ބަނޑު އަންހެނުންގެ އަންހެން ދަރިންނާ ކަމަށެވެ. އެހެންވެ، ރިލްވާންގެ އެއްބަނޑު ހަތަރު ދައްތަ އާއި ހަތަރު ބޭބެގެ ހެކި ބަސް ނަގާފައިވާކަން ފާހަގަކުރެއްވި އެވެ. އެ އެންމެންގެ ހެކި ބަހުން ވެސް އާލިފްގެ ކާރަށް އެއިން އެކަކު ވެސް ނާރާކަން ކަށަވަރުވާ ކަމަށާއި އެމީހުންގެ އިސްތަށި އެ ކާރަށް ދިޔުމުގެ ފުރުސަތު ނެތްކަން ވެސް އެނގޭ ކަމަށެވެ.

ވަކީލް އައިޝަތު ވިދާޅުވީ، ރިލްވާން ގަދަކަމުން ކާރަށްލާފައިވާއިރު އެ ކާރަކީ އާލިފްގެ ކާރަށްވުމުގެ ފުރުސަތު މައްސަލާގެ ހެކިންގެ ހެކި ބަހުން ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ އެކަމުގެ ޒިންމާ އެ ކާރުގެ ވެރި އާލިފާއި ކާރު ހުޅުމާލޭގައި ދުއްވި ނޫރައްދީން އުފުލަންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހުލާސާ ބަޔާންގައި ދައުލަތުގެ ވަކީލް ފާހަގަ ކުރެއްވި ކަންތައްތަކާ ގުޅިގެން އާލިފާއި ނޫރުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާފަ އެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޑީއެންއޭ ދިމާވާނެ ކަމަށް ބެލެވޭ އެންމެންގެ ހެކި ބަސް ދައުލަތުން ނަގާފައިނުވުމެވެ. މައްސަލާގެ މެދާ ހަމައަށް ދިޔަ ފަހުން ރިލްވާންގެ ބޭބެ މޫސާ ރިލްވާންގެ ހެކި ބަސް ނަގަންޖެހޭކަން ދައުލަތަށް އެންގި އެ ހެކި ހުށަހެޅިއިރު މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް އެ ހެކި ބަލައިގަތުމަށް ނިންމެވީ މައްސަލާގައި އުފެދޭ ޝައްކު ނައްތާލުމަށެވެ. އަދި އަދުލުއިންސާފު ގާއިމުކުރުމަށެވެ.

ނޫރުއްސަލާމް އަބޫބަކުރު ހުލާސާ ބަޔާން އިއްވަމުން ވިދާޅުވެފައިވަނީ ދައުވާއަކީ ރިލްވާން ގެއްލުވާލި ޖަރީމާ ފޮރުވަންކޮށްފައިވާ ދައުވާއެއް ކަމަށެވެ. އެ މައްސަލަ ދެ ކުއްޖެއްގެ ބޮލަށް ކަނޑާލައި ޖަރީމާގެ އަޑު ކަނޑުވާލަން ކޮށްފައިވާ ދައުވާއެއް ކަމަށެވެ. މައްސަލާގެ ތަހުގީގު އާއި ދައުވާކުރުމުގެ ބޮޑެތި އިހްމާލުތައްވެފައިވާ ކަމަށެވެ.