ހަބަރު

ކުރިއަށް އޮތް 30 އަހަރު ބޯހިޔާވަހިކަމަށް ސަލާން ޖަހަން ނުޖެހޭ ވަރުކޮށްދޭނަން: މުއިއްޒު

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިނިވަންދުވަހުގެ ރޭ އިއުލާޏްކުރެއްވި ވިލިމާލެ ދޭއް މަޝްރޫއާއެކު ކުރިއަށް އޮތް 30 އަހަރަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތިންލައްކަ މީހުންގެ އާބާދީ އެއްތަންކޮށް ތަރައްގީ އާއި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ރައީސް ޔާމީން ވައުދުވެވަޑައިގެންނެވި "ވިލިމާލެ ދޭއް" މަޝްރޫއާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންގެ ދުރު ވިސްނުންފުޅާއެކު އިއުލާންކުރެއްވި ވިލިމާލެ މަޝްރޫއިން ދިވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކުގެ ނިމުމުގެ ސިއްކަ ޖެހޭނެ ކަމަށެވެ. ގާތްގަނޑަކަށް ކުރިއަށް އޮތް 30 އަހަރުގެ މުއްދަތަށް ބޯހިޔާވަހިކަމަށް ސަލާންޖަހަން ޖެހޭ ދިވެއްސަކު ނުހުންނާނެ ކަމަށެވެ.

ވިލިމާލެ ދޭއްގެ މަޝްރޫއަކީ މާލެއާއި ކައިރީގައިވާ ދެ ފަޅެއް ހިއްކައިގެން އެތަން އާބާދުކުރުމުގެ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މުޅި ގުޅީފަޅު ހިއްކާލެވޭނެ އެވެ. އެއީ 230 ހެކްޓަރެވެ. އެ ބިމުން 130 ހެކްޓަރުގައި 1000 އަކަފޫޓްގެ 82000 ފްލެޓް އަޅާނެ އެވެ. އަދި ޒަމާނީ ސިޓީއެއްގެ ހުރިހާ ސިފަތަކަކާއެކު އެތަން ތަރައްގީކުރާނެ ކަމަށް ހައުސިން މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

"މިކްސްޑް ޔޫސް ޑިވޮލޮޕްމަންޓަށް، ފުޅާ މަގުތަކަށް، ކޮމާޝަލް ބޭނުންތަކަށް، ތައުލީމީ ބޭނުންތަކަށް، އަދި އެނޫންވެސް ޒަމާނީ ސިޓީއެއްގެ ހުރިހާ ކަންތައްތަކެއް ހިމެނޭ ގޮތަށް މި ހައުސިން ޔުނިޓްތަކާއެކު މިތަން ތަރައްގީކުރެވިގެންދާނީ،" މުއިޒް ވިދާޅުވި އެވެ. އެހެން ކަމުން މި މަޝްރޫއާއެކު އިތުރު 300،000 މީހުންގެ އާބާދީއަކަށް ޓާގެޓްކުރެވޭނެ އެވެ. މިއީ މިހާރުގެ ރާއްޖޭގެ އާބާދީއަށް ބަލާނަމަ މުޅި ރާއްޖޭގެ އާބާދީއެވެ.

މީގެ އިތުރުން ހިޔާ އެކޮމްޕްލިޝް މަޝްރޫއުގެ ތެރޭގައި ގުޅީފަޅު ހިއްކުމުގެ އިތުރުން މާލެ ކައިރީގައި އޮންނަ ފުށި ދިއްގަރު ފަޅުވެސް ހިއްކާނެ އެވެ. އެއީ ގާތްގަނޑަކަށް 800 ހެކްޓަރެވެ. އެހެންކަމުން ހިޔާ އެކޮމްޕްލިޝް މަޝްރޫއުގެ ދަށުން ޖުމްލަ 1000 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ފުށި ދިއްގަރު ފަޅުގައި ހިއްކާ ބިމުން ދޫކުރާނީ ގޯއްޗެވެ. ގޯތިވެސް ދޫކުރަނީ 1000 އަކަފޫޓުގެ ގޯއްޗެވެ. -- މި މަޝްރޫއުގެ ބިންތައް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ހިއްކަން ފަށާނެ އެެވެ--

މި ހުރިހާ ފްލެޓްތަކާއި ހިއްކާ ބިންތަކަށް ފުރުސަތު ހުޅުވާލުމަށް މިހާރު ރައީސް ވަނީ ނިންމަވާފަ އެވެ. އެގޮތުން އޮގަސްޓް މަހުގެ ހަތްވަނަ ދުވަހު ފޯމް ދޫކުރަން ހުޅުވާލައި 15 ވަނަ ދުވަހުން ފެށިގެން ހަތަރު މަސްދުވަހަށް ފޯމްތައް ހައުސިން މިނިސްޓްރީން ބަލައިގަންނާނެ އެވެ.

ރާއްޖޭގެ މުޅި އާބާދީ މާލެ ސަރަހައްދުގައި ވަޒަންވެރިކުރެވޭ ވަރުގެ ބޮޑު މި މަޝްރޫއުގައި މި ދެ ފަޅުގެ އިތުރުން ތިލަފުށިވެސް ހިމެނެ އެވެ. އެތަނުގައި ތަރައްގީކުރަނީ އިންޓަނޭޝަނަލް ފެންވަރުގެ ވަރުގަދަ ވިޔަފާރި ބަނދަރެކެވެ. އެހެންކަމުން މި ހުރިހާ ތަނެއް ހިއްކައި އެތަން އަނެއްތަން ދެމެދުގައި ބްރިޖް އަޅައި، މުޅި ސަރަހައްދު ގުޅައިލެވޭނެ ކަމަށް ވެސް މުއިޒް ވިދާޅުވި އެވެ.

"ތިލަފުއްޓާއި ވިލިމާލެއާއި ވިލިމާލެ ދޭކާއި [ގުޅީފަޅާއި ފުށިދިއްގަރުފަޅު] މާލެއާއި މާލޭން ގޮސް ހުޅުލެއަށް އެއްކޮށް ގުޅިގެން ހުޅުމާލެ ދެއަކާއި އެއްކޮށް ގުޅާލެވޭނެ ލިންކެއް އޮންނާނީ. އެހެންވީމަ ހަތަރު ބްރިޖުން ގުޅިގެންދާނެ. އެއީ ތިލަފުށިން ވިލިމާލެ ދޭކަށް އަށް، ވިލިމާލެ ދޭކުން ވިލިމާލެއަށް، ވިލިމާލެއިން މާލެއަށް. އަދި މާލެއިން މި އަންނަނީ ހުޅުލެއާ ގުޅިފައިވާ ބްރިޖްތައް،" މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫއިން ފްލެޓާއި ބިން ލިބޭ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ އެންމެ ދެ ޝަރުތެކެވެ. އެއީ 18 އަހަރު ފުރިފައިވުމާއެކު އަމިއްލަ ބިމެއް ނެތުން ނުވަތަ ވާރުތަ ނުވަތަ ތަރިކަ މުދަލުން 1000 އަކަފޫޓުގެ ބިމެއް ލިބިފައިނެތުން، ނުވަތަ އަމިއްލަ ބިމެއް އޮތް ނަމަވެސް އެ ބިމުގައި އުޅޭނެ ފަދައެއް ނެތުމެވެ. ފޯމްލާ މީހުންގެ ތެރެއިން މި ދެޝަރުތު ހަމަވާ ކޮންމެ މީހަކަށް އެމީހަކު ހިޔާރުކުރާ ބިން ނުވަތަ ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން މިމަޝްރޫއިިން ލިބޭ ކަމަށް ވެސް މުއިޒް ވިދާޅުވި އެވެ.

"އެހެންވީމަ ކޮންމެ ދިވެއްސަކަށް ފްލެޓެއް ނޫނީ ބިމެއް ލިބޭނެ މަޝްރޫއު މިނިވަންދުވަހުގެ ޖަލްސާގައި ރައީސް އިއުލާންކުރެއްވީ،" މުއިޒް ވިދާޅުވި އެވެ.

މުޅި އާބާދީ އެއްފަސްކުރާ މި ވަރުގަދަ މަޝްރޫއު މުއިއްޒު ވިދާޅުވާގޮތުންނަމަ މިހާރުވެސް އޮތީ "ހުރިހާކަމެއް ރާވައި ނިމިފަ" އެވެ. މަޝްރޫއު ކުރިއަށްގެންދަން ޖަހަންޖެހޭ ހުރިހާ ހިސާބެއް އޮތީ ޖަހައިފައެވެ. ހުރިހާ މަގެއް އޮތީ ފަހިކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުން ބިން ލިބޭނީ ހަމައެކަނި މިހާރުން މިހާރަށް ހުޅުވާލާ ފުރުސަތުގައި ފޯމްލާ މީހުންނަށް އެކަނި ނޫން ކަމަށެވެ. ސަބަބަކީ އަޅާ ފްލެޓްތަކުގެ އަދަދާއި ބިމުގެ އަދަދަށް ބަލާއިރު 2030 ވަނަ އަހަރާއި ހަމައަށް 18 އަހަރު ފުރޭ ކޮންމެ މީހަކަށް މި މަޝްރޫއުން ބޯހިޔާވަހިކަން ކަށަވަރުވާނެ އެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ދެ ލައްކަ މީހުން ތިބިކަމަށް ވާނަމަ ކުރިއަށް އޮތް 2030 ވަނަ އަހަރާ ހަމައަށް 18 އަހަރު ފުރޭ ކޮންމެ ރައްޔިތަކަށް މި މަޝްރޫއުން އޮޓޮމެޓިކް ފުރުސަތު އެބަ ލިބޭ ކަމަށެވެ.

"މި މަޝްރޫއާއެކު ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ކުރިއަށް އޮތް 30 ނުވަތަ 40 އަހަރަށް ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަތައް އެއްކޮށް ހައްލުވާނެ،" މުއިއްޒު ވިދާޅުވި އެވެ.