ވިލިމާލެ ދޭއް މަޝްރޫއުގެ ބިން ހިއްކަން ބެނުންކުރާނީ އެމްޓީސީސީގެ މަހާ ޖައްރާފު ކަމަށާއި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމަށް، ގައުމުތަކުގެ އެހީއާއި ބޭންކްތަކުން ލޯނު ހޯދުން ފަދަ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.
ވިލިމާލެ ދޭއްގެ މަޝްރޫއު ތަފްސީލުކޮށްދެއްވަމުން އިއްޔެ މުއިޒް ވިދާޅުވީ، އެމްޓީސީސީގެ މަހާ ޖައްރާފަކީ ވިލިމާލެ ދޭއް މަޝްރޫއަށް ކުރަންޖެހޭ އެތަކެއް ހަރަދެއް ކުޑަކޮށްދޭނެ ވަރުގެ "އެސެޓެއް" ކަމަށެވެ. އެހެންކަމުން ބިން ހިއްކުމުގެ މަސައްކަތް މަހާ ޖައްރާފުގެ އެހީގައި ސަރުކާރުން ކުރާއިރު، އެ މަޝްރޫއުގެ މަގުތައް ވެސް ހަދާނީ ސަރުކާރުން ކަމަށެވެ.
"ސަރުކާރުން މިހާރު މަގުތައް ވެސް ހަދަނީ، ރަށްރަށުގަ ވެސް. އެއީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށްވުރެ ވެސް އަގުހެޔޮ ގޮތެއް، އަމިއްލަޔަށް ކުރުމުން. މިސާލަކަށް އެމްޓީސީސީގައި އޮތް ޑްރެޖާ ބޭނުންކޮށްގެން މަސައްކަތް ކުރާނަމަ ވަރަށް ބޮޑު ހަރަދެއް ސަލާމަތްކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ވިލިމާލެ ދޭއް މަޝްރޫއު ރައީސް އިއުލާންކުރެއްވީ އެ މަޝްރޫއަށް ހޭދަކުރަންޖެހޭ މިންވަރާއި ހިސާބުތައް ހެދުމަށްފަހު އެވެ. އެހެންކަމުން ހުރިހާ ކަމެއް ވެސް ކުރާނެ މަގު ސަރުކާރަށް އޮތީ ފަހިކޮށެވެ. ޖުމްލަ 315،000 މީހުންގެ އާބާދީއަކަށް 82000 ފްލެޓާއި ގޯތި ދޫކުރާ ގޮތަށް ތަރައްގީކުރާ ވިލިމާލެ ދޭއް މަޝްރޫއަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ މިންވަރު މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް ވިދާޅުވީ، ސަރުކާރުން ހިންގާ އެހެނިހެން ބޮޑެތި މަޝްރޫއުތަކަށް ވެސް ފައިސާ ހޯދާ ގޮތްގޮތަށް މި މަޝްރޫއަށް ވެސް ފައިނެންސް ހޯދާނެ ކަމަށެވެ.
"މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އެކި ގޮތްގޮތަށް ފައިނެންސް ހަމަޖައްސާނެ. މިހާތަނަށް ވެސް އެކި މަޝްރޫއުތަކަށް ފައިސާ ހަމަޖައްސާފައި އޮތީ އެކި ގޮތްގޮތަށް. ސަރުކާރުގެ ބަޖެޓުން، އަދި ބޭރުގައުމުތަކުގެ އެހީގައި، އެކި އެކި އެގްޒިމް ބޭންކްތަކުގެ ކޮންސެޝަނަލް ލުއި ލޯނުގައި. ނޫނީ އެކި ކުންފުނިތައް ފައިސާ ހިފައިގެން އައިސް ތަރައްގީކުރާ މޮޑަލަކީވެސް މީގެ ކުރިން ބޭނުންކޮށްފައިވާ މޮޑެލްއެއް،" މުއިޒް ވިދާޅުވި އެވެ.
އެހެންކަމުން ވަރަށް ހަރަދުކުޑަ އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން ވިލިމާލެ ދޭއްގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް ވެސް މުއިޒް ވިދާޅުވި އެވެ.
ވިލިމާލެ ދޭއްގެ މަޝްރޫއަކީ މާލެއާއި ކައިރީގައިވާ ދެ ފަޅެއް ހިއްކައިގެން އެތަން އާބާދުކުރުމުގެ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މުޅި ގުޅީފަޅާއި ފުށި ދިއްގަރު ފަޅު ހިއްކާލެވޭނެ އެވެ. އެއީ ގުޅީފަޅުގެ 230 ހެކްޓަރު ބިމާއި ފުށިދިއްގަރުފަޅުގެ 800 ހެކްޓަރު ބިމެވެ. މި ދެފަޅު ހިއްކައިގެން 82000 ހައުސިން ޔުނިޓް އަޅާނެ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް 1000 އަކަފޫޓުގެ ގޯތި ވެސް ދޫކުރަން ވަނީ ނިންމާފަ އެވެ.