ހަބަރު

ރިލްވާން ގެއްލުވާލި މައްސަލައިން އާލިފާއި ނޫރު ސަލާމަތްވެއްޖެ

މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާން ކިޑްނެޕްކޮށް ގެއްލުވާލި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރި ދެ މީހުންގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފި އެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.

އެ މައްސަލާގެ އަޑުއެހުންތައް މި މަހުގެ 24 ވަނަ ދުވަހު ނިންމާލިއިރު، މިއަދު ހުކުމް އިއްވަވަމުން ގާޒީ އާދަމް އާރިފް ވަނީ އެ މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ދައުވާ ސާބިތު ނުވާ ކަމަށް ހުކުމް ކުރައްވައިފަ އެވެ. އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވީ ފުލުހުން ތަހުގީގުގައި ހިންގާފައިވާ ބޮޑެތި އިހުމާލުތަކުގެ ސަބަބުންނެވެ.

ފުލުހުންގެ އެތައް އިހުމާލެއް

ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ގިނަ އިހުމާލުތަކެއް ހުރިކަން ގާޒީ އާރިފްގެ ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ މައްސަލާގައި ހިމެނޭ ރަތް ކާރަކީ އާލިފްގެ ކާރު ކަމަށް ދައުލަތުން ބުނި ނަމަވެސް އެކަން ޔަގީންކޮށްދޭ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށެވެ. މައްސަލާގެ ތަހުގީގަށް އެ ކާރުގެ ރަޖިސްޓްރީ ފަދަ ފަސޭހައިން ލިބޭ ލިޔުމެއް ވެސް ހޯދާފައިނުވާ ކަމަށެވެ.

ރިލްވާންގެ މަންމަ އައިމިނަތު އީސާގެ ޑީއެންއޭ ފެނުނު އިސްތަށި އޮތް ރަތް ކާރަކީ އާލިފްގެ ކާރެއް ކަމަށް އޭނާ ތަހުގީގުގައި ބުނެފައިވީ ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ތަހުގީގު ބަޔާނަށް އިންކާރުކޮށްފަ އެވެ. އެހެންވެ އެ ކާރަކީ އާލިފްގެ ކާރު ކަމަށް ޔަގީން ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.

ރިލްވާން ގެއްލުވާލި ރޭ ނޫރައްދީން އުޅުނީ އޭނާ އެކީގަ ކަމަށް ބުނެ ހެކި ބަސް ދިން މީހާ ވަނީ އެ ކާރު އެ ރޭ ނޫރުއްދީން ނުދުއްވާ ކަމަށް ބުނެފަ އެވެ. އަދި އެ ކާރު އޮތީ ޕާކްކޮށްފަ ކަމަށާއި އެ ސަރަަހައްދުގައި ސީސީޓީވީ ހުންނައިރު ކާރު އޮންނަ ސަރަހައްދު ކެމެރާއަށް އަރާނެ ކަމަށެވެ. އެހެންވެ އެ ފުޓޭޖް ބެލުމަށް ތަހުގީގުގައި އޭނާ ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ. އާލިފް ވެސް ވަނީ ތަހުގީގުގައި އެ ފްޓޭޖް ބެލުމަށް އެދިފަ އެވެ. ނަމަވެސް އެކަން ފުލުހުން ކޮށްފައިނުވާ ކަމަށް ހުކުމްގައި ފާހަގަކުރި އެވެ.

ރިލްވާން ގެއްލުވާލި ރޭ ރަތް ކުލައިގެ ކާރަކަށް މީހަކު ގަދަކަމުން އަރުވާ މަންޒަރު ފެނުނު އާއިލާއަކުން އެކަން ވަގުތުން ރިޕޯޓްކުރިކަން މައްސަލާގައި ހުށަހެޅި ހަތް ސިއްރު ހެކިންގެ ހެކި ބަހުން ސާފުވާ ކަމާއި ނަމަވެސް ފުލުހުން އެ ސަރަހައްދަށް އައީ އެތައް އިރެއްވީ ފަހުންކަން އެނގޭ އޮންނަ ކަމަށް ވެސް ހުކުމްގައިވެ އެވެ. ގަދަކަމުން އެ ރޭ ކާރަށް އެރުވީ ރިލްވާން ކަމަށް ބެލުމުގެ ފުރުސަތު އޮތް ނަމަވެސް ހެކި ބަސް ދިން އެއްވެސް މީހަކަށް އެއީ ރިލްވާންކަން ސާފުކޮށް ބުނަން ނޭނގޭ ކަމަށާއި އެމީހުންނަށް އެ ސަރަހައްދުން އާލިފާއި ނޫރައްދީން ވެސް ފެނިފައިނުވާ ކަމަށް ހުކުމްގައި ފާހަގަކުރި އެވެ.

ސިއްރުން ހެކި ބަސް ދިން މީހުންނަކީ ރިލްވާން ދިރިއުޅޭ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ. އެ ސަރަހައްދަށް ވަޅިއެއް ވެއްޓިފައި އޮތްވާ ވެސް އެމީހުންނަށް ފެނިފައިވެ އެވެ. އެ ވަޅި ފުލުހުން ގެންގޮސް ފްރެންސިކާ ހަވާލު ވެސް ކުރި ކަމަށް މައްސަލާގެ ސީންއަށް ދިޔަ ފުލުހަކު ހެކި ބަސް ދެމުން ބުނެފައިވެ އެވެ. ނަމަވެސް އެ ވަޅިން އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެ އެވެ.

ހުކުމުގައި ބުނީ، އެ ވަޅީގެ ފްރެންސިކް ރިޕޯޓެއް ހެދި ކަމެއް ނުވަތަ ވަޅިން އެއްވެސް ނަތީޖާއެއް ނުލިބުނު ކަމެއް ވެސް މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކުން ފެންނަން ނެތް ކަމަށެވެ.

މީގެއިތުރުން މައްސަލާގައި ސިއްރުން ހެކި ބަސް ދިން މީހުންގެ ތަހުގީގު ބަޔާން ނެގިއިރު އެމީހުންނަށް ރިލްވާންގެ ފޮޓޯ އާއި ދައުވާ ލިބޭ މީހުންގެ ފޮޓޯ ދައްކައިގެން އެމީހުން ދެނެގަންނަން އެނގޭތޯ ސާފުކުރުން ފަދަ ތަހުގީގުގައި ކުރާ ވަރަށް އަސާސީ ކަންކަން ވެސް ފުލުހުން ކޮށްފައިނުވާކަން ހުކުމުގައި ފާހަގަކުރި އެވެ.

މިކަންކަމުން އެނގިގެން ދަނީ ރިލްވާންގެ ގެއްލުވާލުން ފަދަ އެތައް ބަޔަކު ބައިވެރިވެގެން ހިނގާފައިވާ ނުރައްކާތެރި މައްސަލައެއްގައި ފުލުހުން އެކަށީގެންވާ މިންވަރަށް ތަހުގީގު ހިންގާފައިނުވާކަން ކަމަށް ވެސް ކުރިމިނަލް ކޯޓުގެ ހިންގުމާ މީގެކުރިން ހަވާލުވެ ހުންނެވި ގާޒީ އާރިފްގެ ހުކުމުގައިވެ އެވެ.

ދައުވާ ކޯޓަށް ހުށަހެޅުމުގައި ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ އޮފީހުގެ އިހުމާލުތަކެއް ހުރިކަން ވެސް ގާޒީ ފާހަގަކުރެއްވި އެވެ. އެގޮތުން ކާރުން ފެނުނު އިސްތަށީގެ ޗެއިން އޮފް ކަސްޓަޑީ ހުށަހަޅާފައިނުވުމަކީ ޕީޖީގެ އިހުމާލެއްކަން ފާހަގަކޮށްފައިވެ އެވެ. ހުކުމުގައި ބުނީ، ޗެއިން އޮފް ކަސްޓަޑީއަކީ ދައުވާ ލިބޭ ފަރާތުން ސުވާލު އުފެއްދުމުން ހުށަހަޅަންޖެހޭ އެއްޗެއް ނޫން ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 83 ވަނަ މާއްދާގައިވާ އުސޫލުން އެނގޭ ކަމަކީ ޗެއިން އޮފް ކަސްޓަޑީއަކީ ފޮރެންސިކް ރިޕޯޓާއެކު ހުށަހަޅަންޖެހޭ އެއްޗެއް ކަމަށެވެ. އެއީ ރިޕޯޓްގެ ސައްހަކަން ކަށަވަރުވެ އެ ރިޕޯޓަކީ އިޖުރާއަތުތަކާއެކު ހަދާފައިވާ ރިޕޯޓެއްކަން އެނގިގެން ދާނެ ކަމެއް ކަމަށެވެ.

މި މައްސަލާގައި ޕީޖީގެ ފަރާތުން ޗެއިން އޮފް ކަސްޓަޑީ ހުށަހަޅާފައިވަނީ ޝަރީއަތް ފެށިގެން ކުރިއަށް ދަނިކޮށެވެ. އެ ސިޓީއެއްގެ ގޮތުގައި ޝަރީއަތަށް ހުށަހެޅި ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި އޭގެ ވާހަކަ ޕީޖީގެ ވަކީލް ފާހަގަކުރައްވާފައެއް ނުވެ އެވެ. އެހެންވެ އެ ހުށަހަޅާފައިވާކަން ވެސް ދައުވާ ލިބޭ ފަރާތްތަކަށް ނޭނގެ އެވެ. ޕީޖީގެ ވަކީލް ޗެއިން އޮފް ކަސްޓަޑީގެ ވާހަކަ ދެއްކެވީ ހުލާސާ ބަޔާން އިއްވަމުންނެވެ.

މި މައްސަލާގައި އެންމެ މުހިންމު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ އާލިފްގެ ރަތް ކާރުން ފެނުނު އިސްތަށިން ފެނުނު ޑީއެންއޭ އެވެ. އެ އިސްތަށިން ފެނުނު މައިޓްރޯކޮންޑަލް ޑީއެންއޭ، ރިލްވާންގެ މަންމަ އައިޝަތު އީސާގެ ޑީއެންއޭއާ ދިމާވެ އެވެ. ޑީއެންއޭ ޓެސްޓްތައް ހަދާފައިވަނީ ތައިލޭންޑްގެ ލެބޯޓްރީއަކުންނާއި ވިއެޓްނާމުންނެވެ. އެ ރިޕޯޓްގެ އަސްލަކަށް ބަަލައިގެން ދިވެހި ފުލުހުންގެ އޮފިސަރެއް ވެސް ރިޕޯޓް ތައްޔާރުކުރި އެވެ. އޭނާ މައްސަލާގައި ހެކި ބަސް ވެސް ދިނެވެ.

އޭނާ ހެކި ބަސް ދެމުން ބުނެފައިވަނީ އިޓްރޯކޮންޑަލް ޑީއެންއޭއަކީ މަންމަގެ ފަރާތުން އަންނަ އެއްޗެއް ކަމަށާއި އެ ދިމާވާނީ އެއް ބަނޑު މީހުންނާއި އެއް ބަނޑު އަންހެނުންގެ އަންހެން ދަރިންނާ ކަމަށެވެ. އެހެންވެ، ރިލްވާންގެ އެއްބަނޑު ހަތަރު ދައްތަ އާއި ހަތަރު ބޭބެގެ ހެކި ބަސް ނަގާފައިވެ އެވެ. އެ އެންމެންގެ ހެކި ބަހުން ވެސް އާލިފްގެ ކާރަށް އެއިން އެކަކު ވެސް ނާރާކަން ކަށަވަރުވާ ކަމަށާއި އެމީހުންގެ އިސްތަށި އެ ކާރަށް ދިޔުމުގެ ފުރުސަތު ނެތްކަން ވެސް އެނގޭ ކަމަށެވެ. އެހެންވެ އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު އެއީ އެމީހުންގެ އިސްތައްޓެއް ނޫން ކަމަށް ޝަރީއަތަށް ކަނޑައެޅޭނެ ކަމަށް ހުކުމުގައި ބުންޏެވެ.

ހުކުމުގައި ބުނީ، އެ އިސްތަށިން ފެނުނު ޑީއެންއޭ ދިމާވާނެ ކަމަށް ބެލެވޭ އެންމެން ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް ބުނާއިރު ރިލްވާންގެ މަންމަގެ އެއްބަނޑު އަންހެނުން ތިބި ކަމެއް ނުވަތަ ނެތް ކަމެއް އަދި ރިލްވާންގެ އެއްބަނޑު ދައްތަމެންގެ އަންހެން ދަރިން ތިބި ކަމެއް ނުވަތަ ނެތް ކަމުގެ މައުލޫމާތެއް ވެސް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށެވެ. އެމީހުންނަކީ ވެސް އެ ޑީއެންއޭ ދިމާވާނެ ބައެއްކަން ހުކުމުގައި ފާހަގަކުރި އެވެ. ރިލްވާންގެ މަންމަ އާއި އެއްބަނޑު މީހުންގެ ހެކި ބަސް ނެގުމުގެ މަގުސަދު އެހެންވެ ހާސިލްވެފައިނުވާ ކަމަށެވެ.

މީގެއިތުރުން ރިލްވާން ގެއްލުނު ރޭ އޭނާއަށް މި މައްސަލާގައި ދެން ދައުވާކުރި ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދު ފާރަލީ ކަމަށް ބުނެ ހުށަހަޅާފައިވާ ވީޑިއޯއަކީ ވަރަށް ނުސާފު ވީޑިއޯއެއް ކަމާއި އެ ވީޑިއޯގެ އެނާލިސިސް ރިޕޯޓެއް ވެސް ފުލުހުން ހަދާފައިނުވާކަން ފާހަގަކުރި އެވެ. އަދި ވީޑިއޯއާ އާލިފާއި ނޫރައްދީންއާ ގުޅޭ ގޮތެއް ވެސް ދައުލަތުން ބުނެދީފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. ސުއައިދުގެ ބައި ވަނީ އަނބުރާ ފޮނުވާލާފަ އެވެ. އޭނާ ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް ވީނުވީއެއް ނޭނގެ އެވެ. އޭނާއަށް ވީ ގޮތެއް ވީ ތަނެއް ފުލުހުންނަށް ހޯދިފައެއް ނުވެ އެވެ.

ހުކުމުގައި ބުނީ، ތަހުގީގުގައި ކޮންމެހެން ދޫކޮށްލައިގެން ނުވާނެ އުސޫލުތަކަށް މި މައްސަލާގައި ފުލުހުން އެއްގޮތަކަށް ވެސް އަމަލުކޮށްފައިނުވާ ކަމަށެވެ. އެހެންވެ މި މައްސަލަ އާލިފާއި ނޫރައްދީންގެ މައްޗަށް ސާބިތު ކުރެވޭނެ އެކަށީގެންވާ މިންވަރަށް ހެއްކެއް ނެތް ކަމަށް ކަނޑައަޅައި ޓެރަރިޒަމްގެ މައްސަލައިން އެ ދެ މީހުން ވަނީ ސަލާމަތްކޮށްދީފަ އެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ ދެ ފާރަތަށް ވެސް 10 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.