ހަބަރު

ފުލުހުންގެ އިހުމާލު އޮތްކަން ސާބިތުވެއްޖެ، ދައުވާކުރާނަން: ރިލްވާންގެ އާއިލާ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލާގެ ތަހުގީގުގައި ފުލުހުންގެ ބޮޑު އިހުމާލުތަކެއްވާކަން މިއަދު ކުރިމިނަލް ކޯޓުން އިއްވި ހުކުމުން ސާބިތުވެފައިވާ ކަމަށާއި އެހެންވެ ފުލުހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް އާއިލާއިން
ބުނެފި އެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލި ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީން އެ ދައުވާއިން މިއަދު ސަލާމަތްވެފައިވަނީ އެކަށީގެންވާ މިންވަރަށް ފުލުހުން ތަހުގީގު ހިންގާފައިނުވާތީ ހެކި ލިބިފައިނުވާތީ ކަމަށް މިއަދު ކުރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް އިއްވެވި ހުކުމުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ރިލްވާންގެ އެއްބަނޑު ދައްތަ ފާތިމަތު ޝެހެނާޒް އަވަސްއަށް ބުނީ، ރިލްވާން ގެއްލުވާލި ކަމުގެ ތުހުމަތުވީ މީހުން މިނިވަންވެގެން ދިޔުމަކީ އެ އާއިލާއަށް ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ. އަދި ފުލުހުންގެ އިހުމާލުން އެފަދަ ކަމެއް ވުމަކީ ގައުމަށް ވެސް ލިބޭ ބޮޑު ދެރައެއް ކަމަށެވެ.

"މިއީ އެހެން ދިވެހި ރައްޔިތަކު ވަގަށް ނަގައި ގެއްލުވާލުމަކީ ބޮޑު ކަމެއް ނޫން ކަމަށް ފުލުހުން ގަބޫލުކުރާކަން ދައްކުވައިދޭ ކަމެއް، މިކަމުގައި ފުލުހުންގެ އިހުމާލާއި ސަރުކާރުގެ ބައިވެރިވުން އޮތްކަން އެއީ މިހާރު ޔަގީންވެ ސާބިތުވާ ކަމެއް، މި އާއިލާއިން އިންސާފު ހޯދަން މިކުރާ ހަނގުރާމަ ހުއްޓާ ނުލާނަން،" ޝެހެނާޒް ބުންޏެވެ.

ޝެހެނާޒް ބުނީ، ފުލުހުންގެ އިހުމާލު އޮތްކަން މިއަދު ސާބިތުވެފައިވާތީ ފުލުހުން ގޮވައިގެން ކޯޓަށް އެ އާއިލާ ދާނެ ކަމަށެވެ. އަދި އާލިފާއި ނޫރައްދީންގެ ކުށެއް ނެތް ކަމަށް އެ އާއިލާއިން ގަބޫލު ނުކުރާތީ ކުރިމިނަލް ކޯޓުން އެމީހުންގެ ކުށެއް ނެތް ކަމަށް ކަނޑައެޅި ކަނޑައެޅުން އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި އެދޭނެ ކަމަށެވެ.

ރިލްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހު އެވެ. އެކަމަށް މި މަހު ހަތަރު އަހަރު ފުރޭއިރު މިހާތަނަށް ރިލްވާންއަށް ވީގޮތް ފުލުހުން ހޯދިފައެއް ނުވެ އެވެ. އެ މައްސަލާގައި ތަހުގީގެއް ހިންގައި ދައުވާ ކުރި ހަމައެކަނި މީހުން ވެސް މިއަދު މިނިވަންވެފައިވާތީ ރިލްވާންގެ ގާތް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.