ހަބަރު

ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް އަލުން ފަށަން ތައްޔާރުވެއްޖެ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، އުއްތަމަ ފަނޑިޔާރު އޮނަރަބުލް ޑރ. އަހުމަދު ޢަބްދުﷲ ދީދީގެ އިރުޝާދާއެކު، އަލުން މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ހައިކޯޓު ދެކުނު ގޮފީގެ މަސައްކަތް އަލުން ފެށުމަށް މި ތައްޔާރުވީ، ސުޕްރީމް ކޯޓުން ފެބުރުއަރީ މަހުގެ ހަވަނަ ދުވަހު ފާސްކޮށްފައިވާ ގަރާރުގައިވާ ގޮތުގެ މަތީންނެވެ.

އެ ގަރާރުގައިވާ ގޮތުގެ މަތީން، ހައިކޯޓުގެ ޝަރުއީ ވަފުދަކުން ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާނެވެ. އެގޮތުން އެކުލަވާލެވުނު ފުރަތަމަ ޝަރުޢީ ވަފުދު އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއް ހަފުތާގެ ނިޔަލަށް ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާނެ ކަމަށް ހައިކޯޓުން މައުމޫލާތު ދިނެވެ.

ހައިކޯޓުން ބުނީ އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީއަތް ލަސްނުކޮށް ކުރިއަށް ގެންދިޔުމަށް ހައިކޯޓުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުގެ މަތީން، ޝަރުއީ ވަފުދުން، ދެކުނު ގޮތްޕަށް ވަޑައިގެން މަސައްކަތް ކުރައްވަން ފެށްޓެވުމުން، ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހެޅި ހުއްޓިފައިވާ މައްސަލަތައް ނިމުން އަވަސްވެ، ރައްޔިތުންނަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން، މައްސަލައިގެ ހިމެނޭ ހަސްމުން ކުރަން ޖެހޭ ހަރަދުތައް ވެސް ކުޑަވެގެންދާނެ ކަމަށް ހައިކޯޓުން ބުންޏެވެ.

މިއީ ހައިކޯޓުގެ ޝަރުއީ ވަފުދަކުން މި ގޮތުން މަސައްކަތް ކުރައްވާ ފުރަތަމަ ފަހަރެވެ. ފަނޑިޔާރުންގެ މި ދަތުރުފުޅުގައި ކުރިއަށް ގެންދަވާނީ ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހެޅި، އެ ކޯޓުގައި މިހާރު ރެޖިސްޓްރީ ކުރެވިފައިވާ މައްސަލަތަކެވެ.

މީގެކުރިން ހައިކޯޓުގެ ދެކުނު ގޮފީގައި ތިން ފަނޑިޔާރުން ތިއްބަވައިގެން ޝަރީއަތްތައް ހިންގެވި އެވެ. ނަމަވެސް އޭގެ ސަބަބުން ހައިކޯޓުގައި ފަނޑިޔާރުން މަދުވެ، ޝަރީއަތްތައް ލަސްވެގެން ދިޔަ އެވެ. ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ ގެންނެވީ ތިން މަސް ދުވަހަށެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ގޮފިތަކަށް ޝަރުއީ ވަފުދު ފޮނުވާ ގަރާރު ނެރެއްވާ އެ ފަނޑިޔާރުން ދާއިމަށް މާލެ ބަދަލު ކުރެއްވި އެވެ. އުތުރު ގޮފީގައި މިހާތަނަށް އެއްވެސް ޝަރީއަތެއް ނުހިންގަ އެވެ.