ހަބަރު

ގައިދީންގެ ފޮޓޯ ބޭނުންކޮށްގެން ހަރަކާތް ހިންގާނަމަ ފިޔަވަޅު އަޅަނީ

ކުށްވެރިން ޕްރޮމޯޓްވާ ގޮތަށް އެމީހުންގެ ފޮޓޯތައް ބޭނުންކޮށްގެން ހަރަކާތްތައް ނުހިންގުމަށް ސިޔާސީ ޕާޓީތަކަށް ފުލުހުން އަންގައިފި އެވެ.

ފުލުހުން މިހެން އެންގީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ނޫސް ބަޔާން ނެރެފައިވަމިވަނީ އިއްޔެ އިދިކޮޅު ކޯލިޝަނުން މާލޭގައި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ހިންގާފައިވަނިކޮށެވެ. އެ ހަރަކާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ފޮޓޯ ބޭނުންކޮށްފައިވެ އެވެ. އެ ފޮޓޯތައް ބޭނުންކޮށްފައިވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ކެމްޕެއިނަށް ތާއިދު ހޯދުމުގެ ގޮތުންނެވެ.

ފުލުހުންގެ ނޫސް ބަޔާނުގައި ބުނީ، މިހާރަކަށް އައިސް ޝަރުއީ ހުކުމް ތަންފީޒްކުރަމުންދާ ފަރާތްތަކުގެ ނަމުގައި ސިޔާސީ ޕާޓީތަކުންނާއި، ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެފަރާތްތަކުގެ ފޮޓޯއާއި މައުލޫމާތު ހިމެނޭގޮތަށް ތާއީދު ހޯދުމުގެ ގޮތުން ގައިދީން ޕްރޮމޯޓްކޮށް، ގާނޫނާއި ގަވާއިދާ ހިލާފަށް ހަރާތްތަކެއް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ފޮޓޯއާއި މައުލޫމާތު ބޭނުންކޮށްގެން އެފަރާތްތައް ކުރިއަށްނެރެ ޝަހުސު އޮޅޭގޮތަށް ހިންގަމުންދާ ހަރަކާތްތަކާއި އަމަލުތަކަކީ ގާނޫނުތަކާ ގަވާއިދާ ހިލާފު ހަރަކާތްތަކެއް ކަމަށް ފުލުހުން ބުންޏެވެ. ހެދިފައިވާ ގާނޫނުތަކާ ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން އެފަދަ ހަރަކާތްތައް ނުހިންގުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ އަމަލުތަކާ ހަރަކާތްތައް ހިންގާ ފަރާތްތައް ހޯދައި، އެފަރާތްތަކުގެ މައްސަލަތައް ބަލައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.