ހަބަރު

ނޮވެމްބަރު 17 ގައި އާ މިނިވަން ކަމެއް ލިބޭނެ: އައިޝާ

އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަސް ވެގެން ދާނީ މިނިވަންކަން ލިބޭ އާ މިނިވަން ދުވަހަކަށް ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ، އައިޝާ ރޭ ވިދާޅުވެއްޖެ އެވެ.

އައިޝާ އެހެން ވިދާޅުވީ، ސިޔާސީ ދާއިރާއަށް ނުކުތުމެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ޕޯޑިއަމްގައި ވާހަކަ ދައްކަވަމުންނެވެ. ޖުމްހޫރީ ޕާޓީއަށް 10 އަހަރު ފުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އައިޝާ ވިދާޅުވީ، ޖަލުތަކުގައި އެތައް ބަޔަކަށް ނުހައްގުން އަނިޔާ ލިބެމުންދާ ކަމަށާއި އެ އެންމެން މިނިވަންވުމަކީ އޭނާ އެދޭ އެދުމެއް ކަމަށެވެ.

މިދިޔަ ދުވަސްތަކަކީ ޖުމްހޫރީ ޕާޓީއަށާއި އޭނާގެ އާއިލާއަށް ވެސް ފުން ހިތާމަތަކެއް ގެނުވި ދުވަސްތަކެއް ކަމަށް ވިދާޅުވި އެވެ. އައިޝާ ވިދާޅުވީ، ގާސިމް އިބްރާހިމަކީ ގާތް ބައްޕައެއް ކަމަށާއި އަދި އެހާމެ އޯގާތެރި ފިރިއެއް ކަމަށެވެ. ގާސިމް އެ އާއިލާއާއެކު އެއް ފަސްގަނޑެއްގައި ނެތުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

ގާސިމްގެ އިތުރުން ވެސް ޖުމްހޫރީ ޕާޓީގެ އެތައް މެންބަރުނެއް އަނިޔާގެ ޝިކާރައަކަށްވެ ޖަލުގެ ތޭރިތަކުގެ ތެރޭގައި ތިބިކަން އައިޝާ ފާހަގަކުރެއްވި އެވެ.

"އިރާދަކުރެއްވިއްޔާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަސް ވެގެން ދާނީ އަޅުގަނޑުމެންނަށް އާ މިނިވަން ދުވަހެއް އާ މިނިވަން ކަމެއް ލިބިގެން ދާނެ ދުވަހަކަށް،" އައިޝާ ވިދާޅުވި އެވެ.

އައިޝާ ވިދާޅުވީ، އެ ދުވަހު ރާއްޖޭގެ ސިޔާސީ ޗާޓު އަލުން ކުރަހާލަން ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އޮއިވަރު ބަދަލުވެ މިޔުޒިކް ވެސް ބަދަލުވާނެ ކަމަށެވެ. ނެވިކަން އާވެ ހެވިކަން ވެސް ބަދަލުވާނެ ކަމަށެވެ. އެ ދުވަހަށް ތައްޔާރުވުމަކީ ޖުމްހޫރީ ޕާޓީން މިއަދު ފަށަންވީ އެންމެ މުހިންމު މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ.

"ޕާޓީ ކުރިއަށް މިސްރާބު ޖަހަންވާނީ އަޅުގަނޑު މި ދެންނެވި ބަދަލުތަކަށް ވިސްނައިގެން، ރާއްޖެ އެދި ގޮވަނީ ހެޔޮ ވެރިކަމަކަށް، އިންސާފުވެރި ވެރިކަމަކަށް، އިސްރާފެއް ނެތް ވެރިކަމަކަށް، އަމިއްލަ އެދުމުގެ ކުރިއަށް ނެރޭ ވެރިކަމަކަށް، ގައުމު އެދި ގޮވާ ގޮވުމަށް އެންމެ ފުރަތަމަ އިޖާބަދޭ ބަޔަކަށް ވާންވީ ޖުމްހޫރީ ޕާޓީގެ ފިކުރު،" އައިޝާ ވިދާޅުވި އެވެ.

އައިޝާ ވިދާޅުވީ އޭނާ ސިޔާސީ މައިދާނުގެ އިސް ސަފަށް ނުކުމެވަޑައިގެންނެވީ ރައްޔިތުން އެދޭ ބަދަލު ހޯދައިދެވޭނީ އެގޮތުގައި މަސައްކަތްކޮށްގެން ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ. ސިޔާސީ އިސް މަގާމުތައް ފުރުއްވުމަށް އަންހެން ބޭފުޅުން ތައްޔާރުވުމަށް ވެސް އައިޝާ ގޮވާލެއްވި އެވެ. އަދި އެ ފުރުސަތު ޖުމްހޫރީ ޕާޓީގަ އޮންނާނެ ކަމަށާއި އަންހެން ބޭފުޅުން އެ ޕާޓީއާ ގުޅުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.