ހަބަރު

ބްރިޖް މަތީގައި ކުރާ ކޮންމެ ކައިވެންޏަކަށް ސަރުކާރުން 27،000 ރުފިޔާ ދެނީ!

ޗައިނާއާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ "ސިނަމާލެ ބްރިޖް" މަތީގައި ކައިވެނި ހަފްލާ ބާއްވާ ފަރާތްތަކުގެ ހަފްލާގެ ހުރިހާ ހަރަދެއް ސަރުކާރުން ދޭގޮތަށް ނިންމައިފި އެވެ.

ބްރިޖް މަތީގައި ކައިވެނިކުރަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ނިންމައި ހައުސިން މިނިސްޓްރީން މިއަދު ވަނީ ފޯމް ދޫކުރަން ފަށާފަ އެވެ.

އެ ފޯމްގައި ބުނެފައިވާ ގޮތުން ބްރިޖް މަތީގައި ކައިވެނި ކުރެވޭނީ ދެމަފިރިންގެ ވެސް އަލަތު ކައިވެންޏަށް ވާނަމަ އެވެ. އެފަދަ ދެމަފިރިންނަށް ބްރިޖް މަތީގައި ކައިވެނިކޮށްދޭއިރު، އަންހެންމީހާއަށް ހެދުން ގަތުމަށް 15،000 ރުފިޔާ، ފިރިހެން މީހާ އަށް 7000 ރުފިޔާ އަދި ދެމީހުން ޒީނަތްތެރިވުމަށް 5000 ރުފިޔާ ސަރުކާރުން ދޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ފޯމް ހުށަހަޅާ ޖޯޑަކީ ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ފުރިހަމަކޮށްފައި ނުވާ ދެމީހުންނަމަ، ހައުސިން މިނިސްޓްރީން އެކަން ވެސް ކޮށްދޭނެ ކަމަށް އެ ފޯމްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ވެސް ހަފްލާގެ ފޮޓޯ ނަގައިދިނުންވެސް ހިލޭ ހަމަޖެހިގެންދާނެ ކަމަށާއި މި ހުރިހާ ކަމެއް ކުރެވިގެންދާނީ ކައިވެނިކުރާ ފަރާތާއި ހައުސިން މިނިސްޓްރީއާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ބުނެފައިވެ އެވެ.

ބްރިޖް މަތީގައި ކައިވެނި ކުރެވެނީ ވަކި ތީމްތަކެއްގަ އެވެ. އެގޮތުން ފަސް ތީމެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވިއަން، ޗައިނީސް، ފްލޯރަލް، ސަންސެޓް އަދި ވިންޓޭޖް އެވެ. އެތަނުން ރިކްއެސޓް ކުރެވޭނީ ގިނަ ވެގެން ދެ ތީމަކަށެވެ. އެ ދެ ތީމްގެ ތެރެއިން ފުރުސަތު ދެވެން އޮތް ތީމް ފައިނަލް ކުރާނީ މިނިސްޓްރީ އިންނެވެ.

ހައުސިން މިނިސްޓްރީން ބުނީ، ބްރިޖް މަތީގައި ބާއްވާ ކައިވެނި ހަފްލާގައި ބައިވެރިވެވޭނީ ގިނަވެގެން 50 މީހުންނަށް ކަމަށެވެ. އެހެންކަމުން މި ޝަރުތުތުތަކަށް އެއްބަސްވާ ފަރާތްތަކުން އަވަހަށް ފޯމް ހުށަހެޅުމަށް ވެސް ވަނީ އަންގާފަ އެވެ.

ބްރިޖް މަތީގައި ކައިވެނިކުރަން އެދޭ ފޯމް ހައުސިން އިން ދޫކުރާނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.