ގައުމަށް ނުރައްކަލެއް ވެދާނެ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް ވިދާޅުވެ އަމިއްލަ ފޭސްބުކް އެކައުންޓްގައި ޕޯސްޓެއް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ލިޔުއްވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަން ފަށައިފި އެވެ.
މިނިސްޓަރު ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް ގައުމުގެ އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ކަންކަން އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ގާތުން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެކަން މިހާތަނަށް ވެސް އެއްވެސް ރަސްމީ ގޮތެއްގައި އެއްވެސް ފަރާތަކުން ހާމަ ކުރައްވާފައެއް ނުވެ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލިސް މެންބަރު މާރިޔާ ދީދީ ވިދާޅުވީ، ޑިފެންސް މިނިސްޓަރުގެ އެ އަމަލުން އެ ބޭފުޅަކީ ސިއްރު ހިފެހެއްޓޭ ބޭފުޅެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެފަދަ ބޭފުޅަކު ޑިފެންސް މިނިސްޓަރުގެ މަގާމުގައި ބަހައްޓަން ނުވާނެ ކަމަށާއި މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.
"ޑިފެންސް މިނިސްޓަރު ކަމަށްވާނަމަ އެ ބޭފުޅާއަށް އެކަން ފޭސްބުކްގައި އަޕްޑޭޓެއް އެހެނެއް އެގޮތަކަށް ނުކުރެއްވޭނެ، ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަ ބޭފުޅާ އެ ބޭފުޅާއަށް ކަމެއް ޝައްކު ކުރެވިގެން ކަމެއް ވެދާނެހެން ހީވެގެން އެގޮތަށް ނުލިޔުއްވޭނެ، އޮފިޝަލީ ހިއްސާ ކުރަން ޖެހޭނީ ހިއްސާ ކުރައްވަންޖެހޭ ފަރާތްތަކާ، ރައްޔިތުން ބިރުގަންނާނެ ގޮތަށް އަމިއްލަ ފޭސްބުކް އެކައުންޓް ގެންގުޅުއްވާ ބޭފުޅަކަށް ޑިފެންސް މިނިސްޓަރު ވެއްޖެ،" މާރިޔާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވިދާޅުވީ، ގައުމުގެ އަމާން ކަމަށް ނުރައްކަލެއްގެ މައުލޫމާތު ލިބިފައިވާނަމަ އެކަން ރައްޔިތުންގެ މަޖިލީހުގެ ނޭޝަނަލް ސެކިއުރިޓީ ކޮމެޓީ އާއި 241 ކޮމެޓީއަށް ރައީސް ޔާމީން ހިއްސާ ކުރައްވަން ޖެހޭނެ ކަމަށެވެ.
ކުރީގައި ސިފައިންގެ އިސް މަގާމުތައް އަދާ ކުރެއްވި އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ވިދާޅުވެ އާދަމް ޝަރީފް ފޭސްބުކްގައި ލިޔުއްވުމަކީ ޖޯކެއް ކަމަށެވެ. އެފަދަ މައުލޫމާތެއް އޮތް ނަމަވެސް އެކަން ރަސްމީ ސިފައެއްގައި ރައްޔިތުންނަށް ތަފްސީލްކޮށް ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.