ރާއްޖޭގެ ތިންލައްކަ މީހުންގެ އާބާދީ އެއްތަންކޮށް ތަރައްގީ އާއި ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެ ވަޑައިގެންނެވި "ވިލިމާލެ ދޭއް" މަޝްރޫއުގައި ހިއްކާ ބިމުން ގޯއްޗާއި ފްލެޓަށް އެދޭ ފޯމް މާދަމާ ހައުސިން މިނިސްޓްރީން ދޫކުރަން ފަށާނެ އެވެ.
ފޯމް ދޫކުރުން މާދަމާ ފެށި ނަމަވެސް މިނިސްޓްރީން ފޯމް ބަލައިގަންނަން ފަށާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
"ހިޔާ އެކޮމްޕްލިޝްޑް" ގެ ނަމުން ނަންދީފައިވާ މި މަޝްރޫއުގެ ފޯމްތައް މާދަމާ ދޫކުރަން ފަށާނެކަމަށް އެ މަޝްރޫއު ތަފްސީލު ކޮށްދެއްވުމަށް މިމަހުގެ 1 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ މާދަމާ ފޯމް ދޫކުރަން ފަށާނީ ކުރިއަށް އޮތް ހަތަރު މަސް ދުވަހަށް ކަމަށެވެ. އަދި އޭގެ ފަހުން ފޯމް ލުމަށް ހުޅުވައިލާނެ ކަމަށެވެ.
ވިލިމާލެ ދޭއް މަޝްރޫއުގެ ފްލެޓްތަކަށް ލެވޭނީ، މިހާރު އިއުލާންކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓަށް ފޯމްލާ ފަރާތެއްނަމަ އެ ފޯމް ކެންސަލް ކުރުމަށްފަހު އެވެ.
ވިލިމާލެ ދޭއްގެ މަޝްރޫއަކީ މާލެ އާއި ކައިރީގައިވާ ދެ ފަޅެއް ހިއްކައިގެން އެތަން އާބާދުކުރުމުގެ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މުޅި ގުޅީފަޅު ހިއްކާނެ އެވެ. އެއީ 230 ހެކްޓަރެވެ. އެ ބިމުން 130 ހެކްޓަރުގައި 1000 އަކަފޫޓްގެ 82000 ފްލެޓް އަޅާނެ އެވެ. އަދި ޒަމާނީ ސިޓީއެއްގެ ހުރިހާ ސިފަތަކަކާއެކު އެތަން ތަރައްގީ ކުރާނެ އެވެ.
އަދި މާލެ ކައިރީގައި އޮންނަ ފުށި ދިއްގަރު ފަޅުވެސް މި މަޝްރޫއުގެ ދަށުން ހިއްކާނެ އެވެ. އެއީ ގާތްގަނޑަކަށް 800 ހެކްޓަރެވެ. އެހެންކަމުން ހިޔާ އެކޮމްޕްލިޝް މަޝްރޫއުގެ ދަށުން ޖުމްލަ 1000 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ފުށި ދިއްގަރު ފަޅުގައި ހިއްކާ ބިމުން ދޫކުރާނީ ގޯއްޗެވެ. ގޯތިވެސް ދޫކުރަނީ 1000 އަކަފޫޓުގެ ގޯއްޗެވެ.