ހަބަރު

އިތުރު 1،000 ހައްޖު ކޯޓާ ސައުދީން ރާއްޖެއަށް ދީފި

އިތުރު 1000 ހައްޖު ކޯޓާ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދީފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ގދ. މަޑަވެލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހާރިޖީ ސިޔާސަތުތަކުގައި ސައުދި އަރަބިއްޔާއާއެކު އޮތް ގުޅުން ވަރުގަދަވުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އިތުރު 1000 ކޯޓާ ހަމަޖެހިފައިވާ ކަމަށެވެ. އަދި އަލަށް ލިބުނު ކޯޓާގެ ދަށުން މި އަހަރު މީހުންނަށް ހައްޖަށް ދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިތުރު ކޯޓާގައި މީހުންނަށް ހައްޖަށް ދެވޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އޭގެ ތަފްސީލެއް ރައީސް ވިދާޅެއް ނުވެ އެވެ.

މީގެކުރިން ރާއްޖެއަށް ދީފައިވަނީ 1000 ކޯޓާ އެވެ. ހަތަރު ގުރޫޕަކާއި ހައްޖު ކޯޕަރޭޝަނުން މި އަހަރު މީހުން ހައްޖަށް ގެންދާއިރު ހައްޖަށް މީހުން ވަނީ ފުރަން ފަށާފަ އެވެ. މީގެކުރިން ވެސް އެންމެފަހު ވަގުތު ސައުދި އަރަބިއްޔާއިން ރާއްޖެއަށް އިތުރު ކޯޓާ ދީފައިވެ އެވެ.